ބޮލީވުޑް

ފުރަތަމަ ދުވަހުގެ ޝޫޓިން ދިޔައީ ފެނަށް: އަނަންޔާ

އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. ޕްރޮފެޝަނަލް ސްޓާރެއްގެ ގޮތުގައި ކެމެރާ އާ ކުރިމަތިލީ ފުރަތަމަ ދުވަސް ދިޔައީ ވަރަށް "ފެން" ކޮށް ކަމަށް އަނަންޔާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ހަގީގަތުގައި ވެސް އަނަންޔާގެ ފުރަތަމަ ޝޮޓަށް ހުރަސް އެޅުނީ ވާރޭގެ ސަބަބުންނެވެ. އަދި އޭރުގެ ފިލްމުގެ ބަތަލު ޓައިގާ ޝްރޮފް އާއި އަނެއް ބަތަލާ ތާރާ ސުރާރިއާގެ އެންޓްރީ ޝޮޓްގެ ޝޫޓިންގް ނިމިއްޖެ އެވެ. އެހެން މީހުންނަށް ރަނގަޅަށް ޝޫޓް ކުރެވިފައި އޭނާއަށް ނުކުރެވުމުން ވަރަށް ދެރަވެ މާޔޫސްވީ ކަމަށް އަނަންޔާ ބުންޏެވެ.

"އަހަރެމެންގެ ފުރަތަމަ ޝޮޓް އަކީ 'ޖަޓް ލޫދިއާނޭ ދާ' ލަވައިގެ މަންޒަރެއް. މި ލަވައިގެ ތެރެއިން ކޮންމެ އެކްޓަރަކަށް ވެސް ވަކިވަކިން އެމީހެއްގެ ތައާރަފު ދޭނެ ފުރުސަތު ދޭނެ ކަމަށް ޑައިރެކްޓަރު ޕުނީތު މަލްހޯތުރާ އޮތީ ވައުދުވެފަ. އެހެން ނަމަވެސް ވާރޭގެ ސަބަބުން އަހަރެންގެ ޝޮޓް ނެގޭ ގޮތް ނުވީ،" އަނަންޔާ ބުންޏެވެ.

އަނަންޔާ ބުނި ގޮތުގައި ޓައިގާ ތައާރަފްވާ ޝޮޓަކީ ޑާންސް ސްޓެޕެކެވެ. ތާރާގެ ބިއުޓީ ޝޮޓެކެވެ. އަދި އޭނާގެ ޝޮޓް ފަށަން ތައްޔާރުވީއިރަށް ވާރޭ ވެހެން ފަށައިގެން ހުރީ ކަމެއް ފެނަށް ދިޔައީ އެވެ.

"އަހަރެން ވަރަށް ދެރަވި. ފުރަތަމަ ދުވަހު މިހެންވީމަ ދެން އަހަރެންނަށް ދުވަހަކު ވެސް ރަނގަޅަށް ޝޫޓިންގް ކުރިޔަށް ނުގެންދެވޭނޭ ހިތަށް އެރި. ނަސީބަކުން ޕުނީތު އަހަރެމެންގެ މަންޒަރު އިންޑޯ ޝޮޓަކަށް ބަދަލުކޮށްލީމަ ހުރިހާ ކަމެއް ވެސް ހަމަޖެހުނީ،" ކުރީގެ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ބުންޏެވެ.

އަނަންޔާ ބުނި ގޮތުގައި އޭނާގެ މައިންބަފައިންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފިލްމީ ކެރިއަރުގައި ވެސް ލިބެ އެވެ.

"އެމީހުންނަކީ ހަގީގީ ފޭނުންނަކީ. އަހަރެން އުފާވާ ހިތްހަމަޖެހޭ ކަމެއް ކުރުމަށް އެމީހުން އަބަދުވެސް ބުނޭ. އަދި އެމީހުންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭ. އަހަރެން ފިލްމުކުޅެން ފެށީ ވަރަށް ޅަ އުމުރުގައި ކަމަށް ވާތީ އެމީހުން އަބަދުވެސް އަހަރެންނަށް އެހީތެރިވުމުގައި ދެމި ތިބޭ،" އަނަންޔާ ބުންޏެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ފަހު އަނަންޔާ ދެން ކުޅުނީ ކާރްތިކް އާރްޔަން އާއި ބޫމީ ޕެޑްނޭކަރް އާއެކު ކުޅުނު "ޕަތީ ޕާތުނީ އައުރް ވޯ" އެވެ.