ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަލި ޖެހުނު 80 އަހަރުގެ މީހާ: ހާލު ވަރަށް ބޮޑަށް ދަށްވެދާނެ

ކޮވިޑް-19 ޖެހިފައިވާ އުމުރުން 80 އަހަރުގެ ދިވެހި މީހާ ގައިގައި ގިނަ ބަލިތަކެއް އެބަހުރި ކަމަށާއި އޭނާގެ ހާލު ވަރަށް ބޮޑަށް ދަށްވެގެން ހިނގައިދާނެ ކަމަށް އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހަސަން ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މޫސާ ވިދާޅުވީ 80 އަހަރު ޕޭޝަންޓް މިވަގުތު އެޑްމިޓްކޮށްފައި ވަނީ "ޑީއެޗް11" ގެ އައިސީޔޫގައި ކަމަށާއި އޭނާއަކީ ސްޓްރޯކްއެއް ޖެހިގެން ދެ އަހަރުވަންދެން އެނދުމަތިވެފައި ހުރި މީހެއް ކަމަށެވެ.

އޭގެ އިތުރުން ވެސް ގިނަ ބަލިތަކެއް އޭނާ ގައިގައި ހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާއި ކޮލެސްޓްރޯލް ވެސް އޭނާގެ ހުރި ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ. އޭގެ އިތުރުން ކާއެއްޗެހި ނޭވާހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އޭނާ އެތައް ފަހަރަކު ހޮސްޕިޓަލްގަ އެޑްމިޓްކޮށްފައި ހުރި މީހެއް ކަމަށް ވެސް ޑރ. މޫސަ ވިދާޅުވި އެވެ.

"މިއީ 80 އަހަރުގެ މީހަކަށްވެފައި މިހާ ގިނަ އެކި ބަލިތައް ތަހަންމަލު ކުރަމުން އަންނަ މީހަކަށް ވާތީވެ މިކަހަލަ ބައްޔެއްގައި ވަރަށް ބޮޑަށް ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށް މީނަ ބެލެވެނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

އުމުރުން 80 އަހަރުގެ މީހާ އެޑްމިޓް ކުރިއިރު އޭނާގެ އޮކްސިޖަން ހުރީ 94 ޕަސަންޓުގައި ކަމަށާއި ނަމަވެސް އާދައިގެ މީހެއްގެ އޮކްސިޖަން ހުންނަން ޖެހޭނީ 98 ގައި ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ. އަދި އެއީ އިންޒާރުގެ ނިޝާނެއް ކަމަށާއި ހާލަތު ގޯސްވެދާނެ ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.

"މިހާ ބަލި މީހެއްގެ ކޮވިޑް ޕޮސިޓިވްވެގެން އައުމުން އޭގެން ދޭހަވަނީ މާހައުލު ތެރޭގައި ބަލި ފުދޭވަރަކަށް ފެތުރިފައިވާ ކަން. އޭގެ އިތުރުން ދުވަސްވީ މީހުންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ބަލަންވާނެ އަލާމާތެއް އައިސްފިއާ އެޗްޕީއޭއަށް ދައްކަން އެގޮތުން ހުން އައިސްފަ ކެއްސާ އަދި މެއަށް ތަދުވެ ކަމެއް ވެއްޖެއާ ވަގުތުން އިރުޝާދު ނަގަންވާނެ،" ޑރ. މޫސަ ވިދާޅުވި އެވެ.

ކޮވިޑް-19 ބަލި އުމުރުން ދުވަސްވެފައި ހުންނަ މީހުންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޑރ. މޫސަ ވިދާޅުވީ އޭގެ އެއް ސަބަބަކީ އެ މީހުންގެ ދިފާއީ ނިޒާމް ބަލިކަށިވުން ކަމަށާއި އެހެންކަމުން އެފަދަ މީހުން ކައިރިއަށް ގޭގައި ތިބޭއިރު ވެސް ދާން ޖެހޭނީ މާސްކު އަޅައިގެން ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.