ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުލި ނުދެއްކޭ މީހުން މަގުމަތި ނުކުރަން އެދެފި

މި ދުވަސްވަރު ކުލި ނުދެއްކުނު ނަމަވެސް މީހުން ނެރެ މަގުމަތި ނުކުރަން ސަރުކާރުން ގޮވާލައިިފި އެވެ.

ކުލި ނުދެއްކިގެން ގެއިން ނެރުނު ދެ ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ވަގުތީ ހިޔާއަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އެއީ އެއްބަނޑު ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އެނޫން ވެސް އެފަދަ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކުލި ނުދެއްކުމުން ގެއިން ނެރެލާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާ މި ހާލަތުގައި ކުލި ނުދެއްކުނު ނަމަވެސް ކޮންމެވެސް އިންތިޒާމްތަކެއްގެ ދަށުން އެ މީހުން ގޭގޭގައި ބައިތިއްބައިދިނުމަށް އޭނާ ވަނީ އެދިފަ އެވެ. އަދި އެފަދަ މީހުންނަށް ސަރުކާރުން އެހީތެރި ވެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ގޭގެ ކުލި ނުދެއްކިގެން އެ ގެއިން ބޭރަށް ނުކުތުމަށް މި ހާލަތުގައި ބަޔަކަށް ވަނީ އަންގާފައި. އަދި އެފަދަ އެތައް ކޭސްތަކެއް އުޅޭކަމުގެ މައުލޫމާތު، މާލޭގައި ވަކިން ހާއްސަކޮށް އުޅޭ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ. މިކަހަލަ ލޮކްޑައުންއެއްގައި އޮންނަ ހާލަތެއްގައި ވަންނާނެ ތަނެއްނެތި މީހަކު މަގުމަތިވާން އެހެން ދޫކޮށްނުލުން އެއީ ކޮންމެހެން މުހިންމު ކަމެއް." އޭނާ ވިދާޅުވި އެވެ.

މަބުރޫކް ވިދާޅުވީ ސަރުކާރުގެ އިލްތިމާސަކީ ކުލި ނުދެއްކިގެން ބަޔަކު ގެއިން ބޭރަށް ނެރެ މަގުމަތި ނުކުރުން ކަމަށެވެ.