ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ހަތަރު މީހަކު ހައްޔަރަށް، 38 މީހަކު ޖޫރިމަނާ

Apr 21, 2020

މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ހިލާފު ވެގެން، މިއަދު ވެސް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ގިނަ މީހުންގެ ފަރާތުން އެއްބާރުލުން ލިބުނު ނަމަވެސް ލޮކްޑައުނާ ހިލާފަށް ހުއްދަ ނެތި ބައެއް މީހުން އަދިވެސް މަގުތަކަށް ނުކުމެ އުޅޭ ކަމަށެވެ.

އެގޮތުން، މިއަދު ލޮކްޑައުނާ ހިލާފުވި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު 38 މީހަކު ޖޫރިމަނާ ކުރި އެވެ. މި ނަމްބަރާއެކު ލޮކްޑައުން އިއުލާނުކުރި ފަހުން، މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ އަދަދު 209 އަށް އެރީ އެވެ.

މިއަދު މަގުމަތީގައި އުޅުނު 71 ބިދޭސީއަކު ހިފަހައްޓައި މާލޭގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަކަށް ގެންދިޔަ އެވެ. އަދި ވަންނާނެތަނެއް ނެތި މަގުމަތީގައި އުޅުނު 44 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރު ކޮށްދީ ކާބޯތަކެއްޗާއި އެހެނިހެން އެހީތެރިކަން އިދާރާތަކާ ގުޅިގެން ހަމަޖައްސައި ދިނެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވީ މަގުމަތިވެފައިވާ ތިބި 87 މީހަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން މިހާތަނަށް ބޯހިޔާވަހި ކަމާއި ކާބޯތަކެއްޗާއި ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 25 މީހަކު ހިމެނޭ ކަމަށާއި އެ މީހުނަށް ރީހެބިލިޓޭޝަންގެ ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ 14 ދުވަހަށެވެ. މާލެއިން މިދިއަ ހައެއްކަ ދުވަހު ކޮންމެ ދުވަހަކުހެން ބަލީގެ ގިނަ ކޭސްތަކެއް ފެންނަމުން ދާއިރު، މިހާތަނަށް މާލެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 64 އަށް އަރައިފައި ވެއެވެ