ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިރު ގަންނަންވީ ހައްޔަރު ކުރާނެތީއެއް ނޫން: ޕޮލިސް

Apr 24, 2020

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވާއިރު، އެ ފިޔަވަޅާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުން ބިރު ގަންނަންވީ ފުލުހުން ހައްޔަރު ކޮށްފާނެތީ ނޫން ކަމަށާއި، ޖެހިލުންވާނީ ނުރައްކާތެރި ބައްޔެއްޖެހި ނޫނީ އެ މީހުންގެ ފަރާތުން އެހެން ބަަޔަކަށް ބަލި ފެތުރިގެން ހިނގައިދާނެތީ ކަމަށް ފުލުހުން ބުނެފި އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ކާބޯތަކެތި ގަތުމަށް ގޭބީސީތަކުގެ އިތުރުން ޑެލިވަރީ ކުރާ ފަރާތްތަކަށް ފުލުހުން ދޫކުރާ ހުއްދަ ނެތި އަދިވެސް ގިނަ ބައަކު މަގުމައްޗަށް ނުކުންނަ ކަމަށެވެ.

މިހާތަނަށް ވެސް 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާއިރު ފުލުހުންގެ ހުއްދަ ނެތި މަގުމަތީގައި އުޅުނު 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގޭބީސީއަކަށް ކޮންމެ ތިން ދުވަހުން އެއް ދުވަހު ކާބޯތަކެތި ގަންނަން ފިހާރަތަކަށް ދިއުމުގެ ހުއްދައިގެ އިތުރުން ޑެލިވަރީ ކުރާ އެކިއެކި ވިޔަފާރިތަކަށް ވެސް މިހާތަނަށް 4،000 އަށް ވުރެ ފާސް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ހުއްދައިގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށާއި، އެގޮތަށް އަމަލުކުރާ ފަރާތްތަކުގެ ހުއްދަތައް ބާތިލު ކުރާނެ ކަމަށެވެ.

"ފިހާރައަށާއި އެކި ބޭނުންތަކަށް ދާން ބޭނުންވާ ފާސް ހޯދަން އެދި، އެއް ގަޑިިއިރު ތެރޭގައި އެ ނުލިބުނީމަ ޝަކުވާ އެބައާދޭ. މިހާރު މިއޮތީ ވަރަށް އުނދަގޫ ހާލަތެއް. ރައްޔިތުން ވެސް ޖެހޭ ދުރާލައި ކަންކަން ޕްލޭން ކުރަންޖެހޭ. އެގޮތުން، ތިން ދުވަސް ކުރިއަށް ޕްލޭންކޮށްފައި ބޭއްވުން މުހިއްމު ވޭ. ޝޮޕިންގް އަދި އޭޓީއެމަށް ދާން ޖެހުނަސް، އެކަންވެސް ދުރާލައި ޕްލޭން ކުރުމަކީ މުހިއްމު ކަމެއް،" ނަވީން ވިދާޅުވި އެވެ.