އާމިރު ޚާން

އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ރިލިޒްކުރާނީ އަންނަ އަހަރު

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކޮށްފައި އޮންނަތާ މަހެއްހާ ދުވަސް ވެފައިވާއިރު މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

ބޮޑެތި ފިލްމު ކުންފުނިތަކުން އުފައްދާފައިވާ އަގު ބޮޑު ބައެއް ފިލްމުތައް ނިމިފައި ރިލީޒް ނުކުރެވިފައި ހުރިއިރު ޕްރޮޑިއުސަރުންނަށް އޮތް އެންމެ ބޮޑު ހިތްދަތިކަމަކީ އަދިވެސް އެ ފިލްމުތައް ރިލީޒް ކުރެވޭނެ ތާރީޚެއް އަންދާޒާ ކޮށްލަން ވެސް ނޭނގޭތީ އެވެ.

އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ކުރިން ރިލީޒް ކުރަން އޮތީ މިއަހަރު ތެރޭ ނަމަވެސް އެ ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ލަސްކޮށްފަ އެވެ. ފިލްމުގެ ލިޔުންތެރިޔާ އަތުލް ކުލްކަރްނީ އިންޑިޔާގެ އޮންލައިން ނޫހަކަށް ބުނެފައިވާ ގޮތުގައި ފިލްމު މިއަހަރު ރިލީޒްކުރުމުގެ އެއްވެސް ފުރުސަތެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް މިހާރު މަސައްކަތް މުޅިން ނިމިފައިވާ ދެ ފިލްމެއް ލޮކްޑައުން ނިމި ސިނަމާތައް ހުޅުވުމުގެ ހުއްދަ ލިބޭ ހިސާބުން ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ. އެއީ އަކްޝޭ ކުމާރާއި ކެޓުރީނާ ކައިފްގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯންގެ "83" އެވެ.

ގިނަ ފިލްމުތަކަކީ ވަރަށް ބޮޑެތި ބަޖެޓްތަކުން އުފައްދާ ފިލްމުތަކަށް ވާތީ މި އަހަރު ރިލީޒްކުރާ ހުރިހާ ފިލްމެއް ވެސް ރިލީޒް ކުރަން ޖެހޭނީ ދުރާލާ ވިސްނާފައި ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ. ސަބަބަކީ ލޮކްޑައުންގެ ހާލަތު ނިމޭއިރު ފިލްމު ބެލުމުގެ މޫޑު ހުންނަ މީހުން ވަރަށް މަދުވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

ޓްރޭޑް އެނަލިސްޓުން މިހާރު ލަފާ ކުރަނީ ކޮރޯނާވައިރަހުގެ ސަބަބުން ފިލްމު އިންޑަސްޓްރީއަށް 300 ކްރޯޑާއި 800 ކްރޯޑާ ދެމެދުގެ އަދަދެއްގެ ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ މި ގެއްލުން ފޫބެއްދޭނެ އެއްވެސް ގޮތެއް ވެސް އެކަކަށް ވެސް ނޭނގުމެވެ.

ފިލްމު އިންޑަސްޓްރީގެ ކުރިމަގު ބައްޓަން ވެގެން ދާނީ ލޮކްޑައުން އަށް ފަހު އޯޑިއަންސް ކަންތައް ކުރާ ގޮތެއްގެ މައްޗަށެވެ.