ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު މިއަހަރުވެސް ހަދިޔާ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އަވަސްއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެ ހަދިޔާ ކުރާ ކަދުރު މިއަހަރުވެސް ރާއްޖެ ފޮނުވާފައިވާ ކަމަށެވެ. އެ ކަދުރު ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށާއި މިއަހަރު ވެސް 50 ޓަނުގެ ކަދުރު ފޮނުވި ކަމަށެވެ
މިނިސްޓަރު ވިދާޅުވީ ކަދުރުތައް ނުބެހި ހުރީ ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވުމުން ކަަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ފަގީރުންނަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ހުރިހާ ރަށެއްގެ ކައުންސިލްތަކަށްވެސް ކަދުރު ބަލާ އައުމަށް އަންގާފަ. ނަމަވެސް ހާލަތުގެ ގޮތުން އެބޭފުޅުންނަށް ވެސް އަދި ވަނީ ބަލާ އާދެވޭ ގޮތް ނުވެފަ މި އޮތީ. އެކަމަކު މާލެއިން ރަށަށް ގެންދެވޭނެ ގޮތެއް އޮތް ނަމަ އަޅުގަނޑުމެންނަށް އެންގީމަ އެރަށަކަށް ފޮނުވަ ދޭނަން. އަޅުގަނޑުމެން މިހާރު މިބަލަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ ތިބި ފަރާތްތަކަށް އެ މިނިސްޓްރީ މެދުވެރިކޮށް ކަދުރު ހަދިޔާ ކުރުމަށް. ދެން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ބަހާލެވޭ ކަމުގަ ވަނީވިއްޔާ އެ ބޭފުޅުން އެކަމަށް އެދުނީމަ އަޅުގަނޑުމެން ފޯރުކޮށްދޭނަން" މިނިސްޓަރު ވިދާޅުވި އެވެ.
އަހުމަދު ޒާހިރު ވިދާޅުވީ މިހާރު ލިބިފައިވާ 50 ޓަނުގެ ކަދުރުން ފަސް ޓަނު ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނަގާނެ ކަމަށާއި 45 ޓަނުގެ ކަދުރު ހުރިިހާ ރައްޔިތުންނަށް ބަހާނެ ކަމަށެވެ. އަދި މިހާރު ފަގީރުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް ކަދުރު ބެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޔޫއޭއީ އިން ރާއްޖެ ހަދިޔާ ކުރި 400 ފޮށި ކަދުރު މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އެ ފޮށިތައް މިވަގުތު ހުރީ ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ގުދަނުގައި ކަމަށެވެ.
ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުންނާއި އިސްލާމީ ބައެއް އެހެން ގައުމުތަކުން އަދި އިސްލާމީ ޖަމާއަތްތަކުން ކަދުރު ހަދިޔާ ކުރެ އެވެ.