މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފެނުމާއެކު، މިހާރު މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ދެން އިތުރު ބައަކަށް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ، ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގޭބީސީތަކަށް ޑެލިވަރީ ކުރުމުގެ ތެރެއިން ކަމަށާއި، އެކަމަށް ހުރިހާ ރައްޔިތުންވެސް އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މިއަދު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މުޅި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައިއޮތް އިރު، މުޖުތަމައުގެ ތެރޭގައި އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ދެން އޮންނާނީ މުދާ ޑެލިވަރީ ކުރުމުގެ ތެރެއިން ކަމަށެވެ.
އެގޮތުން، މުދާ ޑެލިވަރީ ކުރަން އުޅޭ ކުންފުނިތަކާއި މީހުންވެސް އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އެކަމުގައި އުޅޭ މީހުންގެ އަލާމާތްތައް ކޮންމެ ދުވަހަކުވެސް ބަލަންޖެހޭނެ. އެއީ އަޅުގަނޑުމެން މިހާރުވެސް ބަލާއިރު، އަލާމާތްތައް ފެށޭ ފަހުންވެސް މަސައްކަތަށް ހުންނަނީ ނުކުމެފައި. އެހެންވީމާ، އެފަދަ ބަޔަކާ ހަވާލުވި ތިބި މީހުންވެސް އެބަޖެހޭ، ރޯގާގެ އަލާމާތެއް ފެންނަ މީހުން މަސައްކަތަށް ނުނެރެ، އަދި އަޅުގަނޑުމެންނަށް ވަގުތުން ރިޕޯޓުކުރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އަދި ގޭގެއަށް މުދާ ޑެލިވަރީ ކޮށްދިނުމުން، ގައިދުރުކުރުމާއި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެތަކެތި ރަނގަޅަށް ޑިސްއިންފެކްޓް ކުރުމަށް އޭނާ މިއަދުވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އެންމެ ފުރަތަމަ ލޮކްޑައުން ކުރުމާއެކު، އޯޑަރުތައް ފުނިޖެހިގެން މުޅި ޑެލިވަރީ ސިސްޓަމް ފެއިލްވެގެން ދިއަ އެވެ. އެއާއެކު، ފުލުހުން މިހާރު ވަނީ ކޮންމެ ގޭބީސީއަކުން އެކަކު ކާބޯތަކެތި ގަންނަން ފިހާރައަށް ދެވޭނެ ނިޒާމެއް ގާއިމުކޮށްފަ އެވެ. ފުލުހުން ގާއިމުކޮށްފައި ޕޯޓަލެއްގެ ދަށުން އެ ހާއްސަ ހުއްދަ ދެނީ ކޮންމެ ގެއަކަށްވެސް ކޮންމެ ތިން ދުވަހަކުން އެއް ގަޑިއިރަށެވެ.
އެގޮތަށް ފިހާރަތަކަށް ދާއިރުވެސް، މާސްކު އެޅުމުގެ އިތުރުން ގައިދުރުކުރުމުގެ އުސޫލުތަކާ އެއްގޮަތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 66 މީހަކު ހިމެނެ އެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ ފިހާރައެއްގެ ޑެލިވަރީ މަސައްކަތުގައި އުޅޭ ބައަކުވެސް ހިމެނޭތީ، ބައެއް ދުވަސްތަކުގައި އެތަންތަނަށް ދިއަ ކަސްޓަމަރުން ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.