ޝާހްރުކް ޚާންގެ ފިލްމެއް ނުނުކުންނަތާ ގިނަ ދުވަސްވެ ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ފިލްމެއް ބަލާލަން ވަރަށް ބޭނުންވެފަ އެވެ. ބޮލިވުޑްގެ ބާދްޝާހް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝާހްރުކް އެންމެ ފަހުން ކުޅެފައިވަނީ 2018 ގައި ރިލީޒްކުރި "ޒީރޯ" އެވެ. އެ ފިލްމު ފްލޮޕްވުމާއެކު ޝާހްރުކް ވަނީ ވަރަށް ދިގު ބްރޭކެއް ނަގާފަ އެވެ.
ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށް އައިއިރުވެސް ޝާހްރުކް ރަސްމީކޮށް އެއްވެސް ފިލްމެއް ކުޅެން އުޅޭކަން އިއުލާން ކޮށްފައެއް ނެތެވެ.
ނަމަވެސް ދާދިފަހުން ޓުވިޓާގައި ޝާހްރުކް އޭނާގެ ފޭނުންނާ މުއާލާމާތް ކުރުމަށް ބެއްވި ސުވާލާއި ޖަވާބު ސެޝަނެއްގައި ފޭނަކު ކުރި ސުވާލަކަށް ޝާހްރުކް ދިން ޖަވާބުން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެއް އޭނާ ކުޅެން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ.
ޝާހްރުކްގެ ފޭން އޭނާއާ ކުރި ސުވާލަކީ މާޓިން ސްކޯސޭސީ ނުވަތަ ކްރިސް ނޯލާން އާ ދެ ޑައިރެކްޓަރުން ކުރެން މަސައްކަތް ކުރަން ބޭނުންވަނީ ކާކާ އެކު ހެއްޔެވެ؟
މި ސުވާލުގެ ޖަވާބުގައި ޝާހްރުކް ބުނެފައިވަނީ ދެ މީހުންނަކީވެސް އެއްވަރުގެ ކުޅަދާނަ ދެ މީހުން ކަމަށާއި ދެ މީހުންނާ ވެސް ބައްދަލުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
"ނަމަވެސް ރާޖޫ މާ އަމިއްލަ ގޮތެއް ހުރޭ. އެހެންނު،" ޝާހްރުކްގެ ޓުވީޓްގައި ބުނެފައި ވެއެވެ. ރާޖް ކުމާރު ހިރާނީ އަށް ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން ކިޔަނީ ރާޖޫ އެވެ.
ޝާހްރުކްގެ މި ޖަވާބުން އޭނާ އެންމެ ފުރަތަމަ ކުޅޭނީ ހިރާނީގެ ފިލްމެއް ކަމަށް ގިނަ ބަޔަކަށް ވަނީ ގަބޫލު ކުރެވިފަ އެވެ. ކޮރޯނާވައިރަހުގެ މައްސަލަ ބޮޑުވުމުގެ ކުރިން ވެސް ހިރާނީގެ ފިލްމެއްގައި ޝާހްރުކް މަސައްކަތްކުރަން އުޅޭ ކަމުގެ ޚަބަރުތައް ވަރަށް ގިނައިން ވަނީ ދެކެވިފަ އެވެ. އަދި މިކަމާ ޝާހްރުކްގެ ފޭނުން ތިބި ވަރަށް އުފަލުންނެވެ. ސަބަބަކީ ހިރާނީ އަކީ ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ ޑައިރެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާތީ އެވެ.
އޭނާގެ "މުންނާބާއީ" ފިލްމުތަކާއި "ތުރީ އިޑިއަޓްސް" ފަދަ ފިލްމުތަކަކީ ހަނދާން ނައްތާ ނުލެވޭ ވަރުގެ މޮޅެތި ފިލްމުތަކަށް ވެފައި ހިރާނީ އަދި ޝާހްރުކް އާއެކު އެއްގޮތަކަށް ވެސް މަސައްކަތް ކޮށްފައި ނުވާތީ ހިރާނީގެ ފިލްމެއް ކުޅެފިނަމަ ޝާހްރުކްގެ ވަޅުޖަހަމުންދާ ފިލްމީ ކެރިއަރަށް ވަރަށް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް އޭނާގެ ފޭނުން ގަބޫލުކުރެ އެވެ.