ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ލޮކްޑައުން އުވާލާނަމަ އަނެއްކާވެސް ބަލި ފެތުރިގެންފާނެ"

Apr 23, 2020

ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމާގައި ފަރުވާކުޑަކުރެވި، ގައުމުތަކުން މިހާރު އަޅާފައިވާ ލޮކްޑައުންތައް މާ އަވަހަށް އުވާލައިފިނަމަ، ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

އެ ޖަމިއްޔާގެ އެންމެ އިސްވެރިޔާ ޑރ. ޓެޑްރޯސް ވިދާޅުވީ، ބަލި ފެތުރުމާ ދެކޮޅަށް ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރަން ފަށައިފިނަމަ، "ބަލީގެ ހުޅުގަނޑު އަނެއްކާވެސް ފަޅައިގެން" ހިނގައިދާނެ ކަމަށެވެ.

އަދި ބަލި ފެތުރޭ ހަލުވިމިނަށް ބަލާއިރު، އެފްރިކާ، އިރުމަތީ ޔޫރަޕު، މެދު އަދި ދެކުނު އެމެރިކާގައި އެ ބަލި ފެތުރިގެން ދިއުމުގެ ބިރު ބޮޑުކަމަށް ޑރ. ޓެޑްރޯސް ވަނީ އިންޒާރު ދެއްވައިފި އެވެ.

އޭގެ އިތުރުން، މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު އެ ވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގައި ޑަބްލިޔުއެޗްއޯގެ އިހުމާލުއޮތްކަމަށް ކުރެވޭ ތުހުމަތުތައްވެސް ޑރ. ޓެޑްރޯސް ވަނީ ދިފާއުކުރައްވައިފަ އެވެ.

އަދި އެ ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރުގެ އިންޒާރު ދުރާލައި ދެވުނުކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކުރެވުނީ ހަމަ އެންމެ ރަނގަޅު ވަގުތުގައި، އަދި ފިޔަވަޅުތައް އަޅަން ގައުމުތަކަށް އެކަށީގެންވާ ވަގުތު ލިބުނު،" ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯގެ މަސައްކަތަށް ގިނަ ގައުމުތަކަކުން ތައުރީފުކުރި ނަމަވެސް، ހާއްސަކޮށް އެމެރިކާގެ ބައެއް ސިޔާސީ ލީޑަރުން ގެންދަވަނީ ޑރ. ޓެޑްރޯސްގެ އިސްތިއުފާއަށް ގޮވާލައްވަމުންނެވެ.

އެކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ފުރާނަ ސަލާމަތް ކުރުމަށް އޭނާ "ރެއާއި ދުވާލު" މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 2.6 މިލިއަނަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 181،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.