ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީވާ އަބްދުﷲ

4 ބިލިއަން ރުފިޔާގެ ހުއްދަ ދޭން ވާނީ ހޭދައިގެ ރިޕޯޓެއް ލިބޭ ގޮތަށް: އީވާ

ދައުލަތް ހިންގުމަށް ޓަކައި މި ވަގުތަށް ކޮންމެހެން ބޭނުންވާ ހަތަރު ބިލިއަން ރުފިޔާ ނެގުމަށް ފިނޭންސް މިނިސްޓްރީއަށް ހުއްދަ ދޭއިރު، އެ ފައިސާ ހޭދަ ކުރަމުންދާ ގޮތުގެ ތަފުސީލުތައް މިނިސްޓްރީން އާންމު ކުރަން އަންގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 4.2 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށްދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސާދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ފޮނުވި އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އާންމު ހާލަތާ ހިލާފު ކާރިސާއެއްގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅަކީ މަޖިލީހުން އާދަޔާ ހިލާފަށް ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރުން ކުރަމުންދާ ކަން ކަމަށް ފާރަވެރިވާން ޖެހޭ ދަނޑިވަޅެއް ކަމަށެވެ.

އީވާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އެ ފައިސާ ހަރަދުކޮށް ކަންކަން ކުރާނެ ގޮތުގެ ޕްރޮގްރާމްތަކުގެ ފުރިހަމަ ރިޕޯޓެއް އެމްއެމްއޭއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓް ރައްޔިތުންނަށް ފެންނާނެ ގޮތަށް އާންމުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގާނޫނަށް މި އިސްތިސްނާ ހާލަތަށް ފިނޭންސް މިނިސްޓްރަށް ފުރުސަތު ދޭއިރު، މިނިސްޓަރު ކަންކުރާނެ ގޮތުގެ ފުރިހަމަ ޕްރޮގްރާމެއް އެމްއެމްއޭ ގަވަރުނަރުގެ އަތްޕުޅަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެން ޖެހޭނެ، ހަރަދު ކުރާނެ ގޮތުގެ ތަފުސީލީ ރިޕޯޓެއް މަޖިލީހަށް، ރައްޔިތުންނަށް ލިބެން ޖެހޭނެ،" އިވާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭގެ ގަވަރުނަރަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީގެ މެންބަރުންނަށް ވުމަކީ މަޖިލީހުގެ މެންބަރުން "ކަނު އިތުބާރެއް" ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން ދެފުށްފެންނަ ގޮތަކަށް އެ ފައިސާ ހަރަދު ކުރެވޭނެ ގޮތް ފެންނަ ގޮތަށް ފައިސާ ދޫކުރަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

މި މައްސަލައަށް މަޖިލީހުގައި މިހާތަނަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ފިނޭންސް މިނިސްޓްރީން އެދިފައިވާ ގޮތަށް ފާސް ކުރުމަށް ތާއީދު ކުރައްވައިފަ އެވެ. ވީހާވެސް އަވަހަކަށް އެ ކަން ކުރަން މެންބަރުން ތާއީދު ކުރައްވަ އެވެ. އެކަމަކު މިނިސްޓަރު އެއަށް ޖަވާބުދާރީވާނެ ގޮތަކާއި ހާމަކަން ބޮޑުކޮށް އޭގެ ތަފުސީލުތައް ހާމަ ކުރުމަށް ވެސް މެންބަރުން ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ.