ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފަގީރުންގެ ގޮތު 8764 މީހުން ރަޖިސްޓްރީ ކުރި

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން މިއަހަރު ހުޅުވައި ނުލި ނަމަވެސް މިދިޔަ އަހަރު ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކަށް ޒަކާތުގެ ފައިސާ ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިއަހަރު ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވާން ހުޅުވާ ނުލީ ކޮވިޑް-19 އާއި ގުޅިގެން ކަންކަން ބަދަލުވެފައިވާތީ ކަމަށެވެ. ނަމަވެސް މިދިޔަ ަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތުގެ ފައިސާ ދޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ޖުމްލަ 8764 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު މީގެ ތެރެއިން 1717 މީހުންނަކީ ހަމައެކަނި މާލެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނެެވެ.

އޮފިޝަލް ވިދާޅުވީ ޒަކާތުގެ ގޮތުގައި މީގެ ކުރިން ޒަކާތް ބަލައިގަތުން މިނިސްޓްރީގައި ކުރިއަށް ގެންދިޔަނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން އެގޮތަށް މިއަހަރު އިންތިޒާމް ނުކުރާ ކަމަށެވެ. އަދި ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތުވެސް ހަލަތުގެ ގޮތުން ދެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ދިރާގާ، އުރީދޫ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމާ، ބޭންކްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެމިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ފަގީރުންގެ ލިސްޓުގައިވާ ފަރާތްތަކުގެ އެކައުންޓް ނަންބަރު މިހާރު ހޯދަމުންދާ ކަމަށާއި ހުރިހާ ރައްޔިތުންގެވެސް ރައްކާތެރިކަމަށްޓަކާ މިއަހަރު ޒަކާތު ފައިސާ އޮންލައިން ޓްރާންސްފާ ކުރަން ނިންމާފައިވާ ކަމަށެވެ.