ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ބަހުސްގެ ހަގީގީ ނިންމުން ވެގެން ދާނީ ދިވެހި ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްއެމްއޭ އިން ދިގު މުއްދަތައް ލޯނު ނެގުމުގެ އިހްތިޔާރު ސަރުކާރަށް ދިނުމުގެ ހުއްދައަށް އެދި ފިނޭސް މިނިސްޓްރީން މިއަދު ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސަށް ނިސްބަތް ކޮށެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 4.2 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތި ކޮށްދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސާދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގަ އެވެ.
އެހެން ކަމުން މިނިސްޓަރުގެ ސިޓީގައި ވަނީ މާލިއްޔަތު ޤާނޫނުގެ ބައެއް މާއްދާތައް އެއް އަހަރަށް ސަސްޕެންޑްކޮށް 4.2 ބިލިއަން ރުފިޔާއަށް އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓް ބޮޑު ކުރުމަށް ހުށައަޅުއްވާފަ އެވެ.
މެންބަރުން މި މައްސަލާގައި ތަފާތު ބަހުސްތައް ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ކުރެވޭ އެންމެ މުހިންމު އެއް ބަހުސް ކަމަށެވެ.
"މިއަދުގެ ބަހުސްގެ ހަގީގީ ޔައުމިއްޔާ ވެގެން ދާނީ އަޅުގަނޑުމެންގެ ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް." ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ މިމަހުގެ ނިޔަލަށް ސަރުކާރަށް 800 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހި ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ގަންނަން ބޭރު ފައިސާ ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
މިއަދު ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބައެއް މެންބަރުން ވަނީ ރައްޔިތުންގެ އަތުގައި ހުރި ޑޮލަރުތައް ސަރުކާރާ ހަވާލު ކުރުމަށް ވެސް ގޮވާލާފައެވެ. އެކަމާ އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ބައެއް މެންބަރުން ވަނީ ފިނޭސް މިނިސްޓަރަށް ހުއްދަ ދެވޭނީ އުސޫލުތަކެއްގެ ތެރެއިން ކަމަށާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް ރިޕޯޓެއް މަޖިލީހަށް ހުށައެޅުމުން ނޫނީ ހުއްދަދޭން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރު މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހުން ގިނަ މެންބަރުން ވަނީ ފިނޭސް މިނިސްޓަރު އެދިވަޑައިގަންނަވާ ގޮތަށް އެ ހުއްދަ ދެއްވުމަށް ހުށައަޅުއްވާފަ އެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ ހޮނިހިރު ދުވަހު އެވެ. އެ ޖަލްސާއަކީ އެ މައްސަލައާމެދު މަޖިލީހުން ގޮތް ނިންމަން ބާއްވާ ޖަލްސާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.