ރޯދަ މަސް

ގޭގައި ތަރާވީހު ނަމާދު ކުރެވިދާނެތަ؟

ރޯދަ މަހަކީ އަޅުކަމުގެ މަހެކެވެ. އެ މަހުގެ ރޭތައް އަޅުކަމުން ދިރުވުމަކީ މާތް ވެގެންވާ ސުންނަތެކެވެ. އަދި އެއީ މަތިވެރި ޖިހާދެއް ވެސްމެ އެވެ. ހާއްސަކޮށް ތަރާވީހު ނަމާދު ކުރުމަކީ ގަދަވެެގެންވާ ސުންނަތެވެ. އިލްމްވެރިން ވިދާޅުވެފައިވާ ގޮތުގައި ތަރާވީހު ނަމާދަކީ ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ނަމާދެކެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ގޮތުގައި ރޯދަ މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމަށް ނަމާދުކޮށް ގިޔާމުއްލައިލް އަދާކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެ އެވެ.

ތަރާވީހު ނަމާދު ކުރުމުގައި އެންމެ މާތް ގޮތަކީ ޖަމާއަތުގައި ކުރުމެވެ. އަދި އިމާމު މީހާއާއެކު ޖަމާއަތުގައި ބައިވެެރިވެއްޖެ މީހަކަށް މުޅި ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބޭނެ ކަމަށް ހަދީސެއްގައި ބަޔާން ކޮށްފައިވެ އެވެ.

ކީރިތި ރަސޫލާ، އެކަލޭގެފާނުގެ ހަޔާތްޕުޅުގައި މިސްކިތުގައި ތަރާވީހު ނަމާދު ކުރެއްވީ ތިން ރެއެއްގަ އެވެ. ހަތަރު ވަނަ ރޭ އެކަލޭގެފާނު މިސްކިތްކޮޅަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. ބުހާރީގެ ހަދީސެއްގެ މާނާގައި ވާގޮތުން ފުރަތަމަ ރޭ އެކަލޭގެފާނު މިސްކިތްކޮޅުގައި ތަރާވީހު ނަމާދު ކުރެއްވިއިރު ސަހާބީންގެ ގިނަ އަދަދެެއްގެ ބޭކަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ދެވަނަ ރޭ އެއަށްވުރެ ގިނަ އަދަދަކަށް ބައިވެރިވި އެވެ. އަދި ތިންވަނަ ރޭ މިސްކިތްކޮޅު ފުރުނެވެ. އަދި ހަތަރުވަނަ ރޭ މިސްކިތްކޮޅުފުރި ބޭރުގައި ވެސް ތިބެން ޖެހުނެވެ.

ނަމަވެސް އެ ރޭ އެކަލޭގެފާނު ގެ ކޮޅުން ނިކުމެވަޑައެއް ނުގަންނަވަ އެވެ. އަދި ފަތިސް ނަމާދަށް ނުކުންނަވާ ނަމާދުން އަވަދިވެވަޑައިގެން ސަހާބީންނަށް ހަދީސް ކުރެއްވި އެވެ. ގިޔާމުއްްލައިލް ނުވަތަ ތަރާވީހް ނަމާދު ފަރުލު ވެއްޖެނަމަ ތިޔަބައި މީހުންނަށް ބުރައަކަށް ވެދާނެ ކަމަށްޓަކައި ތިމަން ކަލޭގެފާނު އެކަން ނުކުރައްވާ ހުއްޓަވާ ލެއްވީ އެވެ. އެރެއިން ފެށިގެން ތަރާވީހު ނަމާދު އެކަލޭގެފާނު ކުރެއްވީ ގެކޮޅުގަ އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި އެއް އިމާމެއްގެ ފަހަތުގައި ތަރާވީހު ނަމާދު ކުރަން ފެށުނީ ހަލީފާ އުމަރުގެފާނުގެ ދުވަސްވަރުގަ އެވެ. އެދުވަހުން ފެށިގެން އިސްލާމީ ގައުމުތަކުގައި ޖަމާއަތުގައި ކޮންމެ ރޯދަ މަހަކު ތަރާވީހު ނަމާދު ކުރަމުން ދެއެވެ.

ނަމަވެސް މިއަދު ހާލަތު އޮތީ ބަދަލުވެފަ އެވެ. ކޮވިޑް-19 އިގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރި ރާއްޖޭގައި ވެސް މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މާލެ ލޮކްޑައުންކޮށްފައި ވާތީ ގެއިން ބޭރަށް ނުކުމެ މިސްކިތަށް ދިއުން މިހާރު ވަނީ މަނާ ވެފަ އެވެ.

އެހެން ކަމުން މި ހާލަތުގައި އޮތީ ގޭގައި ނަމާދު ކުރުމެވެ. ތަރާވީހު ނަމާދު ގޭގައި ކުރުމަކީ އެއްވެސް މައްސަލައެއް ހުރި ކަމެއް ނޫނެވެ. އެއީ އިލްމުވެރިންގެ މެދުގައި އިހްތިލާފެއް ނެތް މައްސަލަ އެކެވެ. ރަސޫލާގެ ދުވަސްވަރުން ފެށިގެން އުމަރުގެފާނުގެ ހިލާފަތާ ހަމައަށް އެކަން އޮތީ ވެސް އެގޮތުގަ އެވެ. އެހެން ކަމުން ގޭގައި ތަރާވީހު ނަމާދު ކުރުމަކީ ސުންނަތުން ސާބިތުވާ އަދި އެ އަޅުކަމުން ހެޔޮ ދަރުމައާ ސަވާބު ލިބޭނެ ކަމެކެވެ.

ގޭގައި ތަރާވީހު ނަމާދު ކުރާއިރު އާއިލާއާ އެކުގައި ޖަމާއަތުގައި ވެސް ކުރެވިދާނެ އެވެ. އަދި ވަކިން ކުރި ނަމަވެސް އެކަމުގައި މައްސަލައެއް ނެތް ކަމަށް އިލްމުވެރިން ވިދާޅު ވެއެވެ.

ތަރާވީހު ނަމާދުގައި ކުރާނީ ކިތައް ރަކުއަތް؟

މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ތަރާވީހު ނަމާދެއްގައި ކުރާނީ ކިތައް ރަކުއަތް ހެއްޔެވެ؟

ތަރާވީހު ނަމާދަކީ ދެ ރަކުއަތުން ދެ ރަކުއަތުން ސަލާމް ދެމުން ކުރާ ނަމާދެކެވެ. އެހެން ކަމުން އެ ނަމާދުގައި ވަކި އަދަދެއް އަދި ވަކި ވަގުތެއް ކަނޑައެޅިފައެއް ނުވެ އެވެ. އިޝާ ނަމާދުގެ ފަހުން ފަތިސް ނަމާދާ ހަމައަށް ކޮންމެ ވަގުތަކު ވެސް އެ ނަމާދު ކުރެވިދާނެ އެވެ.

ކުރިން ދެ ހަރަމްފުޅުގައި ތަރާވީހު ނަމާދު އެކި މިންވަރަށް ކޮށްފައި ވެއެވެ. އެގޮތުން މައްކާގެ ހަރަމްފުޅުގައި އާންމުކޮށް ކުރަނީ 23 ރަކުއަތެވެ. ނަމަވެސް ސަހާބީންގެ ދުވަސްވަރު މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތްކޮޅުގައި 34 ރަކުއަތް ވެސް ކޮށްފައިވާ ކަމަށް ތާރީހުން ފެންނަން އެބަ އޮތެވެ.

ހަރަމްފުޅުގައި އާންމުކޮށް ކުރަނީ 23 ރަކުއަތް ނަމަވެސް މިއަަހަރު ޖަމާއަތް ހުއްޓާލާފައި ވާތީ ދެ ހަރަމްފުޅުގައި ވެސް ކުރާނީ 13 ރަކުއަތެވެ. އެއީ ވިތުރީގެ ތިން ރަކުއަތާއެކުގަ އެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ތަރާވީހުގެ އެންމެ ހެޔޮ މިންވަރަކީ 11 ނުވަތަ 13 ރަކުއަތެވެ. މާތް ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ވެސް ކުރެއްވީ އެ މިންވަރަކަށް ކަމަށް އިލްމުވެރިން ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން ދެ ރަކުއަތުން ދެ ރަކުއަތުން ސަލާމް ދެމުން ކިތަންމެ ގިނަ އަދަދަކަށް ވެސް ކުރެވިދާނެ އެވެ.

ކިޔަވަން ރަނގަޅީ ކޮން ސޫރަތްތަކެއް؟

ރާއްޖޭގައި މިފަހުން ގިނަ މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރަނީ ރޯދަ މަހުގެ ތެރޭގައި ހަތިމު ކުރެވޭ ގޮތަށެވެ.

ނަމަވެސް ތަރާވީހު ނަމާދުގައި ވަކި ސޫރަތްތަކެއް އަދި ވަކި މިންވަރަކަށް ކިޔެވުން ލާޒިމް ވެގެނެއް ނުވެއެވެ. ކޮންމެ ރަކްއަތެއްގައި ވެސް އަލްހަމްދަށް ފަހު ކީރިތި ގުރުއާނުން ބައެއް ކިޔެވުމުން ފުދޭނެ އެވެ.

ދެން އޮތީ އުންމަތުގެ ނަބިއްޔާ އަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނަކީ ކޮންމެ ކަމެއްގައި ވެސް އުންމަތަށްވާ ނަމޫނާ އެކެވެ. އެހެންކަމުން އަޅުތަކުންނަަށް އޮތީ އެ ނަމޫނާގައި ހިފާ އެ ގޮތުގައި ކުރިއަށް ދެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރޭގަނޑުގެ ނަމާދުގައި ނުވަތަ ތަރާވީހުގެ ނަމާދު އެކަލޭގެފާނު ކުރެއްވި ރޭ ރޭގައި ނަމާދު ނިމުމަށްފަހު ފަތިސް ވަގުތާ ހަމައަށް އޮންނާނީ ކީރިތި ގުރުއާނުން 50 އާޔަތް ކިޔެވޭނެހާ ވަގުުތު ކޮޅެކެވެ.

އެކަލޭގެފާނުގެ ނަމާދުތަކުގެ ފުރިހަމަ ކަމާމެދު ވިސްނާ ލާށެވެ. ތަރާވީހު ނަމާދު ކުރުމުގައި ހަތް ގަޑިއެއްހާއިރު ހޭދަ ކުރައްވަ އެވެ. ބައެއް ރޭރޭ އެކަލޭގެފާނު އެއް ރަކުއަތުގައި ފަސް ފޮތް ވިދާޅުވާ ކަމަށް ވެއެވެ. އެއީ ސޫރަތުލް ބަގަރާ، ސޫރަތުލް އާލްއިމްރާން އަދި ސޫރަތުއް ނިޝާގެ ނިޔަލަށެވެ. އަދި ރުކޫއާ، އިއުތިދާލު އަދި ސަޖިދާގައި ވެސް ހަމަ އެހާ ވަގުތު ހޭދަ ކުރައްވަ އެވެ. މިއީ މާތްރަސޫލާގެ ރީތި ނަމާދުފުޅުތަކެވެ. މި އަދަދަކަށް ކިޔެވި ނަމަވެސް ރަކުއަތްތަކުގެ އަދަދު އިތުރު ނުކުރައްވަ އެވެ. ކުރައްވަނީ 11 ނުވަތަ 13 ރަކުއަތް ކަމަށް އިލްމުވެރިން ވިދާޅު ވެއެވެ.

އޮތީ އެ މިންވަރުގައި ނުހިފުނު ނަމަވެސް ސުންނަތްކަން ގަދަ މި މަތިވެރި އަޅުކަން ކުރުމުގައި ދެމި ތިބުމެވެ. ގޭގައި ތިބެންޖެހުނު ނަމަވެސް ތަރާވީހު ނަމާދުގެ މަތިވެރި އަޅުކަމަށް ފަރުވާ ކުޑަ ނުކުރާށެވެ. މި ބަރަކާތްތެރި މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ