ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންއާއެކު ބަލި ނުފެތުރޭކަން އެނގޭނީ އަދި 14 ދުވަސް ފަހުން

Apr 23, 2020
2

ކޮވިޑް-19 އާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާއިރު، މުޖުތަމައުގެ ތެރޭގައި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވުނުކަން އެނގޭނީ އަދި އިތުރު 14 ދުވަސް ފަހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މިހާރު މާލެތެރެއިން ފެންނަމުން ދަނީ ލޮކްޑައުން ކުރުމުގެ ކުރިން މުޖުތަމައު ތެރޭގައި އެ ބަލި ޖެހިފައިވާ މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ލޮކްޑައުން އާއެކު ހާއްސަކޮށް މާލޭގައި އެ ބަލި އިތުރަށް ފެތުރިގެން ގޮސްފައިނުވާ ކަން ޔަގީންކުރެވޭނީ އިތުރު 14 ދުވަށް ފަހުން ކަމަށެވެ. ޑރ. ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި ބަލި ފެތުރުން ހުއްޓުވަން ހުރިހާ މަސައްކަތެއް މިހާރުވެސް ކުރެވެމުންދާ ކަމަށާއި ވަކި އިތުރު ކަމެއް ކުރެވޭކަށް ނެތް ކަމަށެވެ.

"މި ކަމުގައި މެޖިކް ބުލެޓެއް ނެތް. ބަލި ކޮންޓްރޯލް ކުރަން ކުރެވޭނެ އިތުރު ކަމެއް ނެތް. މިކަމުގައި އޮންނަ ކަމަކީ މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް އަޅައި، ބަލި ޖެހިފަ ހުރި މީހަކު އަވަހަށް ދެނެގަނެ، އެމީހަކު އެކަހެރިކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގް މަސައްކަތުގެ ތެރެއިން، ބަލީގެ އަލާމާތްތައް ފެންނަ ފަހުންވެސް މަސައްކަތަށް ނުކުމެފައިވާ މީހުން ފެންނަމުންދާ ކަމަށެވެ. ނަމަވެސް، އެގޮތަށް އަމަލުނުކުރުމަށާއި، ރޯގާގެ އަލާމާތެއް ހުރި ފަރާތްތަކުން މަސައްކަތަށް ނުނިކުމެ، އަމިއްލައަށް އެކަހެރިވެ، ނޫނީ ފްލޫ ކްލިނިކަށް ދިއުމަށް ޑރ. ނަޒްލާ މިރޭ ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މިއަދު އެ ބައްޔަށް ޕޮޒިޓިވްވި 23 މީހުނާއެކު، ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރައިފަ އެވެ. އެގޮތުން، އެންމެ ފަހުން ޕޮޒިޓިވްވި 14 މީހުނަކީ ބިދޭސީންކަމަށެވެ.

އަދި އެ މީހުނަށް ބަލި ޖެހުނުކަން ދެނެގަނެވިފައިވަނީ، ބިދޭސީން ބައިތިއްބާ ތަންތަނުގައި ބަލީގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓު ކުރުމުގެ ތެރެއިންކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު އެންމެ ފުރަތަމަ މާލެއިން ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. އެއާއެކު މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެ ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ރަށްރަށުގެ ރައްޔިތުންނަށްވެސް ވަނީ އަންގައިފަ އެވެ.