އަދިތުޔާ ޗޯޕްޅާ އާއި ރާނީ މުކަރުޖީއަކީ ބޮލީވުޑްގެ އެންމެ ގުޅޭ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ. މަޝްހޫރު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސްގެ ހެޑް އަދިތުޔާ އާއި ރާނީ 2014 ގައި ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ.
ދާދިފަހުން ރާނީ ދީފައިވާ އިންޓަވިއު އެއްގައި އަދިތުޔާ ދެކެ އޭނާއަށް ލޯބި ވެވުނު ސަބަބާއި އެހެން މީހުންނާއި އަދިތުޔާގެ ތަފާތުކަން ހުރި މިންވަރު ހިއްސާ ކޮށްފައި ވެއެވެ.
އަދިތުޔާގެ ކިބައިގައި ހުރި ރާނީ އެންމެ އަޅައިގަތް ސިފައަކީ އޭނާގެ މަޑުމައިތިރި ކަމެވެ. އޭނާއަކީ ވަރަށް ޕްރައިވެޓް މީހަކަށް ވީތީ އެވެ. އަދިތުޔާއަކީ ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ފަދަ މީހަކަށް ވީނަމަ ރާނީއެއް އޭނާ ދެކެ ލޯތްބެއް ނުވީސް ކަމަށް ރާނީ ބުންޏެވެ.
"އަދިތުޔާ އަކީ ކަރަން ނަމަ އޭނާ ވެސް އުޅޭނީ ޕާޓީތަކަށް ގޮސް މީހުންނާއެކު އެކި ތަންތަނުގައި އަބަދު. އެކަހަލަ މީހަކު އަހަންނަކަށް ކަމަކު ނުދޭ. އަހަރެން ބޭނުމީ މަސައްކަތް ކުރާ ގަޑި ނިމުނީމަ ގެއަށް އައިސް އަހަންނާއެކު ވަގުތު ހޭދަކުރާ ކަހަލަ ފިރިއެއް. އަހަރެންނަކީ ވަރަށް އާއިލީ މީހެއް. އެހެންވީމާ ދުވާލެއްގެ އެއްބައި އޮފީހުގައި އަނެއްބައި ބޭރުގައި ޕާޓީތަކާއި ރައްޓެހިންނާއެކު ހޭދަކުރާ މީހަކާ އެކު އުޅެން ވެއްޖިއްޔާ އަހަރެން މޮޔަ ވެދާނެ،" ރާނީ ބުންޏެވެ.
އަދިތުޔާ އަކީ އެހާ ސޯޝަލް މީހަކަށް ނުވީތީ ރާނީ އުފާކުރެ އެވެ. އަދި ވަރަށް މުހިއްމު އެހެން ކަމެއް ރާނީ ފާހަގަ ކުރި އެވެ. އެއީ ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރި ބަތަލާއެއްގެ ހައިސިއްޔަތުން ރާނީ އަށް ކުރެވިފައިވާ ތަޖުރިބާ ތަކެވެ.
ރާނީ ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެންގެ ތެރެއިން ވެސް އޭނާ ގަދަރުކުރާ ހަމައެކަނި މީހަކީ ފިރިމީހާ އަދިތުޔާ އެވެ. އެ އިންޑަސްޓްރީގެ އެހެން މީހުންގެ އެތެރެފުށާއި ބޭރުފުށް ވަރަށް ރަނގަޅަށް ދަސްވެފައިވާ މީހެއްގެ ހައިސިއްޔަތުން އިންޑަސްޓްރީގެ މީހުންނަށް ގަދަރުކުރަން ރާނީ އަށް އުނދަގުލެވެ. އެންމެ ކުރިއްސުރެ ވެސް އޭނާއަށް އެ ގަދަރާއި އިހުތިރާމް ދެވުނީ ހަމައެކަނި އަދިތުޔާ އަށެވެ.
ރާނީ ބުނާ ގޮތުގައި އޭނާ އާއި ފިރިމީހާ އަކީ ވަރަށް ޕްރައިވެޓް އަދި އެކަނި އުޅުމަށް ލޯބިކުރާ ދެ މީހުންނަށް ވާތީ އެ މީހުންގެ ކައިވެނީގެ ހަޔާތް ވަރަށް ވެސް އުފާވެރި ކަމަށެވެ.