ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިގްތިސާދު އޮތީ ވެންޓިލޭޓަރުގެ އެހީގައި: މިނިސްޓަރު

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވެފައިވާތީ، ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ އިގްތިސާދު އޮތީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ގޮތުން، ދަރުބާރުގޭގައި މިއަދު ދެއްކި ޕްރެޒެންޓޭޝަނެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެ އަށް މި އަހަރު ކުރިން 29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވުނުނަމަވެސް މި އަހަރު ލިބޭނެ ކަމަށް އަންދާޒާއަކީ 15 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ސަބަބުން އެންމެ ބޮޑު އާމްދަނީއެއް ގެއްލިގެން ދާނެ ކަމަށް ބެލެވެނީ ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އިން ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯ އަށް ވަނީ ވަރަށް ބޮޑު "ޝޮކެއް" ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ކަމަށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެންމެ މަދުވެގެން ވެސް 4 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ދެބައިކުޅަ އެއް ބަޔަށް މަދު ވެގެންދާނެ. މިހާރިު ބެލެވެނީ ބެޑް ނައިޓް ވެސް 39 ޕަސެންޓް ވެއްޓޭނެ ކަމަށް. އަދޮ އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އޮން- އެރައިވަލް ވިސާ ދޫކުރެވެން ފެށޭނީ ޖުލައި މަހު ކަމަށް.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ އުފެއްދުންތެރިކަން މި އަހަރު ދަށްވާނެ ކަމަށް ބެލެވެނީ 11.5 ޕަސެންޓް ކަމަށާ، މިއީ ނޮމިނަލް ޖީޑީޕީން ބަލާނަމަ 81 ބިލިއަން ރުފިޔާ ކަމަށެވެ.

"މީގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި އިންފްލޭޝަނަށް ބަދަލު ތަކެއް އަންނާނެ، އެކަމަކު އިންފްލޭޝަނަށް އަންނާނެ ބަދަލު އެނގޭނީ ފަހުން. މިއާއެކު ވަޒީފާ ގެއްލޭ މީހުންްގެ އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އިގްތިސާދީ އުފެއްދުންތެރިކަން ދަށްވެ، ފައިނޭންސް ގެޕް އިތުރުވާ ވަރަކަށް ދަރަނި އިތުރުވަމުންދާނެ ކަމަށެވެ.

"ފައިނޭންސިން ގެޕް ބޮޑުވާ ވަރަށް ދަރަނި ދާނީ މަތިވަމުން. ފާސްކުރި ބަޖެޓްގެ ދަރަންޏަކީ 57 ބިލިއަން ރުފިޔާ. ނަމަވެސް މިހާރު ބެލެވެނީ 70 ބިލިއަން ރުފިޔާ އަށް ދަރަނި އިތުރުވާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މި ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި 10 މާލީ އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. ލޯނާ ހިލޭ އެހީ ހިމެނޭ ގޮތަށް ވޯލްޑް ބޭންްކުން 30 މިލިއަން ޑޮލަރު ލިބޭތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

"އޭޑީބީން 27 މިލިއަން ޑޮލަރު ލިބޭތޯ އެބަ ބަލަން. އަދި އައިއެފްސީން 50 މިލިއަން ޑޮލަރު އަދި އޮޕެކް ފަންޑުން 20 މިލިއަން ޑޮލަރު އެޗްއެސްބީސީ އިން 25 މިލިއަން ޑޮލަރުގެ ހޯދަން މަސައްކަތް ކުރަނީ،" އަމީރު ވިދާޅުވި އެވެ.