ތާރީހު

ބަނޑަށްޖެހި ހަށިގަނޑުތައް ކަށިގަނޑުތަކަކަށް!

Apr 25, 2020
8

ދެވަނަ ބޮޑު ހަނގުރާމައާއެކު 1939 ވަނަ އަހަރު އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ވެސް އޮތީ ހަނގުރާމައިގެ މައިދާނެކެވެ. ދިވެހި ރާއްޖެ މި އޮތް ސަރަހައްދުގައި އެންމެ ނާމާން، އަދި އެންމެ ބިރުވެރި ތަނަކަށް ވީ އިންޑިޔާ ކަނޑެވެ. އޭގެ ސަބަބަކަށްވީ ޖަރުމަނު، އަދި 1941 ގެ ސެޕްޓެމްބަރުން ފެށިގެން ޖަޕާނުގެ މަނަވަރު ފަހަރާއި ފީނާ ބޯޓު ފަހަރު ނުވަތަ ސަބްމެރީންތައް ފެމުނު މިޔަރު އައިނެއް ފަދައިން އިންޑިޔާ ކަނޑަށް ވަދެގަނެ އެއެއް މިއެއް ނުބަލައި އިއްތިހާދީންގެ ބޯޓު ފަހަރަށް ހަމަލާ ދޭން ފެށުމެވެ.

ހަނގުރާންމަތީ ބޯޓުފަހަރާއި މަނަވަރުތަކުގެ އިތުރަށް މުދާ އުފުލާ އަދި ފަސިންޖަރުން ދަތުރު ކުރާ މަދަނީ ބޯޓު ފަހަރަށް ވެސް ޖަޕާނާއި ޖަރުމަން އަދި އިޓަލީގެ ހަނގުރާންމަތީ އުޅަނދުތަކުން ދިޔައީ ހެސް ކިޔާފައި ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގައި ނެގި އުސް ރާޅު އުދަވަމުން އައިސް ބަނޑު ދަމާލީ އާރެއް ބާރެއް ނެތް "ލޯންލީ ޕްލެނެޓް"، އެކަނިވެރި ދިވެހި ރާއްޖޭގެ ހުދުވެލިގަނޑުގެ ބަނޑުދޮށަށެވެ. އޭގެ ސަބަބުން ހިޔާލަށް ވެސް ނާންނަ ވަރުގެ އަދި ގަބޫލު ވެސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދިވެހި ރާއްޖެއަށް ކުރިމަތިވެ މުޅި ރާއްޖެ "ވެންޓިލޭޓަރު" ގެ ތެރެއަށް ވެއްޓުނެވެ.

ވިޔަފާރީގެ ދަތުރުތަކަށް ދިމާވި ހުރަސްތަކާއެކު ކާޑުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތެވެ. ރަށްރަށުގައި ހެދޭ ކާބޯތަކެތި އަޅާ ގަސްތައް ވެސް ގިނަ ދުވަސްތަކެއް ނުވެ މަދުވެ، މުޅި ރާއްޖެ ހާލުގައި ޖެހިއްޖެ އެވެ. ބަނޑުހައި ހޫނު ކަމުގައި މީހުން މަރު ވެގެން ވެއްޓެން ފަަށައިފި އެވެ.

ބޮޑު ހަނގުރާމަ 1945 ގައި ނިމެންދެން ދިވެހިން ތިބީ ބަނޑުހައިހޫނުކަން މަތީގަ އެވެ. ދުނިޔެ އަށް އަމާންކަން އައި އިރު ރާއްޖޭގައި ބަނޑަށް ޖެހިގެން ގާތްގަނޑަކަށް 12،000 މީހުން މަރުވި ކަމަށް ބެލެވެ އެވެ. -- މީއީ ލިޔެވިފައިވާ އެކި މަޒުމޫނުތަކާއި ފޮތްތަކުގައިވާ ނަމްބަރުތަކާއި އަދަދުތަކަށް ބަލައިގެން އަންދާޒާ ކޮށްފައިވާ ހިސާބެކެވެ. ރަނގަޅު ދިރާސާއެއް ހަދައިފީ ވިއްޔާ މިއަދަދު ބޮޑު ތަނުން ބަދަލުވެ ފުރޮޅިގެން ހިނގައި ދާނެ އެވެ.

ދިވެހިންނަކީ އެ ދުވަސްވަރު ސްރީލަންކާ އާއި އިންޑިޔާ އަދި ބަންގާޅަށް -- ސޮރީ ބަންގުލަދޭޝް އަށް -- ވިޔަފާރި ދަތުރުތައް ވެސް އޮޑި ފަހަރުގައި ކުރި ބައެކެވެ. ކޮންމެ އަހަރަކު އެއް ފަހަރު ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތުގައި ރާއްޖެ އިން ބޭރަށް ގޮސް ވިޔަފާރި ކޮށްގެން އިރުވައި މޫސުމުގެ ވަޔާއެކު ރާއްޖެއަށް އައިސް ވިޔަފާރި ކޮށް އުޅުނު ބައެކެވެ.

ހުޅަނގުގެ ފަހު ނަކަތަކީ ނޮވެންބަރު 29 ވަނަ ދުވަހުން ޑިސެންބަރު މަހުގެ ނުވަނަ ދުވަހާ ހަމައަށް ދެމިގެން ދާ ދޮށަ ނަކަތެވެ. މުޅި އެ މޫސުމުގައި ވެސް ވައި ހުންނާނީ އުތުރު ހުޅަނގުގަ އެވެ. ހެޔޮވަރު ރީތި މޫސުމެއް ލިބޭނެ އެވެ. އިރުވައި ފަށާނީ ޑިސެމްބަރު 10 އިން 22 ދެމިގެންދާ މުލަ ނަކަތުންނެވެ. ފަހިކަން ލިބުނަސް ވައި ބާރުވާނެ އެވެ. ބޭރަށް ދަތުރު ކުރާ ރާއްޖޭގެ އޮޑިފަހަރު ރާއްޖެއާ ކައިރިވެ ގޮނޑުވާން ދާއިރު ރާޅުތައް އުފުލޭން ފަށާފައި ހުންނާނެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމަ ގަދަވެފައި އޮތް ކަމުގެ ސަބަބުން އިންޑިއާ ކަނޑު ނާމާން ތަނަކަށް ވެފައިވާތީ މާކަނޑަށް ނުކުމެ މަސްވެރިކަން ކުރުމާއި ބޭރު ކަނޑަށް ނުކުމެ ވިޔަފާރި ދަތުރުތައް ކުރީ ދިވެހީންގެ ތެރެއިން ވަރަށް މަދު ބައެކެވެ.

ދަތުރު ކުރި އެއް އޮޑިއަށް ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެސް ވިއެވެ. އެއީ އައްޑު އަތޮޅުން ފުރައިގެން ސްރީލަންކާއަށް ދަތުރު ކުރި "ޔާހުންބަރާސް" ނުވަތަ "ފަތުހުލް މުބާރިކު" އެވެ. ޔާހުންބަރާހަށް ހަމަލާ ދިނީ ޖަޕާނުގެ ސިފައިނެވެ. ސަބްމެރީނުގައި ޖަޕާނު ސިފައިން 1942 ގައި ހަމަލާ ދީ ޔާހުންބަރާސް ފައްތާލީ އެވެ. އެއިން ދަތުރު ކުރި 39 މީހުންގެ ތެރެއިން 37 މީހަކު އެ ހަމަލާގައި މަރާލީ އެވެ. ޖަޕާނުން ސަލާމަތް ކުރަން ބޭނުންވި ދެ މީހުން ގެންގޮސް ސިންގަޕޫރުގެ ޗަންގީ ޖަލުގައި ހިލިހިލާ ޖަހާފައި ބާއްވައިގެން ހަނގުރާމަ ނިމި އިނގިރޭސި ވައިގެ ސިފައިން ޗަންގީއަށް ފައިބަން ދެން އެ ދެ މީހުނަށް އަހުވަ ދެއްކި އެވެ.

ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް އިނގިރޭސީންގެ "ހެޔޮ ކަމުން" ނޫނީ "މަކަރުވެރި ކަމުން" ކުރެ ގޮތަކުން ކޮންމެވެސް ވަރަކަށް ކާޑު ލިބެމުން ދިޔަ އެވެ. ނަމަވެސް އެ ކާޑުގެ ބައެއް އަތޮޅުތަކަށް އެކަށީގެންވާ މިންވަރަކަށް ލިބޭނެ ގޮތެއް ނުވި އެވެ. ކާޑުގެ ބޮޑު ބައި ވެރިންގެ އާއިލާތަކުގެ ކޮއްތަށް ގުދަން ކޮށްފައި އަނެއް ބައިގެ މިންވަރެއް މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުނަށް ދިނެވެ. މާލޭގައި ބޮޑު ބައެއް އޮތީ ބަނޑަށެވެ.

ހަނގުރާމައިގެ ތެރޭ ދިވެހި ދައުލަތާއި ސަރުކާރުގައި ހުރި އެއްޗެއް އަދި ލިބޭ އެއްޗެއް މެނޭޖް ނުކުރެވުމާއި ހިޔާނާތް ބޮޑުވުމުގެ ސަބަބުން ތަދުމަޑުކަން ރާއްޖެ ވަށާލައި ރައްޔިތުން ރަނގަޅަށް ބަނޑަށް ޖެހުނެވެ. ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަތޮޅުތަކަށް ރުކާއި ގަސް އިންދުމަށާއި ދަނޑުވެރިކަން ފުޅާ ކުރުމަށް އެންގެވި އެވެ. އަދި ކެއުގައި އެންމެ ފަސޭހައިން ލިބެން ހުރި ފަތްޕިލާވެލި ބޭނުން ކުރުމަށް އިރުޝާދެއް ދިނެވެ.

މިގޮތުން މަގޫ އަދި ބޯށި ފަތް ކެއުމަށް ހުރިހާ ރަށަކަށް ސަރުކާރުން އެންގި އެވެ. ބޯށި ފަތާއި މަގޫ ފަތް ކެއީ އަމިއްލަ އިސް ނެގުމަކަށް ނޫނެވެ. އެއީ ސަރުކާރުގެ އެންގުމެކެވެ.

މީގެ ތެރެއިން އެންމެ މަޝްހޫރު ފަތަކީ މަގޫ ފަތް ނަމަވެސް ދިވެހިން އެންމެ ގިނައިން ކެއީ ބޯށި ފަތާއި ފަތް ކޭލުގެ ކެޔޮ ދަޅި އެވެ. މި ބާވަތްތައް ވަރަށް ގިނައިރު ވަންދެން ފެނުގައި ކެއްކުމުން ވަރަށް "މީރެ" ވެ. ދިޔައި ހަކުރާއި ގަބުޅިއާއެކު މާ މީރެވެ. މަގޫ ފަތުގެ ހިތިކަން ފިލުވާން ވަރަށް ގިނައިރު ކައްކާން ޖެހެ އެވެ. މަގޫފަތް ކައި އުޅުނީ ގަބުޅި އާއި ބިންބިއާ އެއްކޮށްގެނެވެ. ކެއްކި މަގޫފަތް ހުހަށް ކާން ވަރަށް އުނދަގުލެވެ. އެކަމަކު ފެނު ކައްކާފައި ހުންނަ ހުސް މަގޫފަތް ކައި އުޅުނު މީހުން ވެސް ވަކި މަދެއް ނޫނެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ހަބަރު ލިބުމާ ގުޅިގެން ބަނޑުހައި ހޫނުކަން ކުރިމަތި ވެދާނެތީ ސަރުކާރުން ރައްޔިތުންނަށް ގަސް އިންދުމަށާއި ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާސެއް ވެސް ކުރި އެވެ.

އެ ދުވަސްވަރު ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވި އަދި އޭރުގެ ދާހިލީ ވަޒީރު، ފަހުން ރައީސް މުހައްމަދު އަމީނު ވިދާޅުވެފައިވާ ގޮތުގައި އެ އިލްތިމާސްތަކަށް އެންމެ ފުރަތަމަ ރައްޔިތުން މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. މައްސަލައިގެ ބޮޑުކަން ރައްޔިތުންނަށް އިހުސާސްވީ ތަންކޮޅެއް ފަހުންނެވެ.

ފަހުން ގަސް އިންދާނެ ގޮތް އޮޅުން ފިލުވައިދީ ނަސޭހަތް ދިނުމަށްޓަކައި އިބުރާހިމް ފާމުލަދޭރި ކިލެގެފާނާއި މާދޫގޭ އަހުމަދު ކަލޭފާނު އަތޮޅުތަކަށް ފޮނުއްވި އެވެ. އެންމެ ދެކުުނުގެ ތިން އަތޮޅު ކަމުގައިވާ އައްޑޫ އާއި ފުވައްމުލަކާއި އަދި ހުވަދު އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެ ދެ ބޭފުޅުން ދަތުރު ކުރެއްވި އެވެ.

މި ދަތުރަށް އެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތީ އޭޕްރީލް 29، 1942 ގަ އެވެ. މާލޭގައި ވެސް ގަސް އިންދުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރި އެވެ. އެ ދުވަސްވަރަކީ ހުސް ބިންތައް ގިނަ ގޯތިތަކުގައި ވެސް ގަސް ހައްދާނެ ޖާގަ އޮތް ދުވަސްވަރެއް ކަމުން އެކަށީގެންވާ ގޮތެއްގައި މާލޭގައި ވެސް ގަސް އިންދި އެވެ. އަދި ހުޅުލެ އާއި ވިލިމާލޭގައި ވެސް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް މާލޭގެ އަވަށްތަކުން ކުރި އެވެ.

ކަނޑު ދަތުރުފަތުރު ކުރުން މަދުވުމުގެ ސަބަބުން ހަނޑޫ ލިބުން މަދުވާތީ 1942 ގެ އޭޕްރީލް މަހު ސަރުކާރުން ހަނޑޫ ކޮންޓްރޯލް ކުރި އެވެ. އެ ކޮންޓްރޯލްގައި މީހެއްގެ މައްޗަށް އިރަކަށް ބައި ލާހި މަގުން ހަނޑޫ ހަމަޖެއްސި އެވެ. އަދި ކޮންމެހެން ބޭނުންވާ އެހެން ބާވަތްތައް ވެސް އޮތީ މި އުސޫލަށް ވަކި ކޮންޓްރޯލެއްގެ ދަށުގަ އެވެ.

ޖަޕާނު ސިފައިން އޭޕްރީލް 5، 1942 ގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށާއި ސްރީލަންކާގެ އިރުމަތީ ބަނދަރެއް ކަމަށްވާ ޓްރިންކޮމަލީއަށް ފުލު ފުލުގައި ދިން ބާރުގަދަ ހަމަލާތަކުގެ އަސަރު ރާއްޖެއަށް ކުރީ ބަނޑުހައި ހޫނު ކަމަށް ލިބުނު އިތުރު ދައްޗަކާއި ވޭނެއްގެ ގޮތުގަ އެވެ. ދިވެހިންގެ ނާ ފަހަރާއި އޮޑި ފަހަރު ސްރީލަންކާގެ ބަނދަރަށް ވަނުން އެ ހާދިސާ އަށް ފަހު އިނގިރޭސީން މަނާ ކުރި އެވެ.

"ނަތީޖާ އަކީ މާލެ އަށް ކާބޯތަކެތި ލިބޭނެ ދޮރުތައް މުޅިން ބަންދުވުމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރި ނުވެ ނުދާނޭ، ކާބޯތަކެތީގެ ދަތިކަން ދިވެހި ރާއްޖެއަށް ވެރިވެގަތީ ވަރަށް ވެސް މަތިވެރި ދަރަޖައަކަށެވެ." މުހައްމަދު އަމީނު، އޭނާ ލިޔުއްވި "ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" ފޮތުގައި ވިދާޅުވެފައި ވެ އެވެ.

ނަތީޖާ އަކީ މާލެ އަށް ކާބޯތަކެތި ލިބޭނެ ދޮރުތައް މުޅިން ބަންދުވުމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރި ނުވެ ނުދާނޭ، ކާބޯތަކެތީގެ ދަތިކަން ދިވެހި ރާއްޖެއަށް ވެރިވެގަތީ ވަރަށް ވެސް މަތިވެރި ދަރަޖައަކަށެވެ،
މުހައްމަދު އަމީނު | ރައީސް

ގަސް އިންދާން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ މިންވަރަށް ކާބޯތަކަތި ލިބޭ ގޮތެއް ނުވި އެވެ. ބަނޑުހައި ހޫނުކަން ހުރިހާ ރަށެއްގައި ވެސް ދިޔައީ އިންތިހާއަށް ބޮޑުވަމުނެވެ.

ރަށްރަށުގައި ބޮޑެތި ސިންގާހާ މީހުން ހާންތި ވެގެން ބިން މައްޗަށް ދެމިފައި ތިބެ އެވެ. އެއީ އިންސާނުންނޭ ބުންޏަސް އެއީ އަނަރޫފަވެ ހިކިފައިވާ ހަށިގަނޑުތަކަކަށްވުރެ ބޮޑަށް އެއީ ހުސް ކަށިގަނޑުތަކެވެ. އޮއްޓަރު ކުރެއްވި އެއްޗެއް ކާން ނުލިބި ގިނަ ދުވަސްވެ، ހިރިލާނެ ހަކަތައެއް ނެތި ތިބެނީ ޖެހުނުތަނަކަށް ދެމިފަ އެވެ.

ރަށްރަށުގެ އަތިރިމައްޗާ މާދުރު ނޫން ހިސާބު ގޭ ގޭގައި ތިބޭ އަންހެންވެރިން ލައިގެން ތިބޭ ލިބާހުގެ ކުލައެއް ނޭނގެ އެވެ. ލިބާސް ބާ ވެގެން ގޮސް ފޮތިމަތީ ފޮތި އަޅާވަރުން ކުލަ ހުންނަނީ ގެއްލިފަ އެވެ. އުނު އޮރިޔާން ނިވާކޮށް ލާނެ ފަދަ ވެސް އެ މީހުންގެ ނެތެވެ.

ދޮންތުއްކަލާގެ ލިޔުންތައް ބުނާ ގޮތުގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައިހެން މީހުންގެ ހާލަކީ އެއީ އެވެ. ހަނގުރާމާއާއެކު ރާއްޖެއަށް ލައްވާލި ބޮޑު ތަދާއެކު ރާއްޖެ އެއްކޮށް ހުސްވެ ބަނޑަށް ޖެހުނެވެ.

"ބައެއް ރަށްރަށުގައި ބަނޑުހައި ހޫނު ކަމުގެ ސަބަބުން މީހުން މަރުވާން ފެށީ ބިރުގަންނަހާ ގިނަ އަދަދަކަށެވެ. މަރުނުވެ ތިބި ބައެއްގެ ހަށިތައް ދިޔައީ ހަމައެކަނި ކަށިތަކަކަށް ވަމުންނެވެ. ބަނޑުހައި ހޫނުކަން މި ދަރަޖައަށް ދާން ފެށިއިރު ފޭރާމުގެ ދަތިކަން އެއަށް ވުރެ ވެސް ބޮޑު ވެއްޖެ އެވެ. ހަށިގަނޑު ނިވާ ކޮށްލާނެ އެއްވެސް ފަދައެއް ނެތިގެން ބޭރަށް ނުނުކުމެވޭ ފަދަ ހާލުގައި ޖެހިފައި ތިބީ މަދު އަންހެނުންނެއް ނޫނެވެ." މުހައްމަދު އަމީނު ލިޔުއްްވާފައި ވެ އެވެ.

ބައެއް ރަށްރަށުގައި ބަނޑުހައި ހޫނު ކަމުގެ ސަބަބުން މީހުން މަރުވާން ފެށީ ބިރުގަންނަހާ ގިނަ އަދަދަކަށެވެ. މަރުނުވެ ތިބި ބައެއްގެ ހަށިތައް ދިޔައީ ހަމައެކަނި ކަށިތަކަކަށް ވަމުންނެވެ. ބަނޑުހައި ހޫނުކަން މި ދަރަޖައަށް ދާން ފެށިއިރު ފޭރާމުގެ ދަތިކަން އެއަށް ވުރެ ވެސް ބޮޑު ވެއްޖެ އެވެ. ހަށިގަނޑު ނިވާކޮށްލާނޭ އެއްވެސް ފަދައެއް ނެތިގެން ބޭރަށް ނުނުކުމެވޭ ފަދަ ހާލުގައި ޖެހިފައި ތިބީ މަދު އަންހެނުންނެއް ނޫނެވެ.
މުހައްމަދު އަމީން | ރައީސް

ކާބޯތަކެތީގެ މަދުކަމާއެކު ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ އޮކްޓޫބަރު 22، 1942 ގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ތަކެތި ހަމައެކަނި ސަރުކާރުން ވިއްކާ ގޮތަށް ހަމަޖެއްސި އެވެ. އަދި އަތޮޅުތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް ދާހިލީ ވަޒީރު މުހައްމަދު އަމީނު އުތުރުގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުގައި އެންމެ ބޮޑަށް ބަނޑަށް ޖެހިފައިވާ ކަމަށް ފާހަގަ ކުރައްވާފައި ވަނީ ނ. މަނަދޫ އެވެ.

"މަނަދޫގައި މިހާރު ވެސް ބަނޑަށް ޖެހިގެން ހިސާބަކަށް މީހުން އެބަ މަރުވެ އެވެ. ވަރަށް ހާލު ދެރަވެފައިވާ ވިއްސަކަށް ކުދިން ވެސް އެބަތިއްބެވެ،" މަނަދޫގެ ހާލަތާ ބެހޭ ގޮތުން ރައީސް އަމީނު ލިޔުއްވާފައި ވެ އެވެ.

އެ ދަތުރުފުޅު ރައީސް އަމީނު ކުރެއްވީ ހަސަން ފަރީދާއެކު ޖަރުމަނުން ހަމަލާދީ ފައްތާލި އިނގިރޭސި މަނަވަރު "މާލޮއި" ގައެވެ. އެ މަނަވަރުން 20 ބަސްތާ ހަނޑުލާއި 20 ބަސްތާ ގޮދަން އަތޮޅަށް ބެހުމަށް ހަވާލު ކުރި އެވެ.

އެހާ ހިސާބަށް ދިޔައިރު ރަށާއި ފަޅު ރަށްރަށުގެ ރުއްރުކުގެ ކާއްޓާއި ގަބުޅި ހުސްވުމުން އެމީހެއްގެ އަތު ޖެހުނު ގޮތަކަށް ޖެހުުނު ދިމާއަކުން ވަގަށް ނަގައި ކަމުން ގޮސް އެންމެ ފަހުން އަގު ބޮޑު ގަހަނާ އާއި ތެލިތައްޓާއި ފުރާޅުގެ ޓިނު ވިއްކައިގެން ވެސް ބައެއް މީހުން ކާއެއްޗެހި ހޯދި އެވެ.

އެ ބަނޑުހައި ހޫނު ކަމުގެ ވޭން ކުޑަވާން ފެށީ 1945 ގެ އޯގަސްޓުގައި ހަނގުރާމަ ނިމި އިންޑިޔާ ކަނޑު އަމާންވެ ރާޅުތައް ތިރިވެ ތެޔޮފާންލީތާ ވެސް ދުވަސްތަކެއް ފަހުންނެވެ.