ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓްރަމްޕްގެ "ފަރުވާ" އާ ދެކޮޅަށް އިންޒާރު

Apr 24, 2020

ވޮޝިންގްޓަން (އޭޕްރީލް 24) - ކޮވިޑް-19 ބައްޔާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި "ފަރުވާ" އާ ދެކޮޅަށް ދުނިޔޭގެ ނަން މަޝްހޫރު ޑިސްއިންފެކްޓަންޓް އުފައްދާ ކުންފުންޏަކުން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ލައިސޯލް އަދި ޑިޓޯލް އުފައްދާ ރެކިޓް ބެންކިސާއިން ބުނީ، އެއްވެސް ހާލަތެއްގައި އެ ކުންފުނީގެ އުފެއްދުންތައް ހަށިގަނޑަށް އިންޖެކްޓުކޮށް، ކައި ނޫނީ ބޮއެ ހަދައިގެން ނުވާނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް ވިދާޅުވި ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.

ރެކިޓް ބެންކިސާއިން ބުނީ އެ ކުންފުނިން އުފައްދާ ޑިސްއިންފެކްޓްތަކަކީ ނުރައްކާތެރި ވިހަ މާއްދާތަކެއް އެކުލެވޭ އުފެއްދުންތަކެއް ކަމަށާއި، އެއްވެސް ހާލަތެއްގައި ހަށިގަނޑުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ގިނަ ޑޮކްޓަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްރަމްޕް ވިދާޅުވީ ކީކޭ؟

ކޮވިޑް-19 އާ ގުޅިގެން އިއްޔެ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމެރިކާގެ ސަރުކާރުގެ ސިއްހީ މާހިރުން އާއްމުކުރި ދިރާސާއެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އިގެ ވައިރަސް، ހޫނާއި އަވިން ވަރަށް ބޮޑަށް ބަލިކަށިވާކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި ބްލީޗު ބޭނުން ކޮށްގެން ހަށިގަނޑުން ބޭރުވާ ކުޅާއި އަރިދަފުހުގައި ހުންނަ އެ ވައިރަސް، އެންމެ ފަސް މިނެއްޓު ތެރޭގައި މަރުވާކަމަށް ވެސް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

އެއާއެކު، ޓްރަމްޕް ވަނީ އެ ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަރަށް ބާރުގަދަ ޔޫވީ އަލި ފޮނުވައިގެން އެ ވައިރަހާ ދެކޮޅަށް ފަރުވާ ދެވިދާނެ ކަމަށް ހުށަހަޅުއްވައިފަ އެވެ.

"އޭގެ އިތުރުން، ޑިސްއިންފެކްޓަންޓުތަކުން އެ ވައިރަސް އެންމެ މިނެޓެއްގެ ތެރޭގައި މަރާލާކަން އެ އޮތީ އެނގެން. އެހެންވީއިރު، ހަށިގަނޑުގެ ތެރެއަށް އެކަހަލަ މާއްދާއެއް އިންޖެކްޓް ކޮށްގެން ނޫނީ ފޮނުވައިގެން ހަށިގަނޑުގެ އެތެރެ ސާފު ކޮށްލެވިދާނެތޯ؟" އެއީ ޗެކްކުރަން ރަނގަޅު ފަރުވާއެއް ކަމަށް ހުށަހަޅުއްވަމުން ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ވާހަކފުޅުގެ ސަބަބުން، ގިނަ ބައަކު ތަންތަން ސާފުކުރަން ބޭނުންކުރާ ބްލީޗު ފަދަ ތަކެތި އިންޖެކްޓުކޮށް ފަދަ ކަމެއް ކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެއާއެކު އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް، ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ވާހަކަފުޅު މީޑިއާތަކުން އޮޅުވާލާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އިގެ ފަރުވާގެ ކަންކަމުގައި ޑޮކްޓަރުންގެ އިރުޝާދާއި ލަފާ ހޯދުމަށް ޓްރަމްޕް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ގެންދަވާ ކަމުގައި އެ ބަޔާނުގައި ބުންޏެވެ.

ޓްރަމްޕްގެ "ފަރުވާ" ދޮގު ކޮށް، ޑޮކްޓަރުން ވިދާޅުވެފައި ވަނީ، ޑިސްއިންފެކްޓްތަކަކީ އެކި ތަންތަނުގައި ހުންނަ ޖަރާސީމު ނައްތާލާ އެއްޗެއް ކަމަށްވީ ނަމަވެސް، ވައިރަހެއް ހަށިގަނޑުގެ ތެރެއަށް ދިއުމަށްފަހު، އެފަދަ ޑިސްއިންފެކްޓްތަކުގެ އަސަރެއް ވައިރަހަށް ނުކުރާނެ ކަމަށެވެ. އަދި އެފަދަ ޑިސްއިންފެކްޓެއް ހަށިގަނޑުގެ ތެރެއަށް ފޮނުވައިފިނަމަ، މުޅި މީހާ ވިހަވެ، މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ޑޮކްޓަރުން ވަނީ އިންޒާރު ދީފަ އެވެ.