އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 128 އަށް އަރައިފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ.
އިތުރު ހަ މީހަކަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރީ މިއަދު 13:30 އެހާކަންހާއިރު އެވެ. އެހެން ކަމުން އިތުރު 12 މީހަކު އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެން ކަމުން މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
މިއަދު ފުރަތަމަ ފެނިފައިވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއްވެސް ހިމެނެއެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ހިމެނުނީއެވެ.
ފަހުން ޕޮޒިޓިވްވީ 12 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މަންމައާ ބައްޕަވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެންއީއޯސީންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަދި ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވިއެެވެ.