ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ކަރަންޓީނުގައި 26 ދުވަސް، ތިން ނެގެޓިވް!

ހއ. ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 37 އަހަރުގެ އަންހެން މީހާ، ފަހުން ހެދި ތިން ޓެސްޓް ވެސް ނެގެޓިވް ވެފައިވާއިރު އަދިވެސް ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައި ވާތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފި އެވެ.

އުތުރުގެ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. އެއީ ފަސް އަހަރުގެ އަންހެން ކުއްޖެކެވެ.
އެމީހުން ކަރަންޓީން ކުރީ ދޮނަކުޅި އައިލެންޑް ހައިޑަވޭ ގައެވެ. ކުޑަކުއްޖާ އާއި 29 އަހަރުގެ އަންހެން މީހާ ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އޭގެ ތެރެއިން 37 އަހަރުގެ އަންހެން މީހާގެ ފަަހުގެ ޓެސްޓްތަކުގައި ތިން ނެގެޓިވް އައިސް ކަރަންޓީންގައި 26 ދުވަސް ހޭދަކުރި އިރު ވެސް ގެއަށް ދޫކޮށްލާފައެއް ނުވެ އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އަންހެން މީހާގެ ފިރިމީހާ ބުނީ އަންހެނުން ކަރަންޓީނަށް ގެންގޮސް 14 ދުވަސްވީ ފަހުން މިހާތަނަށް ތިން ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ތިން ސާމްޕަލް ވެސް ނެގެޓިވްވިކަން އެޗްޕީއޭއިން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

"ފުރަތަމަ ނެގި ދެ ސާމްޕަލް ވެސް ނެގެޓިވް ކަމަށް އެންގި. ދެން އަނެއްކާ ވެސް ދޫކޮށްލުމުގެ ކުރިން ސާމްޕަލެއް ނަގަންޖެހޭ ކަމަށް ބުނެ މިމަހުގެ 19 ވަނަ ދުވަހު އާ ސާމްޕަލެއް ނެގީ. އޭގެ ފަހުން ގުޅާފައި މި ބުނަނީ އެ ސާމްޕަލުން އެއްވެސް ނަތީޖާއެއް ނުދައްކައޭ. އަނެއްކާ އިތުރު ސާމްޕަލެއް ނަގާފައި އޭގެ ހަތަރު ފަސް ދުވަސް ފަހުން މި އަންގަނީ ނެގެޓިވް ކަމަށް... ނަމަވެސް އަދިވެސް ވާންވީ ގޮތެއް ނޭނގޭ. އާއިލާ ދުރުގައި އެކަނިމާއެކަނި އެެހެން ހުންނަތާ 26 ދުވަސް ވީ." އޭނާ ބުންޏެވެ.

އާއިލާގެ އެހެން މެންބަރަކު ބުނީ ބައްޔެއްގައި އެގޮތަށް އެކަހެރި ކުރުމުން އާއިލާއިން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް މައުލޫމާތު ހޯދުމުގައި ވަރަށް ވެސް ދަތި ކަމަށެވެ. އެގޮތުން ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ވެސް އަންގަނީ ކޮންމެ ފަހަރަކު އެތައް ދުވަހަކު ގުޅައިގެން ހަތަރު ފަސް ދުވަސް ފަހުންކަން އޭނާ ފާހަގަ ކުރި އެވެ. އަދި އެޗްޕީއޭ މެދުވެރިކޮށް އެހެނިހެން ގޮތްގޮތުން މައުލޫމާތު ހޯދަން ވެސް އާއިލާއަށް ވަރަށް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

ކަަރަންޓީންގައި ހުރި މުއްދަތުގައި އަދި އޭގެ ކުރިންވެސް އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ.

"މިހާތަނަށްވެސް ބަލީގެ އެއްވެސް އަލާމާތެއްނެތް. ނަމަވެސް އަދިވެސް މި ގަނައެއް ތަޅުވަނީ. އަޅުގަނޑުމެންނަކަށް ނޭނގޭ މިހާ ބޮޑަށް މި ކޭހުގައި ތަފާތެއް މި ކުރަނީ ކީއްވެގެން ކަމެއް! އެއީ 18 އަހަރު ނުވާ ތިން ކުދިންގެ މަންމައެއް. އަހަރެން [ފިރިމީހާ] މި ހުރީ އެހެން ތަނެއްގައި ލޮކްޑައުންވެފައި. މިއީ އާއިލާއަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް، ބަލި ނެތި އެތައް ދުވަހެއް ތިން ސާމްޕަލް ވެސް ނެގެޓިވް، ދެން ކީއްވެ އެހެން އެކަހެރިކޮށްފައި ބަހައްޓަންވީ." އޭނާގެ ފިރިމީހާ ބުންޏެވެ.