ކޮވިޑް-19 އިގެ ބަލާއާފާތް މުޅި ރާއްޖެއަށް ފެތުރެމުން ދަނީ އެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނު ފަހުން މިއަދުގެ ނިޔަލަށް ބަލި ޖެހުނު މީހުންގެ އަދަދު 500 އަރާ ހަމަ ކުރަނީ އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުން މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ފަހުން ފުލުފުލުގައި އެ ބައްޔަށް މީހުން ޕޮޒިޓިވް ވަމުންދާ ދިއުމާއެކު ރާއްޖޭގެ ހުރިހާ ބިތަކަށް ވެސް ބިރުވެރިކަން ފެތުރިފައި ވެއެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭހާއެކު އަތޮޅުތަކަށް ވެސް އެެ ނުރައްކާތެރި ވައިރަސް ދަތުރުކޮށްފި އެވެ. އެ ދުވަހަކީ މާލޭ ބަނދަރުގައިވާ ވަރަށް ގިނަ އަދަދެެއްގެ ބޯޓް ފަހަރު އެތައް ސަތޭކަ ބަޔަކާއެކު ފުރައިގެން ރަށްރަށަށް ދަތުރުފެށި ދުވަކަށް ވެސް ވިއެވެ. މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުން އެމީހުންގެ ރަށްތަކަށް އެ ދުވަހު ދަތުރު ފެށީ ސަރުކާރު ބަންދުވެ، ސުކޫލްތަކުގެ ކިޔެވުން ފެށޭނެ ދުވަހެއް ވެސް ނޭންގޭތީ އާއި މާލެ ލޮކްޑައުންކުރުމުން އެ ހާލަތުގައި މާލޭގައި ދިރިއުޅެން ޖެހޭނެ ދަތި އުނދަގުލުން ސަލާމަތްވުމަށެވެ.
އެ ދުވަހު ދަތުުރުފެށި ބައެއް މީހުންނަށް އެ ދަތުރު ވެގެން ދިޔައީ ނިޔާމަ ދަތުރަކަށްވުރެ ނުރައްކާތެރި ދަތުރަކަށެވެ. ހާއްސަކޮށް އުތުރުގެ ރަށްތަކަށް ދަތުރުކުރާ "ކާވިޔާ" ބޯޓު އެ ދުވަހު ކުރި ދަތުރަކީ ނުރައްކާތެރިކަން ވަރަށް ބޮޑު ދަތުރަކަށް ވެފައި ވެއެވެ.
އެ ބޯޓުން ދަތުރުކުރި އުލިގަމުގެ ރައްޔިތަކު ބައްޔަށް ޕޮޒިޓިވްވުމާއެކު ބޯޓުން ދަތުރުކުރި 150 މީހުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. އެ ބޯޓުން ހދ. ވައިކަރަދޫގެ އިތުރުން ހއ. ގެ ހަތަރު ރަށެއްގެ މީހުން ދަތުރު ކުރި އެވެ. އޭގެ 15 ދުވަސް ފަހުން ބޯޓުން ދަތުރުކުރި ހއ. ތަކަންދޫއަށް ނިސްބަތްވާ ތިން މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކާވިޔާގެ ފަހު ދަތުުރުގައި ތަކަންދޫގެ 36 މީހަކު އެ ބޯޓުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި އުމުރުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.
ދެން ޕޮޒިޓިވްވީ 37 އަހަރުގެ އަންހެނާއި، 29 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެެއިން 29 އަހަރުގެ އަންހެން މީހާއަކީ ފަސް އަހަރުގެ ކުއްޖާގެ މަންމަ އެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި ތަކަންދޫ މީހުންގެ ތެރެއިން 32 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ. މިވަގުތު ނަތީޖާ ނުލިބެނީ އެންމެ މީހެއްގެ އެވެ. އެމީހާގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހާ ބައްޔަށް ޕޮޒިޓިވްވިތާ 11 ވަރަކަށް ދުވަސްފަހުން ތަކަންދޫން އިތުުރު ތިން މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ޝޮކެއް ޖެހި، މުޅި ރަށް ހިމޭންވެސް ވެފަ އެވެ. މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާ ބަލީގެ ނުރައްކާ ރަށަށް އޮތް ހަގީގީ މިންވަރު ނޭނގި ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ޕޮޒިޓިވްވި އުލިގަމު މީހާ ދަތުރުމަތީގައި އޮތީ އެ ބޯޓްގެ ދެވަނަ ބައިގަ އެވެ. އަދި އިއްޔެ ތަކަންދޫއިން ޕޮޒިޓިވްވީ ތިން މީހުން ތިބީ ބޯޓްގެ އެންމެ މަތީ ބައިގަ އެވެ. މިހާތަނަށް އެކި ރަށްރަށުން ލިބުނު ނަތީޖާތަކަށް ބަލާއިރު އުލިގަމުން ޕޮޒިޓިވްވީ މީހާއާ ގާތުގައި ތިބި އެތައް ބަޔަކު ވެސް ވަނީ ނެގެޓިވް ވެފައި ވެއެވެ.
"އިއްޔެ 12:24 ހާއިރު މި އެނގުނީ ތިން މީހަކު ޕޮޒިޓްވީކަން، އެކަން ރައްޔިތުންނަށް އިއުލާނުކުރީ މެންދުރު ނަމާދަށްފަހު. އެ ވަގުތު ބައެއް އަންހެންވެރިން ވަރަށް ރުއި. ބޮޑު ހިތާމައެއް މެދުވެރިވެއްޖެ ކަމުގެ އިހުސާސް މުޅި ރަށުގައި އޮތީ،" ރަށުން އަވަސް އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މީގެ އިތުުރުން އިއްޔެއާއި ރޭ އަދި މިއަދު ވެސް ތަކަންދޫއިން ފެންނަނީ ހަމަހިމޭން ކަމެކެވެ.
ރަށު ފެންވަރުގައި ފިޔަވަޅުތަކެއް
ކާވިޔާ ބޯޓުން ދަތުރުކުރި ތަކަންދޫ މީހުންނަށް ރަށަށް ދެވުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެެވެ. އުލިގަމު މީހާ ޕޮޒިޓިވްވީ ކަމަށް އެޗްޕީއޭއިން ބުނީ 19 ވަނަ ދުވަހު އެވެ.
އެ ދުވަހު ތަކަންދޫ ހިމެނޭ ގޮތުން ކާވިޔާ ބޯޓް ދަތުރުކުރި ހުރިހާ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އެވެ. އަދި ރަށްތަކުގެ ކައުންސިލުން ރަށްތަށް އެކަށް ލޮކްޑައުންކޮށް ގެއިން ބޭރަށް ނުނުކުތުމުގެ "ކާފިއު" އެއް ހިންގި އެވެ. ތަކަންދޫ ކޮވިޑް ޓާސްކް ފޯހުން ވެސް އެ ފިޔަވަޅުތައް އެޅި އެވެ. އަދި ކާވިޔާ ބޯޓުން ދަތުރުކުރި ހުރިހާ އެންމެން ގޭގައި ކަރަންޓީންވާން ވެސް އެންގި އެވެ.
އެ ދުވަހުން ފެށިގެން އަދިވެސް އެމީހުން ތިބީ ގޭގައި ކަރަންޓީނު ވެގެނެވެ. ނަމަވެސް މާލެއިން ރަށަށް ގޮސް ފުރަތަމަ ހޭދަވީ 36 ގަޑިއިރުގެ ތެރޭގައި ދަތުރުގެ ނުރައްކާތެރިކަން އޮތީ ސިއްރުވެފަ އެވެ. އެ ސިއްރު ހާމަވީ އުލިގަމު މީހަކު ކޮވިޑަށް ޕޮޒިޓިވެއްޖެ ކަމަށް އިއުލާންވި ހަބަރާއެކު އެވެ. އެހެން ކަމުން ރަށު ފެންވަރުގައި އެ ފިޔަވަޅުތައް އަޅަން ގަޑިއިރުތަކެއް ހޭދަވި އެވެ.
މީގެ އިތުރުން ރަށަށް ބޯޓް ލަފާ ވަގުތަކީ އާންމުކޮށް ރަށްރަށުގައި ވަރަށް ގިނަ އަދަދެއްގެ މީހުން އެއްކޮށް ބަނދަރުމައްޗަށް ޖަމާވާ ވަގުތެކެވެ. ކާވިޔާ ބޯޓް ތަކަންދޫގައި ބަނދަރުކުރި ވަގުތަކީ ދަތުރުގެ ނުރައްކާތެރިކަން ވަޒަން ކުރެވިފައިވާ ވަގުތަކަށް ނުވާތީ އެ ދުވަހުވެސް އެތައް ބަޔަކު ޖަމާވެ، ރަށަށް ދިޔަ މެހެމާނުންނަށް މަރުހަބާ ކިޔާ ސަލާމްކޮށް ވެސް ހެދިއެވެ. އަދި ބޯޓުން ގެންދިޔަ މުދާ ބޭލުމުން އެ މުދަލާ ހަވާލުވެސް ވިއެވެ. އެހެން ކަމުން ކޮވިޑްގެ ނުރައްކާ ރަށުތެރޭގައި އޮތީ ކިހާވަރަކަށްތޯ މިއީ އަދިވެސް އުފެދޭ ސުވާލެކެވެ.
ކަމާބެހޭ ފަރާތްތަކަށް ފިލާވަޅެއް
ތަކަންދޫން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމަކީ ކަމާބެހޭ ފަރާތްތަކަށް ވެސް ކަންކަން އިތުރަށް ހަރުދަނާ ކުރަން ލިބުނު ފިލާވަޅެކެވެ.
ކާވިޔާ ބޯޓްގެ ދަތުރަށްފަހު ބޯޓް ދަތުރުކުރި މަންޒިލްތަކުގެ ތެރެއިން އުލިގަމު ފިޔަވާ އެހެން ހުރިހާ ރަށެއް އެޗްޕީއޭގެ މޮނިޓަރިންގައި އޮތީ ދެތިން ދުވަހަށެވެ. އޭގެ ފަހުން އެޗްޕީއޭގެ ލިސްޓުން އެރަށްތައް ނެގީ އެވެ. ނަމަވެސް ރަށްރަށުގެ ޓާސްކް ފޯސްތަކަށް އެގޮތް ކަމުނުދާތީ ޓާސްކް ފޯސްތަކުން ނިންމީ ރަށްތައް ލޮކްޑައުން ކުރާށެވެ.
އެއްވެސް ގޮތަކަށް ރަށައް އަރާ ފޭބުން މަނާ ކުރާށެވެ. އަދި މަގުތައް މައްޗަށް ނުކުމެ އުޅުން ވެސް މަނާ ކުރާށެވެ. ނަމަވެސް އަސާސީ މުހިންމު ބޭނުންތަކަށް ބޭރަށް ނުކުމެވޭ ގޮތަށް ބައެއް އިންތިޒާމްތައް އޮތީ ހަމަޖައްސައިދީފަ އެވެ. އެހެން ކަމުން ބަލި އިތުރަށް ފެތުރެން ހުރި ވަރަށް ގިނަ ދޮރުތައް ބަންދުވި އެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ޕޮޒިޓިވްވުމުން އެއިން ދަތުރުކުރި އެންމެން ބައްޔަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ޓާސްކްފޯސްތަކަށް ފެނުނެވެ. އެކަމާއި ގުޅިގެން އެޗްޕީއޭއަށް އެކަން ހުށައަޅައި އެކި ގޮތްގޮތުން ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެންދަން މަސައްކަތް ކުރި އެވެ. ދަތުރުކުރި މީހުންގެ ހިތްހަމަޖެހުމަށާއި، ރައްޔިތުންގެ ސަލާމަތަށް ނަމަވެސް ބަލީގެ އަސަރެއް ނެތްކަން ކަށަވަރުކޮށް ދޭން އެދުނެވެ.
ފުރަތަމަ އެޗްޕީއޭއިން ނިންމީ އެންމެން ޓެސްޓް ނުކުރާށެވެ. އެކަން އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމެއްގައި ވެސް އިއުލާނު ކުރިއެވެ. ނަމަވެސް ފަހުން އެންމެން ޓެސްޓް ކުރަން ނިންމީ ގިނަ ކަންބޮޑުވުންތަކެއް ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމުންނެވެ. އަދި ރަށްރަށުގެ ޓާސްކް ފޯސްތަކާއި ކައުންސިލްތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.
ތަކަންދޫ ތިން މީހަކު ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ ވެސް އެ ޓެސްޓްތައް ހަދައިގެނެވެ. އެހެން ނޫނަމަ މިއަދަކީ ކަރަންޓީންގެ މުއްދަތު ހަމަކޮށް އެމީހުން އާންމު ދިރިއުޅުމުގެ ތެރެއަށް ނުކުންނާނެ ދުވަހެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވީ ދެ މީހުން އަދި ކުޑަކުއްޖާގެ ކިބައިން އަދިވެސް އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެމީހުންގެ އަދި އެންމެ ރަނގަޅެވެ. ކެއްސުމާއި، ހުން އައުން ފަދަ އަލާމާތެއް ވެސް މިދިޔަ 14 ދުވަސްތެރޭގައި ފެނިފައެއް ނުވެއެވެ.
އެހެން ކަމުން ތަކަންދޫގެ ކޭސްތަކަކީ ކޮވިޑާއި ގުޅިގެން ރާއްޖެއިން އަމަލު ކުރަމުންދާ ބައެއް އުސޫލުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަން ބުނެދިން ތަފާތު ކޭހެކެވެ. އަދި ބަލީގެ ހަގީގީ ނުރައްކާތެރިކަން ރައްޔިތުންނަށް އިހުސާސްކޮށް ދިން ވެސް ކޭހެކެވެ.