ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން ދެ އަންހެނުންނާ ކުޑަކުއްޖަކު ޕޮޒިޓިވް ވެއްޖެ

ހއ. ތަކަންދޫން ތިން މީހަކު ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތަކަންދޫން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު "ކާވިޔާ" ބޯޓުން ދަތުރުކުރި ތިން މީހެކެވެ. އެ ބޯޓުން އެރަށައް 36 މީހަކު ދަތުރު ކުރި އެވެ. އެ ހުރިހާ މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ.

އެ މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަން އެޗްޕީއޭއިން ތަކަންދޫ ކޮވިޑް ޓާސްކް ފޯހަށް އަންގާފައި ވަނީ މިއަދު އެވެ. އެ އެންގުން ތަކަންދޫ ރައްޔިތުންނާ ހިއްސާ ކޮށްފައި ވަނީ މިއަދު މެންދުރު ފަހު އެވެ.

ތަކަންދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެ އަންހެންނާއި ކުޑަކުއްޖެކެވެ. އޭގެ ތެރޭގައި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހަކުވެސް ހިމެނެ އެވެ.

އެ ތިން މީހުން މިހާރު ވަނީ އުތުރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ހއ އަތޮޅުގެ ސީ-އެމްބިއުލާންސްގައި އެ މީހުން ދޮނަކުޅި ހައިޑަވޭއަށް ގެންދިއުމަށް ދަތުރު ވަނީ ފަށާފައެވެ.

އަަތޮޅުތެރޭގެ ބައެއް ރަށްރަށުން ކޮވިޑްގެ ބަލި މީހުން ފެންނަމުންދާއިރު ތަކަންދޫއިން ނެގި ހުރިހާ ސާމްޕަލްތައް އަދިވެސް ޓެސްޓްކޮށް ނުނިމެ އެވެ.

ކާވިޔާއިން ދަތުރުކުރި މީހުންގެ ސާމްޕަލް ނެގީ އެ ދަތުރުގައި ބައިވެރިވި އުލިގަމު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ބޯޓުން އުތުރުގެ ފަސް ރަށަކަށް މީހުން ދަތުރުކުރިއެވެ.

ކާވިޔާ ބޯޓް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.