ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"އިތުރަށް ކޭސްތައް ފެންނާނެ ކަމަށް ލަފާ ކުރެވޭ"

ރާއްޖެއިން އަދިވެސް ކޮވިޑް-19 އިގެ އިތުރު ކޭސްތައް ފެންނާނެ ކަމަށް ލަފާ ކުރެވޭތީ އާންމުން އިތުރަށް ސަމާލުވާން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއިން ކޮވިޑް ފެނުނު ފަހުން ގިނަ އަދަދެއްގެ ކޭސްތަކެއް ފެނިފައި ވާތީ ކުރިއަށް އޮތްތާނގައި ވެސް އިތުރު ކޭސްތަކެއް ފެންނާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް އެތެރެ ވާތާ 14 ދުވަސްތެރޭގައި ބަލީގެ އަލާމަތްތައް ފެންނާނެ ކަމަށާ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަ މީހުން ވެސް ތިބޭ ކަމަށެވެ. އެހެން ކަމުން އެފަދަ މީހުންގެ ސަބަބުން ބަލި ފެތުރެން ވަރަށް ބޮޑަށް މަގުފަހިވާތީ ހުރިހާ އެންމެން ވެސް ގޭގައި ވީހާ ވެސް އެކަހެރިކޮށް މި ދުވަސްވަރު އުޅުން ރަނގަޅު ވާނެ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ އަދިވެސް އިތުރަށް ކޭސްތައް ފެންނާނެއޭ. އެއީ ހަގީގަތުގައި މިއިން ކޭހަކީ އެވްރެޖްކޮށް 14 ދުވަހުގެ އިންކިއުބޭޝަން ޕީރިއަޑެއް އިންނަ ބައްޔެއް ކަމަށްވާތީ، އޭގެ މާނައަކީ ހަށިގަނޑުގެ ތެރެއަށް ޖަރާސީމް ވަނުމަށް ފަހު އެބަ ނަގާ ދެދުވަހާއި 14 ދުވަހުގެ މުއްދަތެއް އަލާމަތް ފެންނަން،" އޭނާ ވިދުވި އެވެ، "އޭގެ ބައެއް މީހުން އެއްވެސް އަލާމާތެއް ނެތި އަދި ބަލީގެ އަސަރެއްވެސް ނެތި އެހެން މީހުންނަށް ބަލި ފަތުރާ ފައްތަރުގައި ހުރޭ. އެހެންވީމަ ވިސްނަނާލަން ޖެހޭ ކަންކަން މިހުރީ. ލޮކްޑައުން ހާލަތުން ސަލާމަތްވީ ނަމަވެސް ވަރަށް ގިނަ ދުވަސްތައް ނަގާނެ ކުރިން އުޅުނު ހާލަތަށް ދާން."

އަފްޒަލް ވިދާޅުވީ ލޮކްޑައުން ނެގި ނަމަވެސް މިހާރު ސަމާލުކަންދޭ ގޮތަށް ސާފުތާހި ރުކަމާއި ގައިދުރު ކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަަމަށެވެ. އެއީ މަސްތަކެއް ވަންދެން އަދިވެސް ކޮރޯނާ ވައިރަސް އުޅޭ ކަމަށް ބެލެވޭތީ ކުރިން އުޅެމުން އައި ގޮތަށް އުޅެން ފަށައިފި ނަމަ އަލުން ނުރައްކާތެރި ހާލަތަށް ބަލީގެން ކަންކަން ހިނގައިދާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 128 އަށް އަރާފައެވެ. އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މިއަދު އެކަނި ވެސް އެ ބައްޔަށް 18 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އިއްޔެ ވަނީ 23 މީހުން ޕޮޒިޓިވް ވެފަ އެވެ. މާލެއިން ޕޮޒިޓިވްވީ މީހުން އަދަދު ވަނީ 107 އަރާފަ އެވެ.