ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފަރުވާ ދެމުންދިޔަ ދެ މީހަކު ރަނގަޅު ވެއްޖެ އެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ ކޮވިޑަށް ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ބައްޔަށް ޕޮޒިޓިވްވީ ދެ ދިވެހިން ކަމަށެވެ. އެއީ ކޭސް 17 އަދި 19 އެވެ.

މީގެ އިތުރުން ކޭސް 18 ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށާ އޭނާގެ ދެ ޓެސްޓް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް ކުރިން ހާލަތު ހުރި ގޮތުން އިތުރު ޓެސްްޓެއް ހެދުމަށްފަހު ނޫނީ އޭނާ ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ ބައެއް މީހުންނަށް ބަލިން ރަނގަޅުވުމަށްފަހު ވެސް އަލުން ބަލިޖެހިފައިވާ ކަމަށެވެ.

މި ތިން މީހުން ބަލިން ރަނގަޅުވުމުން ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން ބަލި ޖެހުނު ހުރިހާ އެންމެންވެސް ރަނގަޅުވީ އެވެ. ދެން މިހާރު ތިބީ މުޅިން ވެސް މާލެއިން ފެނުނު މީހުންނެވެ.

މީގެ އިތުރުން މިއަދު ވަނީ 14 ދުވަހުގެ ކަރަންޓީނަށްފަހު ހެދި ޓެސްޓްތައް ނެގެޓިވްވުމުން ކަރަންޓީންގައި ތިބި 263 މީހަކުވެސް ދޫކޮށްލާފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 150 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ޖުމްލަ އަދަދަކީ 128 އެވެ. އެއީ މިއަދު ޕޮޒިޓިވްވީ 18 މީހުންންނާއެކުގައެވެ. އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މާލެއިން ޕޮޒިޓިވްވީ މީހުން އަދަދު ވަނީ 107 އަރާފަ އެވެ.

މިހާތަނަށް 5441 ސާމްޕަލް ނަގާފައިވާއިރު 5071 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.