ސޯނަމް ކަޕޫރް

"ނީރްޖާ" ކާމިޔާބުވިޔަސް ސޯނަމަށް އުފާވާކަށް ނޭނގުނު

ސޯނަމް ކަޕޫރުގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައި ވެއެވެ. ނަމަވެސް ހުރިހާ ފިލްމުތަކެއްގެ ތެރެއިން ވެސް "ނީރްޖާ" އަކީ ޚާއްސަ އެވެ. އެހާ މޮޅު އަދި އެހާ ރީތި ފިލްމެއް ސޯނަމް މިހާތަނަށް ކުޅެފައި ނުވާތީ އެވެ. ޚާއްސަކޮށް އެފިލްމުގައި އޭނާ އެކްޓްކޮށްފައިވާ ފެންވަރަށް އެހެން އެއްވެސް ފިލްމެއްގައި އެކްޓް ކުރެވިފައެއް ނުވެ އެވެ.

ޑައިރެކްޓަރު ރާމް މަދުވާނީގެ "ނީރްޖާ"އަކީ އެއާ ހޮސްޓެސް ނީރްޖާ ބަނޯތުގެ ހަގީގީ ގުރުބާނީގެ ވާހަކަ ކިޔައިދީފައިވާ ފިލްމެކެވެ. ޕޭން އެމް ފްލައިޓެއް 1986 ގައި ހައިޖެކްކުރިއިރު އޭގައި އޭއާ ހޮސްޓެސް އެއްގެ ގޮތުގައި ހުރި ނީރްޖާ އެ ބޯޓުގައި ތިބި ކުޑަކުދިންތަކެއްގެ ފުރާނަ ސަލާމާތްކުރުމަށް އޭނާގެ އަމިއްލަ ފުރާނަ ގުރުބާންކުރި އަސަރުގަދަ ހާދިސާ މި ފިލްމުން ފެނެ އެވެ.

ކްރިޓިކްސް އާއި ބެލުންތެރިންނަށް ވެސް މި ފިލްމު އިންތިހާއަށް ކަމުދިޔަ އެވެ. އަދި ސޯނަމްގެ ނާޒުކު އަދި އެހާމެ ހިތަށް އަސަރުކުރުވާ މޮޅު އެކްޓިންގެ ސަބަބުން އޭނާއަށް އެންމެންގެ ތައުރީފު އޮހުނެވެ. ނަމަވެސް ސޯނަމް ބުނި ގޮތުގައި ކޮންމެވެސް ސަބަބު ތަކަކާހުރެ އޭނާއަކަށް އެ ފިލްމަށް ލިބުނު ކާމިޔާބުން އުފަލެއް ނުލިބުނެވެ.

އެ ދުވަސްވަރުގެ އިހްސާސް ސޯނަމް ސިފަ ކުރަނީ ހަތަރު އަނގޮޅިއެއްގެ މެދުގައި ދާނެ މިސްރާބެއް ނޭނގި ހުރި މީހެއްގެ މިސާލެވެ.

"ފިލްމު ރިލީޒްކޮށް ދެ ދުވަސްވީއިރު ބޮޑު ކާމިޔާބެއް ހޯދަމުން ދިޔަ ނަމަވެސް އަހަރެންނަށް އުފާވާކަށް ވެސް ނޭނގުނު. ޑައިރެކްޓަރު ރާމް ބުނަނީ އެއީ އަހަރެންނަށް ތަހައްމަލުކުރަން ޖެހުނު އިހްސާސްތަކުގެ ސަބަބުން ވެގެން އުޅޭ ގޮތެކޭ. އެހެންވެ އޭރު ކުރެވެމުންދިޔަ އިހްސާސްތަކާ ތަފާތު އިހްސާސެއް ކުރެވޭތޯ އަހަރެއްހާ ދުވަސް ފިލްމު ކުޅުމާ ދުރަށް ދިޔައިން،" ސޯނަމް އޭނަގެ އިންސްޓަގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އޭނާ މި އުނދަގޫތަކުގައި ހޭދަކުރި އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް މިހާޜުގެ ފިރިމީހާ އާނަންދު އަހޫޖާ އާ ބައްދަލުވެ އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އަދި އޭނާ ހުރި ހާލަތުން އާދައިގެ ހާލަތަކަށް ބަދަލުވެ އަލުން ދިރިއުޅެން ދަސްވީ އާނަންދުގެ ލޯތްބާއި އޯގާތެރިކަމުން ކަމަށް ސޯނަމް ބުނެފައި ވެއެވެ.