ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއެކު މުޅި މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު، އެ މުއްދަތު އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން މިއަދު ދީފި އެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މާލެއިން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތަކަށް ދާނެ ކަމަށް އަދި ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި، މިހާރު ޕޮޒިޓިވްވި ކޭސްތަކުގެ ކްލަސްޓާތަކަށް ސިފަ އަންނަމުންދާ ކަމަށާއި، އެ ބަލި މިހާރު ފެތުރިފައިވާ ސަރަހައްދުތައް ވެސް ކޮންމެވެސް މިންވަރަކަށް އެނގެމުން އަންނަ ކަމަށެވެ. ބަލި ފެތުރިފައިވާ ކްލަސްޓާތައް ދެނެގަނެވުމުން އެ ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ފަސޭހަ ވެގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިވަގުތުގެ ހާލަތަށް ބަލާއިރު، ކުރިއަށްއޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އާއްމު ހާލަތަކަށް ނޫނީ ލޮކްޑައުން އުވާލަންޖެހޭ ހާލަތަކަށް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން ގޮތެއް ނިންމާނީ ލޮކްޑައުން އާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނު މިންވަރަށާއި އެ ފިޔަވަޅުގެ ކާމިޔާބީގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ މިހާރު މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިދާނެ މިންވަރަށް ބަލައި، ޓެސްޓު ކުރުމާއި ކަރަންޓީނު ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ސިއްހީ މާހިރުންނާއި ފަންނީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 129 އަށް އަރައިފަ އެވެ.
މާލެ ލޮކްޑައުން ކުރުމުގެ އިތުރުން، އަތޮޅު ތެރޭގައި ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މުއްދަތެއްނެތް ގޮތަށް މަނާ ކޮށްފަ އެވެ.