ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ބޭނުންވާ ވަރަށް ޓެސްޓު ނުހެދޭ ސަބަބުތައް ގިނަ

Apr 28, 2020
6

ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާއިރު، އެ ވައިރަހުގެ ކުރި އެރެން އަންނަނީ، އެ ބައްޔަށް ޓެސްޓު ކުރާ މީހުންގެ އަދަދު އިތުރު ކޮށްގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ބުނެފަ އެވެ. ބައްޔާ ދެކޮޅަށް މާ މޮޅު ފޯމިއުލާއެއް ނޫނީ "މެޖިކް ބުލެޓް" އެއް ނެތެވެ. ހަމައެކަނި އޮތް ކަމަކީ ވީހާވެސް ގިނަ ބައަކު ޓެސްޓުކޮށްގެން، މުޖުތަމައު ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަނެ، އެ މީހުން އަވަހަށް އެކަހެރި ކުރުމެވެ. ކަން މިހެން އޮތް އިރު، އެ ބައްޔަށް ޓެސްޓު ކުރުން އެކި ގައުމުތަކުގައި ތަފާތުވަނީ ކީއްވެ ހެއްޔެވެ؟

ރާއްޖެ ފަދަ ކުދި އާބާދީތައް އޮންނަ ގައުމުތަކުގައި އެކަން ކުރަން ފަސޭހައެއް ނުވާނެ ހެއްޔޭ ބުނެ، ކުރަމުންދާ ސުވާލުތަކުގެ އަޑުތައްވެސް ގަދަވެފައި ވެއެވެ.

އެ ސުވާލުގެ ޖަވާބު ހުދާ ކަޅުހާ ސާފެއް ނޫނެވެ. އެކަމުގައި ބައިވަރު އިތުރު ކަންތައްތަކެއް ހިމެނެ އެވެ. އެކަމަށް ހޭދަވާ ވަގުތެވެ. ޓެސްޓު ކުރުމާ ގުޅުންހުރި އާލާތްތައް ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކެވެ. އަދި ސާމްޕަލްތައް ނެގުމާއި، މެޝިނަކާ ހަމައަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި އުނދަގޫތަކެވެ.

މުޅި ދުނިޔެއަށް ބަލައިލި ނަމަވެސް، ވައިރަހުގެ މައްޗަށް އެންމެ އަވަހަށް ކުރިއެރުމެއް ހޯދި ގައުމުތަކުގައި ވެސް ތަފާތަކަށް ވެފައި ވަނީ ޓެސްޓު ކުރި މީހުންގެ ނިސްބަތް އިތުރުވުމެވެ. އެ ގޮތުން، ދެކުނު ކޮރެއާގައި މިދިއަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ކޭސް ފެނުމާއެކު ބައްޔަށް ޝައްކުވާ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފުޅާކުރި އެވެ.

ފުރަތަމަ ކޭސް ފެނުމުގެ ހަ ހަފްތާ ފަހުން، މިދިއަ މަހުގެ 16 ވަނަ ދުވަހު، ދެކުނު ކޮރެއާގައި އެވަރެޖު ގޮތެއްގައި ކޮންމެ 1،000 މީހެއްގެ ތެރެއިން 2.13 މީހުން ޓެސްޓު ކުރި އެވެ. އެއާ ހިލާފަށް، ޔޫރަޕުގައި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޖެނުއަރީ 31 ގަ އެވެ. އެކަމަކު އޭގެ ހަ ހަފުތާފަހުން އިޓަލީގައި އެ ބައްޔަށް ޓެސްޓް ކުރުމުގެ ނިސްބަތް ހުރީ ކޮންމެ 1،000 މީހެއްގެ ތެރެއިން 1.65 ގަ އެވެ.

އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގިނަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ޓެސްޓު ކުރެވޭ މިންވަރު ނިސްބަތުން ގިނަ އެވެ. އަދި ހާއްސަކޮށް ޕޮޒިޓިވްވި ކޭސްތަކުގެ މެދުގައި ރާއްޖޭގައި ޓެސްޓު ކުރެވުނު ނިސްބަތް ގިނަ އެެވެ.

ނަމަވެސް، އެހެން ގިނަ ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ފުރަތަމަ ކޮޅުގައި ޓެސްޓު ކުރެވޭ މިންވަރު މަދުވުމަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ދިއުމުގެ ސަބަބަކަށް ވަނީ ވެފަ އެވެ. އޭގެ ސާފު މިސާލަކީ އިޓަލީ އެވެ. ވައިރަސް ފެތުރިގެން ދިއުމުން އިޓަލީން ޓެސްޓު ކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރި އެވެ. އެގޮތުން، އިޓަލީގައި ކޮންމެ ހާހަކުން 24.5 މީހުނަށް ޓެސްޓު ކުރުން އިތުރު ކުރި ނަމަވެސް، އޭރު އެ ބަލި އޮތީ މުޖުތަމައުގެ ތެރޭގައި ރަނގަޅަށް ފެތުރިފަ އެވެ.

ސުވާލަކީ ގިނަ ގައުމުތަކުން ފުރަތަމަ މަރުހަލާގައި ވެސް ޓެސްޓު ކުރުން އިތު ރުކުރުމަށް ނުކުޅެދުނީ ކީއްވެ ހެއްޔެވެ؟

ޓެސްޓު ކުރުން އިތުރު ކުރުމުގައި ގޮންޖެހުންތަކެއް

އެ ސުވާލުގެ ޖަވާބަކީ އެންމެ އާދައިގެ އިކޮނޮމިކްސް އެވެ. ޓެސްޓު ކިޓުތަކަށް ކުއްލިއަކަށް އިތުރުވި ޑިމާންޑާއެކު ސަޕްލައި އިނދަ ޖެހުނީ އެވެ. ބައްޔާ ދެކޮޅަށް ލަހުން ފިޔަވަޅު އެޅުނު ގައުމުތަކުގައި، ބަލި ޖެހުނު އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން، ޓެސްޓު ކުރަންޖެހޭ މިންވަރުވެސް އިންތިހާއަށް އިތުރު ވެގެން ދިއައީ އެވެ.

އެކަމަކު ހަމައެކަނި ޓެސްޓު ކުރުމަކީ ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބު ހަތިޔާރަކަށް ނުވެ އެވެ. އަދި ވައިރަސް ފެތުރުން ހުއްޓުވުމުގެ ހުރަހަކަށް ވެސް ނުވާކަން އެހެން ގައުމުތަކުގެ ތަޖުރިބާއިން ވެސް ހާމަވެ އެވެ. ސަބަބަކީ ޓެސްޓުތަކުގެ ނަތީޖާއަށް ބަރޯސާ ވެވޭނެ މިންވަރާ މެދު ސިއްހީ މާހިރުންގެ މެދުގައި އުފައްދަމުންދާ ސުވާލުތަކެވެ. ހާއްސަކޮށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން، އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުނާ ގުޅުވައިގެނެވެ.

ވައިރަހާ ދެކޮޅަށް އެންމެ ކާމިޔާބު މަސައްކަތެއްކުރި ގައުމުތަކުން ޓެސްޓު ކުރުމުގެ އިތުރުން، ވަރަށް ފުޅާ ދާއިރާއެއްގައި ކޮންޓެކްޓް ޓްރޭސިންގް ހެދުމާއި ބަލި ފެތުރޭ ސަރަހައްދުތައް އަވަހަށް ލޮކްޑައުން ކުރި އެވެ. ނަމަވެސް، ސިއްހީ މާހިރުން އިއްތިފާގުވާ ގޮތުގައި، ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ދުރާލައި ލޮކްޑައުން ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ފަހަތުގައި އޮތީ ޓެސްޓް ކުރާ މިންވަރެވެ. އެގޮތުން، ފިޔަވަޅުތައް ލަހުން އެޅުމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި، ޓެސްޓު ކުރުމުގެ ގާބިލުކަން އިތުރު ކުރުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ދުނިޔޭގެ ބޮޑެތި ބާރުތައް ވެސް ހިމެނެ އެވެ.

ޓެސްޓިންގެ މަރުހަލާތައް

އެފަދަ ބޮޑެތި ގައުމުތަކަށް ދަތިތައް ދިމާ ވެގެން އުޅޭ ސަބަބު ވިސްނައިގަންނަން، ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ކަޑައްތު ކުރަންޖެހޭ ތަފާތު ގިނަ މަރުހަލާތައް ކޮންމެވެސް މިންވަރަކަށް އެނގުން މުހިއްމުވެ އެވެ. ކާމިޔާބު ޓެސްޓެއް ހަދައި، ރަނގަޅު ނަތީޖާ އަކާ ހަމައަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ މި ބައްޔަށް ހާއްސަ ޓެސްޓު ކިޓު ތަކެއް އަތުޖެއްސުމެވެ.

ބައްޔަށް ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނެގުމަށްފަހު ދެން ފޮނުވާނީ ހާއްސަ ތަމްރީނެއް ލިބިފައިވާ ލެބް ޓެކްނީޝަނުންގެ އަތަށެވެ. އެފަދަ ސާމްޕަލްތައް ޕްރޮސެސްކުރާ ހާއްސަ "ޕީސީއާރު" މެޝިނަކަށް ލައިގެން، އެ ސާމްޕަލެއްގެ ނަތީޖާ ހޯދަނީ އެވެ. އެއަށްފަހު، ދުރާލާ ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން، އެ ނަތީޖާތައް ފޯރުކޮށްދޭން ޖެހޭ ކަމާގުޅޭ އިދާރާތަކަށް ފޮނުވާނީ އެވެ.

ކިޔާލަން ކިތަންމެ ފަސޭހަވިޔަސް، ހަގީގަތުގައި މި މަރުހަލާތަކަކީ ވަރަށް އުނދަގޫ އަދި އެހާމެ ނުރައްކާތެރި މަރުހަލާތަކެކެވެ. އެމެރިކާ އަދި ޔޫކޭއަށް ވެސް ޓެސްޓު ކިޓު އުފައްދަން ބޭނުންވާ ސާމާނު ހޯދުމަށް ވަނީ ދަތިވެފަ އެވެ. ލެބޯޓަރީތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކިޓު އުފެއްދުމަށް ބޭނުންވާ މެޝިންތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަމެވެ. މެޝިނުތަކަށާއި ސިސްޓަމުތަކަށް އިދާރީ ގޮތުންވެސް ގިނަ ބަދަލުތަކެއް ގެންނަންޖެހެ އެވެ. އަދި މެޝިނުތައް ހުރި ނަމަވެސް، ޓެސްޓު ކިޓުތަކަށް ބޭނުންވާ ކެމިކަލްތައް ހާއްސަ މިންވަރުތަކުގައި އެއްކުރުމެވެ.

އެގޮތުން، ވަކި މިންތަކެއްގައި އެއްކުރަންޖެހޭ ތަފާތު 20 ކެމިކަލެއް އެކުލެވެ އެވެ. އެކެމިކަލްތައް ވަކިވަކިން ބަންދުކުރަންޖެހެނީ ހާއްސަ ގޮތަކަށެވެ. ބަހައްޓަންޖެހެނީ ވަކި ފިނި ހޫނު މިނެއްގަ އެވެ. ކުރު ގޮތަކަށް ބުނާނަމަ، ޓެސްޓް ކިޓު އުފެއްދުމަކީ ބޭހެއް ތައްޔާރު ކުރުންހާ އުނދަގޫ މަރުހަލާތަކެއްގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. އަދި އެންމެ ފަސޭހައިން އަދި އެންމެ އަވަހަށް ނަތީޖާ ލިބޭ ޓެސްޓު ކިޓެއް އުފެއްދަން އުނދަގޫތައް އިތުރުވެ އެވެ.

ޕްރީ ޓެސްޓު މަރުހަލާ

ޓެސްޓު ކުރުމާ ހަމައަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ ބައްޔަށް ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނެގުމެވެ. ކަފަ ބުރެއްހެން ކަންފަތާ ހަމައަށް ފޯރާހާ ދިގު "ސްވޮބް" ގެ ކޮޅުގައި ހުންނަނީ ކަފަ އެއް ނޫނެވެ. އޭގެ ކޮޅުގައި ސާމްޕަލް ނަގަން އާއްމުކޮށް ބޭނުން ކުރަނީ ނައިލޯން ނުވަތަ ފޯމެވެ. ނަމަވެސް، މި ކާރިސާގެ ތެރެއިން އެ ސްވޮބް ހޯދުން ވެސް ވަނީ ދަތިކަމަކަށް ވެފަ އެވެ. އެ ސްވޮބް އުފައްދާ އިޓަލީގެ ކުންފުންޏަކުން، އެ ގައުމު ލޮކްޑައުންކޮށްފައި ވާތީ، އޮޕަރޭޝަން ކުރިއަށް ގެންދަން ހާއްސަ ހުއްދައެއް ނަގަންޖެހުނެވެ. އަދި ޖަރުމަނު ކުންފުންޏަކަށް، ކޮވިޑް-19 އާ ގުޅިގެން ފެކްޓަރީތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.

ލެބް ޓެކްނީޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ ހާއްސަ ބިއްލޫރި ފޮށްޓެއްގެ ތެރޭގައި އެވެ. ވައި ކޮންޓްރޯލްކޮށްފައިވާ އެ ފޮށިން ވައިރަސް ބޭރުނުވެވޭނޭ ފަދަ ގޮތަކަށެވެ. މިއީ ޓެސްޓު ކުރުމުގެ އެންމެ ނުރައްކާތެރި މަރުހަލާ އެވެ. އެ ސާމްޕަލްގައި އެތަކެއް މިލިއަން ވައިރަހެއް ހުންނައިރު، އޭގެން އެންމެ ތިއްކެއް ބޭރު ވިޔަސް، މުޅި ލެބޯޓަރީ ނޫނީ އެހެން ސާމްޕަލެއް ތަގައްޔަރުވުމުގެ ފުރުސަތު ބޮޑުކަމުންނެވެ. އަދި އެ ވައިރަހުގެ ނުރައްކަލަށް މުޅި ލެބުގައި މަސައްކަތްކުރާ އެންމެން ހުށަހެޅިގެންދާނެތީ އެވެ. ޓެސްޓު މަރުހަލާގައި ހެދޭ ކުޑަކުޑަ ގޯހަކުންވެސް ނަތީޖާ ނުބައިވުމުމުގެ ފުރުސަތު އޮންނާތީ އެވެ. އެންމެ ނުބައި ނަތީޖާއެއްގެ އަސަރު މުޅި މުޖުތަމައުއަށް ކުރާނެތީ އެވެ. އެ މަރުހަލާގެ ކާމިޔާބީ ގުޅިފައި އޮންނަނީ އެ ޓެކްނީޝަނުންގެ ހުނަރާ އެވެ. އެމީހުންގެ ތަޖުރިބާއާ އެވެ. ހާއްސަ ތަމްރީނު ލިބިފައިވާ އެފަދަ ޓެކްނީޝަނުންކީ ގިނަ ގައުމުތަކުގައި ތަދު ބައަކަށް ވެފައި އޮންނަނީ އެ ސަބަބާހެދި އެވެ.

ޓެސްޓު ކުރުމުގެ މަރުހަލާ

ސާމްޕަލެއް ޓެސްޓު ކުރުމުގެ މަރުހަލާގައި މައިގަނޑު ގޮތެއްގައި ދެ މުހިއްމުކަމެއް އެކުލެވެ އެވެ. ފުރަތަމަކަމަކީ ސްވޮބްގެ ކޮޅުން، ޕޭޝަންޓުގެ ކުޅު ނޫނީ ހަށިގަނޑުގެ ދިޔަ ވަކި ކުރުމެވެ. ދެވަނަ ކަމަކީ އޭގައި ވައިރަސް ހުރިތޯ ނެތްތޯ ކަށަވަރުކުރުމެވެ. އެގޮތުން، އެ ސާމްޕަލް ވަރަށް ފަރުވާތެރިކަމާއެކު، ކެމިކަލްތަކެއްގެ ތެރެއަށް ލައިގެން، އޭގެ ވައިރަލް ކޯޓު ނޫނީ ވައިރަހުގެ ބޭރު ފަށަލަ ފަޅައިލަނީ އެވެ. އަދި އޭގެ ތެރެއިން، އެ ވައިރަހުގެ ޖީންސްގެ އާރުއެންއޭ ނޫނީ އެންމެ ފަށަލައެއް ވަކިކޮށްލަނީ އެވެ.

އަދި އޭތި ކޮޅު، ކޮވިޑް-19 ހުރިތޯ ބެލޭނެ ރީއޭޖެންޓު ނޫނީ ކެމިކަލްތަކެއް އެކުލެވޭ ޑިސްކަކަށްލުމަށްފަހު، މެޝިނަކަށްލައި، ކެމިކަލްތަކުގެ އެހީގައި އޭގެ ޖީންސް އެތައް ބިލިއަނަކުން ގުނަކޮށްލަނީ އެވެ. އެއާއެކު، ފްލޮރިޒަންޓް ޕްރޯބެއްގެ އެހީގައި، އެ ސާމްޕަލްގައި ކޮވިޑް-19 ހުރިނަމަ، މުޅި ޑިސްކް ދިއްލިގެންދާނެ އެވެ. ކޮވިޑް-19 ނެތްނަމަ، އެ ސާމްޕަލް ގުނައެއްވެސް ނުވާނެ އެވެ. އަދި ދިއްލިގެންވެސް ނުދާނެ އެވެ.

އެއަށްފަހު، އެ ޓެސްޓުގެ ކޮންޓްރޯލް ނޫނީ ކުރިން ބައްޔަށް ޕޮޒިޓިވްވި އަދި ނެގެޓިވްވި ސާމްޕަލްތަކާ އަޅާކިއާ، އެ ޓެސްޓު ކާމިޔާބުކަން ކަށަވަރު ކުރުމަށްފަހު، އެ ޓެސްޓުގެ ނަތީޖާ ރެކޯޑުކުރާނީ އެވެ.

ނަތީޖާގެ ސައްހަކަން ކަށަވަރުކުރުން

ޓެސްޓެއްގެ ނުބައިކޮށް ހެދުމަކީ ޓެސްޓު ނުކުރުމަށްވުރެ ނުރައްކާ ބޮޑުކަމެއްގެ ގޮތުގައި ސިއްހީ މާހިރުން ވަނީ ސިފަކޮށްފަ އެވެ. ޕޭޝަންޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމުގެ ކުރިން، އެ ލެބޯޓަރީއެއްގައި ކުރެވޭ ޓެސްޓުތަކުގެ ނަތީޖާއަށް ބަރޯސާވެވޭނެތޯ ބަލަން ދިރާސާތަކެއް ކުރަންޖެހެ އެވެ. ފުލުހުންގެ ފޮރެންސިކް ލެބުގައި ހުރި ޕީސީއާރު މެޝިނު ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ކުރިންވެސް އެ މަރުހަލާ ކަޑައްތު ކުރަންޖެހުނެވެ. އަދި އެ މެޝިނުން ޓެސްޓު ކުރާ މިންވަރު އިތުރުކުރާނީ މަޑުމަޑުންކަމަށްވެސް މަބުރޫކުވެސް ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ އެއީ އެވެ. އެ މެޝިނުން ހެދޭ ޓެސްޓުތަކަށް ބަރޯސާވެވޭނެކަން ކަށަވަރުކުރަންޖެހޭތީ އެވެ.

ނަމަވެސް، އެ ޓެސްޓަކީވެސް 100 ޕަސަންޓް މުޖައްރިބު ޓެސްޓަކަށްނުވެ އެވެ. ސަބަބަކީ އެ ބަލި ހުރީ މީހުންވެސް އެ ޓެސްޓަށް ނެގެޓިވްވެފައިވާކަން އެހެން ގައުމުތަކުގައި މަދުން ނަމަވެސް ހާމަވެފައިވާތީ އެވެ. އޭގެ ތެރެއިން އެއް ބައިމީހުންގެ ފުއްޕާމޭގައި އެ ބަލީގެ އަސަރު ހުރި ނަމަވެސް، ސްވޮބް މެދުވެރިކޮށް ސާމްޕަލް ނަގާއިރު، ނޭފަތް ނޫނީ ކަންފަތް ކައިރީގައި އެ ވައިރަހުގެ އަސަރު ނުހުންނަ ކޭސްތައް ވަނީ ފާހަގަކުރެވިފަ އެވެ. ނޫނީ ބައެއް ފަހަރު ރަނގަޅަށް ސާމްޕަލް ނުނެގުމުގެ ސަބަބުން ވެސް ނެގެޓިވް ނަތީޖާއެއް އައިސްފައިހުރެދާނެކަމަށް ސިއްހީ މާހިރުން އިއްތިފާގުވެފަ އެވެ.

އެ ފުރުސަތު ހަނިކުރުމަށްޓަކައި، ބައެއް ގައުމުތަކުގައި ސިރޮލޮޖީ ނުވަތަ ލޭގެ ޓެސްޓު ވަނީ މަގުބޫލުވާން ފަށައިފަ އެވެ. އެ ޓެސްޓުން މައިގަނޑު ގޮތެއްގައި ބަލަނީ، މީހެއްގެ ހަށިގަނޑުގައި އެ ބަލި ކުރިން ހުރިތޯ އާއި، ހުރިނަމަ، އިމިޔުނިޓީސް ނޫނީ އެ ބަލި ދިފާއުކުރުމުގެ މާއްދާތައް ހަށިގަނޑުގައި އުފެދިފައިހުރިތޯ އެވެ.

ނަމަވެސް، ސައްހަ ލޭގެ ޓެސްޓެއް ހެދުމުގައިވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ފުރަތަމަކަމަކީ އެ މީހެއްގެ ހަށިގަނޑުން ފެންނަ އިމިއުން ސެލްތަކަކީ ސީދާ ކޮވިޑް-19 އާ ދެކޮޅަށް އުފެދިފައިހުރި ސެލްތަކެއްކަން ކަށަވަރުވާންޖެހެ އެވެ. ސަބަބަކީ ގިނަ މީހުންގެ ހަށިގަނޑުގައި އާދައިގެ ރޯގާއެއް ނޫނީ އެހެން ކޮރޯނާވައިރަހެއްގެ އިމިއުން ސެލްސް ހުރުމުގެ ފުރުސަތު ބޮޑެވީމަ އެވެ. އޭގެ އިތުރުން، އެއް ބައިމީހުން ބަލިން ދިފާއުވުމުގެ މާއްދާތައް ހަށިގަނޑުގައި ނެތިވެސް އެ ބަލިން ރަނގަޅުވެފައިތިބުމަކީ އެކަށީގެންވާކަމެކެވެ. އިނިގިރޭސިވިލާތުން ވެސް މިލިއަނުން އެފަދަ ޓެސްޓުތަކެއް ގަނެ އެއްކުރި އެވެ. ނަމަވެސް، އެންމެ ފަހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރި އެވެ.

މި ވައިރަހުގެ ނުރައްކާ އެހާ ބޮޑީ އެހެންވީމަ އެވެ. މި ބައްޔާ ގުޅޭ މާގިނަ މައުލޫމާތުތަކެއް އަދި ހޯދިފައިނެތް އިރު، އެއާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި ބަލީގެ އިންކިޔުބޭޝަން ނޫނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާ މުއްދަތު އެހާ ދިގެވެ. ބަލި ފެތުރޭ ހަލުވި މިނާ އެއްވަރަށް އެ ހުއްޓުވުމަށް ފިޔަވަޅުތައް އެޅުން ވަނީ ގިނަ ގައުމުތަކަށް ދަތިކަމަކަށްވެފަ އެވެ. މި ބަލީގެ ފަރުވާއަކީ ވީހާވެސް ގިނަ ބައަކު ޓެސްޓުކޮށްގެންކަމަށް ބުނި ނަމަވެސް، ބޭނުންވާ މިންވަރަށް ޓެސްޓު ކިޓުތައް އުފެއްދުމަށްވެސް މުޅި ދުނިޔެ ވަނީ ނުކުޅެދިފަ އެވެ. ކިތަންމެ ބައިވަރު ފައިސާތަކެއްދީގެން މުޅި އާބާދީ ކުރެވޭ މިންވަރަށް ކިޓުތައް ހޯދުމަކުން އަދި ނުފުދެ އެވެ. އެކަމަށް ހާއްސަ މެޝިނުތައް ބޭނުންވެ އެވެ. ހާއްސަ ވަސީލަތްތައް ބޭނުންވެ އެވެ. އަދި އެންމެ މުހިއްމުކަމަކަށް، އެކަމަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ ތަޖުރިބާކާރު މީހުން ބޭނުންވާކަންވެސް ސާފެވެ.