އަނެއްކާ ވެސް އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދިވެއްސަކާ، ލަންކާ މީހެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ދެ މީހެއް ކަމަށެވެ.
މިއަދު އިތުރު 8 މީހަކުވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މުޅިންވެސް ދިވެހިންނެވެ. އެހެން ކަމުން މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 141 އަރާފައެވެ.
ރޭވެސް މި ބައްޔަށް ބަންގްލަދޭޝް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހުކުރު ދުވަހު އެކަނިވެސް 18 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބުރާސްފަތި ދުވަހަކީ ކޮވިޑަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު ވަނީ 23 މީހުން ޕޮޒިޓިވްވެފައެވެ.
އިއްޔެ ފުރަތަމަ ފެނިފައިވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއްވެސް ހިމެނެއެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ހިމެނުނީއެވެ.
ފަހުން ޕޮޒިޓިވްވީ 13 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މަންމައާ ބައްޕަވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މި މީހުންގެ ތެރެއިން 12 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ރޭ ޕޮޒިޓިވްވީ ބިދޭސީ މީހާއެވެ.
މިއަދު ޕޮޒިޓިވްވީ ދިވެހިންގެ އުމުރާ ގުޅޭގޮތުން އެޗްޕީއޭއިން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
އެންއީއޯސީންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ ހުކުރު ދުވަހު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވިއެެވެ.
ކޮވިޑްއިން ރައްކާތެރިވުމަށް މާލެ އޮތީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އެ މުއްދަތު ދިގު ކުރަަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކަމާބެހޭ އިދާރާތަކުން މިއަދު ވަނީ ދީފައެވެ.