އޯވާޑްރޯ ކުރުން ފިޔަވައި މި ވަގުތު ސަރުކާރަށް ވެސް އިތުރު އޮޕްޝަނެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 4.2 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށް ދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގައި އެ މައްސަލާގައި ތަފާތު ބަހުސްތައް ދަނީ ކުރަމުނެވެ. އަދި އެ މައްސަލައާ މެދު ގޮތް ނިންމުން ވަނީ ފަސް ވެފަ އެވެ. ދެ ޖަލްސާއެއްގައި އެ މައްސަލަ ބަހުސް ކޮށްފައިވާއިރު މާދަމާ އެ މައްސަލައަށް ގޮތް ނިިންމާނެ ކަމަށް ބެލެއެވެ.
ކުރިން ޑެޕިއުޓީ އޭޖީގެ މަގާމު ވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވީ ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސޯދީ ހާލަތު ވަރަށް ގޯސް ވުމުން ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު. އޯވާޑްރޯ ކުރުން ފިޔަވައި މިވަގުތު ސަރުކާރަށް ވެސް އިތުރު އޮޕްޝަންތަކެއް ހުރި ކަމަކަށް ނުފެނޭ." އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރު އުޝާމް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް އޯވަޑްރޯއެއް ހަދަން މަޖިލީހަށް ފޮނުވުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބްލޭންޗް ޗެކެއް މިނިސްޓަރު އަތަށް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން އުޅެނީ ފައިސާ ޖަހަން ކަމަށްވެސް ބައެއް މެންބަރުން ތުހުމަތު ކުރެއްވި އެވެ.
މަޖިލީހުގައި މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރަތް ކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ އޯވަޑްރޯ ކުރުމަކީ ބްލޭންކް ޗެކެއް ދިނުން ނޫން ކަމަށާ އަދި އެއީ ފައިސާ ޗާޕު ކޮށްގެން ނެރުމެއް ވެސް ނޫން ކަމަށެވެ. އަދި މިއީ މުޅިން ތަފާތު ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ..
"ދަރަންޏަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. ގެ އިސްތިސްނާއަކަށް އެދުނީ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ލިމިޓް އިތުރު ކުރަން. މިހާރު މިއީ އާއްމު ހާލަތެއް ނޫން ހާއްސަ ހާލަތެއް. ގާނޫނުގައި އޮތް ގޮތުން އޯވަޑްރޯ ކުރެވޭނީ 200 މިލިއަން ރުފިޔާ. އޯވަޑްރޯ ކުރި ނަމަވެސް ހާލަތު ރަނގަޅުވުމުން ފައިނޭންސިން އިތުރު ކުރާ މިންވަރުން ޕަބްލިކް ބޭންކުން އެކައުންޓް ޖަމާ ކުރަމުން ގެންދާނެ،" އަމީރު ވިދާޅުވި އެވެ.