ރާއްޖޭގައި ކޮވިޑް-19 މުޖުތަމައަށް ފެތުރިފައިވާއިރު ރާއްޖޭގައި އެ ބަލީގެ ޕީކަށް ދާނީ މިހާރު މުޅި މާލެ ސަރަހައްދަށް އަޅާފައިވާ ލޮކްޑައުންގެ ހާލަތު އުވާލުމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފްޒަލް ވިދާޅުވީ މުޅި މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތެއްގައި ބަލި ފެތުރިފައިވާ ހަގީގީ މިންވަރު ދެނެގަނެ ބަލި ފެތުރުން ޕީކަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
"ލޮކްޑައުންގެ މި ހާލަތުގައި ޕީކަށް އެރުން ވަރަށް ކުޑަ ވާނެ. އެކަމަކު ލޮކްްޑައުން ހާލަތު ނިމުމުން ޓްރޫ ޕީކަށް އެރިޔަސް އަރާނީ. އެކަމަކު އޭތި އެނގޭނީ އެޅޭ ފިޔަވަޅެއްގެ ނަތީޖާ ދައްކާ ގޮތަކުން،" އޭނާ ވިދާޅުވި އެވެ.
އަފްޒަލް މިރޭ ވެސް ވިދާޅުވި ގޮތުގައި، މުޅި ރާއްޖެ އަބަދު ލޮކްޑައުންގެ ހާލަތެއްގައި ނުބޭއްވޭނެ އެވެ. އަދި މި ބައްޔާ އެކީގައި ދިރިއުޅެން ހުރިހާ ރައްޔިތުން ދަސްކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.
މުޅި ރާއްޖެއަށް ބަލި ފެތުރިގެން ހިނގައްޖެނަމަ، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މާބޮޑު ބޭނުމެއް ނޯންނާނެ ކަމަށާއި، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައި މީހުން ގޭގައި ކަރަންޓީނު ކުރަންޖެހުން ފަދަ ބަދަލުތަކެއް އެފަދަ ހާލަތެއްގައި އަންނާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވީހާ ވެސް ދުރަކަށް ގެންދިއުން. އަދި ލޮކްޑައުންގެ ހާލަތުގައި އޮތް އިރު، އޭގެ ކުރިން ބަލި ޖެހިފައިވާ މީހުން ހޯދައި، އެމީހުން އަވަހަށް ކަރަންޓީނު ކުރުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މިއަދުވެސް އެ ބައްޔަށް ޕޮޒިޓިވްވި 12 މީހުނާއެކު، ރާއްޖޭން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 141 އަށް އަރައިފަ އެވެ.
އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ށ. ނަރުދޫގައި ދުއްވާ "އަމާޒު" ބޯޓްގެ ކެޕްޓަން ހިމެނޭތީ، އެ ބޯޓުން މި މަހުގެ 15 ވަނަ ދުވަހު ދަތުރުކުރި ހުރިހާ އެންމެން އެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން އަފްޒަލް މިރޭ ވިދާޅުވި ގޮތުގައި އަމާޒް ބޯޓުގައި 98 މީހަކު ދަތުރު ކުރި އެވެ. އަދި އެ ބޯޓް 13 ރަށެއްގައި ޖައްސާފައި ވެއެވެ.
އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށް ވެސް އަމާޒު ބޯޓު ވަނެވެ.
އެ ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން 51 މީހަކު ދެނެގަނެވިފައި ވެއެވެ. ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.
އަފްޒަލް ވިދާޅުވީ މިހާތަނަށް އެ ބޯޓުން ދަތުރު ކުރި ފަސް މީހެެއްގެ ކިބައިން އަލާމަތްތައް ފެނިގެން ޓެސްޓް ކުރަމުން އަންނަ ކަމަށެވެ. މިއީ ވަރަށް ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި ވެސް އަފްޒަލް ވަނީ ސިފަ ކުރައްވާފަ އެވެ. އަފްޒަލް ވިދާޅުވީ މި ކޭސްގެ ސަބަބުން އަތޮޅުތަކުގައިވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޔަގީންކޮށް އެކަން ބުނަން އެނގޭނީ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.