ހަބަރު

އަންނަ މަހު ވެކްސިން ދޭން ފަށާނެ: ދަމަނަ

Apr 26, 2020

އަންނަ މަހު ވެކްސިން ދޭން ފަށާނެ ކަމަށް ދަމަނަ ވެށިން ބުނެފި އެވެ.

ވެކްސިން ދިނުން މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެންނެވެ. ދަމަނަވެށިން ބުނީ ކޮވިޑް-19 އާ ގުޅިގެން ދަމަނަވެށިން ދެމުންދާ ހިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެެއިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދިނުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ދަމަނަވެށި ހުޅުވާނެ ކަމަށެވެ.

ވެކްސިން ދޭން ބޭނުންވާ މީހުން ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 ފެށިގެން 1:00 އަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

ފަނީބޭހާއި ވިޓަމިން-އޭ ދޭންޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުން ވެސް އެ ވަގުތުތަކުގައި ކުރިއަށްދާނެ އެވެ. ފަނިބާހާއި ވިޓަމިން-އޭ ދޫކުރަން ހަމަޖހިފައި ވަނީ ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ބެލެނިވެރިއަކު ދިއުމުން ކަމަށްވެސް ދަމަނަ ވެށިން ބުންޏެވެ.

އަދި އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުންނާއި، އިންފްލެއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުން ވެސް އެ ގަޑިތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވެއެވެ.

އެ ނޫން އެއްވެސް ހިދުމަތެއް މި ދުވަސްވަރު ދަމަނަވެށިން ނުދޭނެ އެވެ.