ބޮލީވުޑް

1999 ގައި ސަލްމާން ކައިވެނި ކުރަން ތައްޔާރުވި

ސަލްމާން ޚާންގެ ކައިވެނީގެ މައުލޫއަކީ އަބަދާ އަބަދު މީހުން ވާހަކަ ދައްކާ މައުލޫއެކެވެ. އޭނާގެ ފޭނުންނާއި އެކުވެރިން ވެސް އަބަދުވެސް ސަލްމާން ކައިވެނި ނުކޮށްގެން އެ ވާހަކަ ދައްކަ އެވެ. އަދި ސަލްމާނާ ގިނަ ބަޔަކު މި ސުވާލު ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކައިވެންޏާ ބެހޭ ސުވާލު ކުރާ ކޮންމެ ފަހަރަކު ސަލްމާން ކޮންމެވެސް އެއްޗެކޭ ކިޔާފައި އެ ސުވާލުން ރެކެ އެވެ.

ނަމަވެސް 1999 ގައި ސަލްމާން އެންގޭޖްވީކަން އެނގޭ ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް އޭނާ އެންގޭޖްވެ ކައިވެންޏަށް ތައްޔާރު ވެސް ވިއެވެ. ނަމަވެސް ފަހު ވަގުތު ކައިވެނި ވަނީ ކެންސަލް ވެފަ އެވެ.

ސަލްމާން ކައިވެނި ކުރަން ރޭވީ 1999 ގެ ނޮވެމްބަރު މަހު އޭނާގެ ބައްޕަގެ އުފަން ދުވަހާ ދިމާކޮށް އެ ދުވަހު އެވެ. ސަލްމާން އޭރު ރައްޓެހިވެ އެންގޭޖްވެގެން އުޅުނީ ކުރީގެ ފިލްމީ ބަތަލާ ސަންގީތާ ބިޖިލާނީ އެވެ.

ސަލްމާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި މިކަމާ ބެހޭ މައުލޫމާތުތައް ހިއްސާ ކޮށްފައި ވެއެވެ.

ސާޖިދު ބުނި ގޮތުގައި ސަލްމާނާއި އޭނާ ކައިވެނި ކުރަން ނިންމާފައި އޮތީ އެއް ދުވަހެއްގަ އެވެ. ކައިވެނީގެ ދައުވަތު ކާޑުތައް ވެސް ބަހަން ތައްޔާރުކުރި ކަމަށައި ނަމަވެސް އެންމެ ފަހު ވަގުތު ސަލްމާން ކައިވެނި ކެންސަލް ކުރީ ކަމަށް ސާޖިދު ބުނެފައި ވެއެވެ.

ސަލްމާން ކައިވެނި ކެންސަލްކުރީ ކައިވެނި ކުރާ މޫޑެއް އެވަގުތު ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ދުވަސްވަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާން އޭނާއަށް ބޭވަފާތެރިވީ ކަމަށާއި އެކަން ފަޅާ އެރުމުން އޭނާ ސަލްމާނާ ކައިވެނި ކުރަން ގަބޫލުނުވީ ކަމަށެވެ. ސަންގީތާ ބުނި ގޮތުގައި ސަލްމާނަކީ ފިރިއަކަށް ކީއްކުރަން ލޯބިވެރިޔަކަށް ވެސް ކަމުދާ މީހެއް ނޫން ކަމަށެވެ.

އެ ދުވަސްވަރު އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ސަންގީތާ އާ ރައްޓެހިވެގެން އުޅެމުން ސަލްމާން ސޯމީ އަލީ ކިޔާ އަންހެންކުއްޖާ ލޯބީގެ ގުޅުމެއް ހިންގީ ކަމަށެވެ. އަދި ސޯމީ އާއި ސަލްމާން އެއްކޮށް ތިއްބާ ސަންގީތާ އަށް ރެޑްހޭންޑްކޮށް ހިފުނު ކަމަށެވެ. ސޯމީ އަކީ ވެސް އެ ދުވަސްވަރު ފިލްމު އިންޑަސްޓްރީން ފުރުސަތު ހޯދަން އިންޑިޔާއަށް އައިސް އުޅުނު ޕާކިސްތާނު ބަތަލާ އެކެވެ.

ކޮންމެއަކަސް އޭގެ ފަހުން ސަންގީތާ ވަނީ އޭރުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔެއް ކަމަށްވާ އަޒްހަރުއްދީނާ ކައިވެނިކޮށްފަ އެވެ. ނަމަވެސް މިހާރު މި ކައިވެނިވެސް ވަނީ ރޫޅިފަ އެވެ.ސަންގީތާގެ ފަހުން ސަލްމާން ވަރަށް ގިނަ މީހުންނާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެއްވެސް މީހަކާ އެކު ކައިވެނިކުރާ ހިސާބަކަށް ނުދެ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ސަލްމާން މިހާރު ރައްޓެހިވެގެން އުޅެނީ އޫލިއާ ވަންތޫރު އާ އެވެ. އަދި ސަލްމާންގެ މަންމަގެ އުފަން ދުވަހު އޫލިއާ އަށް ސަލްމާން ޑައިމަންޑް ރިންގް އެއް ހަދިޔާކުރި ކަމުގެ ޚަބަރުތައް ވެސް ވަރަށް ފަހުން ފެތުރުނެވެ. ނަމަވެސް މި ދެ މީހުން ވެސް ކައިވެނިކުރަން އުޅޭ ކަމުގެ އެއްވެސް ވާޙަކައެއް ނުދެކެވެ އެވެ.