ކަރަންޓް ރީޑިން ނަގަން ގޭގެއަށް ނުދެވޭނެތީ ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ސްޓެލްކޯއިން އެދިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުން މުއްދަތުގައި މީޓަރުގެ ރީޑިން ނަގަން ގޭގެއަށް ވަދެ އުޅުމަކީ ގޭގޭގައި ދިރިއުޅޭ ފަރާތްތަކަށާއި ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ރައްކާތެރި ގޮތަކަށް ނުވާތީ، މިވަގުތަށް މީޓަރުތަކުގެ ފޮޓޯ ނެގުމަށްފަހު އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތަށް ބިލް ކުރުމުގައި އެ ކުންފުނިން އަމަލު ކުރަމުން އަންނަ ގޮތުގެ މަތީން، މި މަހުގެ ބިލް ހެދުމަށްޓަކައި ގްރޭޓާމާލެ ސަރަހައްދުގެ ކަަސްޓަމަރުން ވީ އެންމެ އަވަހަކަށް މީޓަރުގެ ފޮޓޯ ފޮނުއްވުމަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އަދި ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރަމުން އައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުން ކުރަމުން އަންނަ ގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ މިގޮތަށް އެވްރެޖް ބިލެއް ހެދި ނަމަވެސް އެ ކުންފުނިން އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައި ވާތީ އެ މިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވާ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ގެންނަ އެ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމަށް ވެސް ބުންޏެވެ.