ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފީފާ

ފީފާއިން ރާއްޖެއަށް 500،000 ޑޮލަރު ދެނީ

ކޮވިޑް-19 އާ ގުޅިގެން، ފީފާގެ މެންބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގައި ރާއްޖެއަށް 500،000 ޑޮލަރު ދޭން ފީފާއިން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓި މާލީ ގިނަ ގޮންޖެހުންތައް ކުރިމަތި ވެފައިވުމާއެކު ފީފާއިން ވަނީ، އެ ކޮންފެޑްރޭޝަނުން، މެންބަރު އެސޯސިއޭޝަންތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދީ ހުރި ފައިސާ ދިނުމަށް ނިންމާފަ އެވެ. އެއީ އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި މެންބަރު އެސޯސިއޭޝަންތަކަށް މިދިޔަ އަހަރާއި މި އަހަރު ދޭން ޖެހޭ ފައިސާ އެވެ.

އޭގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު، ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.

"މީގެ މާނައަކީ ކޮންމެ މެންބަރު އެސޯސިއޭޝަނަކަށް 500،000 އެމެރިކާ ޑޮލަރު ދޫކުރެވޭނެ ވާހަކަ،" ފީފާގެ ވެބްސައިޓްގައ ބުނެފައި ވެއެވެ. "އަދި ފީފާއިން ގައުމުތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2019 ވަނަ އަހަރައި 2020 އަހަރު ނުދީ ހުރެއްޖެނަމަ އެ ފައިސާވެސް ދޫކުރެވިގެން ދާނެ."

ފީފާއިން ވަނީ، މި މަރުހަލާގައި ފީފާއިން ދޫކުރާ ފައިސާ ހަރަދު ކުރަން ޖެހޭނެ ގޮތްވެސް ކަނޑައަޅާފަ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ހާލަތު ފޫބެއްދުމުގެ ގޮތުން މެންބަރު އެސޯސިއޭޝަންތަކުން އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވާ ފައިސާ ދެއްކުމަށާއި ތަނުގެ އިދާރީ ހިންގުމުގެ ހަރަދުތަކަށެވެ.

އެފައިސާ ހަރަދު ކުރި ގޮތުގެ އޮޑިޓް ރިޕޯޓްތައްވެސް ފީފާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ފީފާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.