ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އިތުރު 11 މީހަކަށް ކޮވިޑް ޖެހިއްޖެ

Apr 26, 2020

މާލެ ސިޓީއިން އިތުރު 11 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފި އެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް ނުވަ މީހަކާއި އެއް ދިވެއްސަކާއި އެއް ލަންކާ މީހެކެވެ. މި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 188 އަކަށް އެރީ އެވެ.

މާލެ ސިޓީއިން މިއަދު 11 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މާލެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 168 އަށް އަރަ އެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރޭގައި ބަލި ޖެހުނު ހުރިހާ ޓޫރިސްޓުން ހިމެނެ އެވެ.

މިހާރު ބައްޔަށް ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެ ދިވެއްސަކާއި ދެން މުޅިން ވެސް މާލެ ތެރެއިން ކޮވިޑް-19 ޖެހުނު މީހުންނަށެވެ.

މާލެ ތެރެއިން ކޮވިޑް-19 ފެނި ފެތުރެމުންދާއިރު ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. މާލޭގައި 14 ދުވަހަށް ލޮކްޑައުން އިއުލާން ކޮށްފައިވާއިރު ލޮކްޑައުން އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ވެސް އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފަ އެވެ.

މާލެއިން ބޭރުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ ހއ. އުލިގަމުންނާއި ށ. ނަރުދޫއިންނެވެ. އެ ދެ ރަށުން ޕޮޒިޓިވްވެފައި ވަނީ މާލެ ލޮކްޑައުން ކުރި ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން ދިޔަ ދެ މީހުންނެވެ. މީގެ ތެރެއިން ނަރުދޫއިން ޕޮޒިޓިވްވީ "އަމާޒު" ބޯޓުގެ ކެޕްޓަނެވެ. އެ ބޯޓު 13 ރަށަކަށް ދަތުރުކޮށްފައިވާއިރު 98 މީހަކު ދަތުރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ފަރާތުން އަލާމާތް ވެސް ވަނީ ފެނިފަ އެވެ.

މިއީ އަތޮޅު ތެރެއަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކޭސްއަކަށްވާއިރު މިހާރު އެޗްޕީއޭއިން ވަނީ ބޯޓު ދިޔަ ރަށްތައް ކަރަންޓީނުކޮށް، އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގާފަ އެވެ. އަދި، ބައެއް ގެތައް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.