ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހާލު ދެރަ އެއްވެސް މީހަކު ނެތް ކަމަށް ބަލި މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 214 އަށް އަރާފަ އެވެ. އަދި މިވަގުތު ވެސް 195 މީހަަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑު އަންހެނަކާއި އުމުރުން ދުވަސްވީ ބައެއް މީހުން ވެސް ހިމެނެއެވެ.
އެމީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަފްޒަލް ވިދާޅުވީ ފަރުވާ ދޭ މީހުންގެ ތެރޭގައި ހާލަތު ގޯސް އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި މާބަނޑު މީހާއާ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާ އެދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންގެ ހާލަތަކާއި ދުވަސްވީ މީހުންގެ ހާލުވެެސް ރަނގަޅު ކަމަށް އަފްޒަލް ވިދާޅުވި އެވެ.
އިއްޔެއަކީ ރާއްޖެއިން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 73 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ. އެއާއެކު ކޮވިޑްގެ ނުރައްކާތެރިކަން ވަނީ އިތުރު ވެގެން ގޮސްފަ އެވެ. އަދި ސިއްހީ މާހިރުން ވަނީ ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުތައް ބެހެއްޓުމަށް ގޮވާލާފަ އެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 1281 މީހުންނެވެ. އައިސޮލޭޝަންގައި 156 މީހަކު އެބަތިއްބެވެ.