ބޮލީވުޑް

ދިވްޔާގެ ހަނދާން އާއިލާއިން ނައްތާނުލާނެ: ވަރުދާ

ދިވްޔާ ބާރްތީ އަކީ އުމުރުން 19 އަހަރުގައި މަރުވި އޭރު ވަރަށް ގަދަޔަށް ފިޔަ ޖަހަމުން ދިޔަ ފިލްމީ ތަރިއެކެވެ. ދިވްޔާ މަރުވިތާ 27 އަހަރު ވެފައިވާއިރު އަދިވެސް އޭނާގެ އާއިލާއިން އޭނާގެ މަތިން ހަނދާން ނައްތައެއް ނުލަ އެވެ. ޚާއްސަކޮށް ދިވްޔާގެ ފިރިމީހާ އަދި މަޝްހޫރު ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާއަށް އޭނާގެ ފުރަތަމަ އަނބިމީހާގެ ވަކިވުން ހަނދާން ނައްތާލުމަކީ އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

ދިވްޔާ މަރުވިތާ އަށް އަހަރުވީއިރު ވެސް ސާޖިދު އެހެން ކައިވެންޏެއް ނުކޮށް އެ ހިތާމައިގައި ދެމި ހުއްޓެވެ. ވަރްދާ ނަދިއަދްވާލާ އާ ސާޖިދު ކައިވެނި ކުރީ 2000 ވަނަ އަހަރު އެވެ. ވަރުދާ އަކީ އޭރު ވަރަށް ކުޅަދާނަ ނޫސްވެރިއެކެވެ. ނަމަވެސް ސާޖިދު ދެކެ ލޯބިވެގެން އޭނާ ވަޒީފާ ވެސް ދޫކޮށްލީ އެވެ.

ވަރްދާ ބުނި ގޮތުގައި ދިވްޔާ މަރުވީއްސުރެ ސާޖިދުގެ ލޯބި ކާމިޔާބު ކުރެވޭތޯ އޭނާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކި އެކި ރޭވުންތައް ރާވައި ސާޖިދުގެ އާއިލާގެ މީހުންނަށް ހޭހަން ކޮށްދީގެން ވެސް ސާޖިދުގެ ހިތް އަތުލެވޭތޯ އޭނާ މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބުވީ އަށް އަހަރު ދުވަހު ހިތްވަރު އެލުވާ ނުލައި ކުރި ބުރަ މަސައްކަތުންނެވެ.

ވަރްދާ ބުނި ގޮތުގައި އެ ދުވަސްވަރު އޭނާ އުޅުނީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ގައި ޝާހްރުކް ޚާން އުޅުނު ގޮތަށެވެ. ސާޖިދުގެ ސަމާލުކަން ހޯދަން އޭނާ ނުކުރާ އެއްކަމެއް ވެސް ނެތެވެ.

މިހާރު ސާޖިދު އާއި ވަރްދާގެ ކައިވެންޏަށް 19 ވަރަކަށް އަހަރު ފުރިފައިވާއިރު ދެ މަފިރިންނަށް ދެ ފިރިހެން ދަރިން ވެސް ލިބި އެ ދަރިން ވެސް މިހާރު ވަނީ ޓީންއޭޖް އުމުރަށް އަޅާފަ އެވެ.

ނަމަވެސް ދިވްޔާގެ ފޭނުން ކަމަށް ބުނާ ބަޔަކު މިހާރުވެސް ސޯޝަލް މީޑިއާގައި ވަރްދާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރަމުން ދެއެވެ. އިންޑިޔާގެ އޮންލައިން ނޫހަކަށް ވަރްދާ މިފަހަރު އިންޓަވިއު ދިނީ އޭނާއަށް ފުރައްސާރަކުރާ މީހުންނަށް ޖަވާބު ދިނުމަށެވެ.

ވަރްދާ ބުނީ ދިވްޔާގެ ހަނދާންތައް އެ އާއިލާއިން އަބަދުވެސް ދަމަހައްޓާނެ އެވެ.

"މިހާރުވެސް އަހަރެންގެ ކުދިން ދިވްޔާގެ ފިލްމެއް ބަލަންޏާ އޭނާއާ މުޚާތަބު ކުރާނީ ބޮޑު މަންމައޭ ކިޔާފަ. އެހާވެސް އަގު މާތް ގުޅުމެއް އަހަރެމެންނާއި ދިވްޔާގެ މެދުގައި އެބައޮތް،" ވަރުދާ ބުންޏެވެ.

ދިވްޔާގެ މަންމަ މަރުވަންދެން ވެސް އެ އާއިލާއިން އޭނާއަށް ވެސް ވަރަށް ރަނގަޅަށް ކަންތައް ކޮށްދިން ކަމަށް ވަރްދާ ބުންޏެވެ.

"ސާޖިދު އަށް ދިވްޔާގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ. އޭނާ ޖެހި ސެންޓުފުޅިތަކާއި ހެއާ ކްރީމްތައް އަދި އެނޫންވެސް ވަރަށް ގިނަ ހަނދާންތައް ސާޖިދު އަދިވެސް ވަރަށް ފަރުވާތެރިކަމާއެކު ރައްކާ ކޮށްގެން ގެންގުޅޭ،" ވަރުދާ ބުންޏެވެ.

ވަރުދާ އިތުރަށް ބުނީ މިހާރުވެސް ދިވްޔާގެ ބައްޕަ އާއި ކޮއްކޮ އަކީ އޭނާގެ އަމިއްލަ ބައްޕަ އާއި ކޮއްކޮ ކަމުގައި ދެކިގެން އެމީހުންނާ ގާތް ގުޅުމެއް ބާއްވާ ކަމަށާއި ދިވްޔާގެ ހަނދާންތައް އެ އާއިލާއިން ދުވަހަކު ވެސް ނައްތައެއް ނުލާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ވަރްދާ އަށް މުޚާތަބުކޮށް ބައެއް މީހުން ދިވްޔާ މާ ރަނގަޅޭ ކިޔައިގެން ވެސް ދިމާ ކުރެ އެވެ. މި މީހުންނަށް ވަރްދާގެ ޖަވާބަކީ "އާނއެކެވެ. ދިވްޔާ ވަރަށް ރަނގަޅެވެ. ހަގީގަތުގައި ވެސް އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. އެހެންވެ އަހަރެމެން އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވެޔޭ" އެވެ.

ވަރްދާ ބުނި ގޮތުގައި އޭނާ ސާޖިދު އާ ކައިވެނިކުރީ ދިވްޔާގެ މަގާމު ސާޖިދުގެ ހަޔާތުން ހޯދާކަށް ނޫނެވެ. ދިވްޔާގެ މަގާމު އަބަދުވެސް އެ އޮތްގޮތަށް އޮންނާނެ ކަމަށާއި ސާޖިދުގެ ހިތުން އޭނާ ހޯދީ އަމިއްލަ ޖާގައެއް ކަމަށް ވަރްދާ ބުންޏެވެ.

"ހަނދާންތަކަކީ އަބަދުވެސް އުފާވެރި އެއްޗެއް. އެހެންވީމާ އަހަރެންނާ އެއްވެސް މީހަކު ދިމާ ނުކުރޭ. ދިވްޔާ އަކީ އަހަރެންގެ ހަޔާތުގެ ވެސް ހިއްސާ އެއް. އަދި އެ ހިއްސާ އާއެކު އަހަރެމެން އުފާވެރި ދިރިއުޅުމެއް މި އުޅެމުންދަނީ،" ވަރްދާ ބުންޏެވެ.