ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮސްޓްރިއާ މީހަކު ކަރަންޓީނު ކުރަން އަމުރު ނެރެން ޖެހިއްޖެ

މާލޭ ސިޓީގައި އޮސްޓްރިއާ މީހަކު ކަރަންޓީނު ކުރުމަށް ދެކޮޅު ހެދުމާ ގުޅިގެން ކޯޓުން އަމުރު ނެރެ، އެކަން ތަންފީޒު ކުރަން ޖެހިއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަރަންޓީނުވުމަށް އަންގާ އެންގުމަށް ދެކޮޅު ހަދާނަމަ، ކޯޓުން އަމުރު ނެރެ އެކަން ތަންފީޒު ކުރެ އެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން އަންގާ ކަރަންޓީނަށް ދިޔުން ފަދަ އެންގުންތަކާ ދެކޮޅު ހެދުމަކީ ޖިނާއީ ކުށެކެވެ. މިގޮތަށް އަމުރުތަކަށް ދެކޮޅު ހެދި ބައެއް މީހުންގެ މައްސަލަތައް ފުލުހަށް ހުށަހެޅިފައިވެ އެވެ.

ސިވިލް ކޯޓުން މިއަދު ބުނީ ރޭ މެންދަމުގެ ވަގުތެއްގައިި އެ ކޯޓުން ކޯޓު އަމުރެއް ނެރެފައިވަނީ އޮސްޓްރިއާއަށް ނިސްބަތްވާ މީހަކު ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދުމާ ގުޅިގެން ކަމަށެވެ. އެ އަމުރުގައި އޭނާ ކަރަންޓީނަށް ދިޔުމަށް އަމުރުކޮށް އެކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާފައިވެ އެވެ.

މިއީ ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ނެރުނު ހަތަރުވަނަ އަމުރެވެ. މީގެކުރިން ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ގެންދިޔަ އެވެ.

މާލެ ސިޓީގައި ކޮވިޑް-19އަށް އިންތިހާއަށް ފެތުރެމުންދާއިރު ގިނަ ބަޔަކު ކަރަންޓީނަށް ގެންދަން ވެސް ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންނާއި އާއިލާ މީހުން ހިމެނެ އެވެ.

ކޮވިޑް-19އަށް އިއްޔެ އެކަނި ވެސް 73 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ރޭ ކަރަންޓީނަށް ގެންދިޔަ އޮސްޓްރިއާ މީހާއަކީ މިއިން ކޮން ކޭސްއަކާ ގުޅުންހުރި މީހެއް ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ އިޓަލީގެ ދެ މީހެއްގެ ފަރާތުންނެވެ. އޭގެ ފަހުން މާލޭގައި ބަލި ފެތެރުނު ފަހުން ބަލި އެންމެ ގިނައިން ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. ދިވެހިންގެ އިތުރުން ދެން މާލެ ތެރެއިން ބަލި ޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނު މީހުންނަށެވެ.