މަރުކަޒީ ބޭންކުން ފައިސާ ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދިނުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލު ކޮށްފައިވަނީ ސަރުކާރަށް ފާރަވެރިވުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލާ މުޅިން ހިލާފަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މި ވަގުތު ބޭނުންވާ ކަމަށް ފިނޭސް މިނިސްޓްރީން ބުނާ އިތުރު 4.4 ބިލިއަން ރުފިޔާ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އިސްތިސްނާ ވުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ޖަލްސާގަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްތިސްނާ ވާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުން ހުއްދަ ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
އެކަމާއި ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ އެ ފައިސާ ހަރަދުކުރާނެ ގޮތާއި އަނބުރާ ދައްކާނެ ގޮތުގެ ތަފްސީލުތައް ނެތި، މަޖިލީހުން ރަބަރު ސްޓޭމްޕެއް ޖަހާފައިވާ ކަމަށެވެ. ޖަމީލް ވިދާޅުވީ ފިނޭސް މިނިސްޓަރުގެ އެ ހުށައެޅުން ފާސްކުރީ މެންބަރުންގެ މުސާރަ ކަށަވަރު ކުރުމަށްޓަކައި އަމިއްލަ އެދުމުގައި ކަމަށެވެ.
"ފައިސާ ދަރަންޏަށް ނަގައިގެން މަޖިލީހުގެ މެމްބަރުންނަށާއި އެ ނޫންވެސް އެފަދަ ސިޔާސީ ފަރާތަތަކަށް ބޮޑެތި މުސާރަތަކާއި އެލަވެންސްތައް ދިނުމަކީ ޓެކްސް ދައްކާ އާންމު ރައްޔިތުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް. މި ދަނޑިވަޅުގައި ވެސް، މަޖިލިސް މެމްބަރުންނާއި ރައީސް އުފައްދަވާފައިވާ މަސްޢޫލިއްޔަތެއް އަދާ ނުކުރެވޭ ބޭކާރު ކޮމިޝަންތަކުގެ މެމްބަރުންނަށް ބޮޑެތި މުސާރަތައް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުން ނިންމި ނިމުމުގެ އަސާސަކީ، މެމްބަރުން އަމިއްލައަށް އެ މެމްބަރުންގެ ބޮޑު މުސާރަ ކުރިއަށް އޮތް ތަނުގައި ވެސް ދެވޭނެކަން ކަށަވަރުކުރުމަށްޓަކައި ފައިސާ ޖެހުން ހުއްދަ ކުރުން ކަމަށާއި އެކަން ކުރީ އާއްމު ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ބެލުމެއް ނެތި ކަމަށެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްދީފައިވާ ބަޖެޓެއްކަން ފާހަގަ ކުރައްވާ އެ ބަޖެޓް ފާސް ކުރިއިރު ދުނިޔެ އާއި ގައުމުގެ ހާލަތު އޮތް ގޮތް ބަދަލުވެފައިވާއިރު، ސަރުކާރުން ކުރަން ޖެހޭ ކަމަކީ މި އަހަރުގެ ދައުލަތުގެ ބަޖެޓް، މިހާރުގެ ހާލަތަށް ބިނާކޮށް އަލުން މުރާޖައާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަން ފާހަގަ ކުރައްވާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ނަޝީދުގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.
".އެކަން ކުރުމެއް ނެތި، މާ ބޮޑު ތަފްސީލްތަކެއް ނެތް ހުށަހެޅުމެއްގައި، އެކަމާ ދެކޮޅަށް މަޖިލީހުގައި އެހާ ވަރަށް ވާހަކަ ދެއްކެވުމަށް ފަހު، އެންމެ ފަހުން ރަބަރު ސްޓޭމްޕް ޖެހުމުން އެނގި ހާމަވެގެން ގޮސްފައި މިވަނީ މަޖިލީހާއި މެމްބަރުންނަކީ ކުޅޭކުޅޭ ބައެއް ކަން." ފިންނޭސް މިނިސްޓަރުގެ ހުށައެޅުމަށް މަޖިލީހުގެ މެންބަރުން ފާޑުވިދާޅުވުމަށް ފަހު އެ ހުށައެޅުން ފާސްކުރި ކުރުމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ އެވެ. އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
މިނިސްޓަރު އަމީރު އެދިވަޑައިގެންފައި ވަނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތި ކޮށްދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ. އޭރުން އެ ފައިސާ އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނީ ވެސް އަހަރު ދުވަހުގެ ތެރޭގަ އެވެ.
ފިނޭންސް މިނިސްޓަރުގެ ހުށައެޅުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ތާއީދުކުރި ނަމަވެސް އެ ހުށައެޅުމުގައި އެއްވެސް ތަފްސީލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ގިނަ މެންބަރުން ފާޅު ކުރެއްވިއެވެ. އަދި މި ހާލަތަށް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވި އަދަދަށްވުރެ މި ފައިސާ ގިނަކަން ފާހަގަކޮށް މެންބަރުން އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ. ނަމަވެސް އެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް އަދި ފިނޭންސްގެ ހުށައެޅުމުގެ އެއްވެސް ތަފްސީލެއް ނުލިބެނީސް މަޖިލީހުން ވަނީ އެ ހުށައެޅުން ފާސްކޮށްފައެވެ.