މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ރެންޑަމްކޮށް މާލޭ ސަރަހައްދުގައިވާ ފިހާރަތަކުގެ އިތުރުން މަގުމަތީގައި އުޅޭ މީހުން ޓެސްޓު ކުރަން ނިންމައިފި އެވެ.
އެންއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ރެންޑަމްކޮށް މިހާރު ވެސް ބިދޭސީން ދިރިއުޅޭ ފަދަ ތަންތަން ޓެސްޓު ކުރަމުން ގެންދާ ކަމަށެވެ.
އެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ބާޒާރުމައްޗާއި ކަންމަތީ ފިހާރަތަކުގައި ތިބޭ މީހުންގެ އިތުރުން ފެރީތަކާއި މަގުމަތީގައި އުޅޭ މީހުން ވެސް ރެންޑަމްކޮށް ޓެސްޓު ކުރަން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް މާލޭގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ކުރާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"މިއަދު ކުރި މަސައްކަތުގެ ތެރެއިން 25 ސާމްޕަލެއް ވަނީ ނެގިފައި. އެއީ މިއަދު ވިއްސާރައިގެ ސަބަބުން މާބޮޑަށް އެ މަސައްކަތް ނުކުރެވުނީމަ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
މިއަދު ފެނުނު 12 ކޭހަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 226 އަށް އަރައިފަ އެވެ.
އަފްޒަލް މިރޭ ވިދާޅުވި ގޮތުގައި، ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، މުޖުތަމައުގެ ތެރޭގައި ބަލި ޖެހިފައި ތިބި ގިނަ މީހުން އަދި ދެނެގަނެފައިވެސް ނުވާ ކަމަށެވެ.