މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސް މައާފުކޮށްދެއްވައިފި

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެ ކުރެވޭ އިތުރު ބާވަތްތަކަކުން ރައީސުލްޖުމްހޫރިއްޔާ ޑިއުޓީ މައާފު ކޮށްދެއްވައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެ ކުރުމަށް އެދޭ މުދަލުގެ ތެރެއިން، ސިއްހީ ދާއިރާގެ ބޭނުމަށް އިމްޕޯޓްކުރެވޭ ގޮގްލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވާއޯލް، ހަޒްމަޓް ސޫޓްސް، ސާޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓް ޑިއުޓީއާއި އެ ތަކެއްޗަށް ނެގޭ ޕްރޮސެސިން ފީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ރައީސުލްުޖުމްހޫރިއްޔާ މައާފުކޮށްދެއްވާފައިވާ ކަމަށެވެ.

މި ތަކެތީގެ ޑިއުޓީ މައާފުކޮށްދެއްވާފައިވަނީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ 8 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ 8 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނެޓައިޒާ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީވެސް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ މައާފު ކޮށްދެއްވާފައެވެ.