މާލެ ސިޓީއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ސަރުކާރުން ހާމަ ކޮށްފި އެވެ. އަލަށް ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.
ކޮވިޑް-19، ރާއްޖޭގެ ހާލަތާ ގުޅޭ ހުރިހާ މައުލޫމާތެއް ގެނެސްދޭ ހެލްތު މިނިސްޓްރީގެ ކޮވިޑް ޑޭޝްބޯޑުގައިވާ ގޮތުން ޕޮޒިޓިވްވި ދިވެހި މީހާއަކީ 33 އަހަރުގެ މީހެކެވެ. އޭނާއަކީ މީގެ ކުރިން ޕޮޒިޓިވްވި ބަޔަކާ ގުޅުން އޮތް މީހެކެވެ.
ބަންގްލަދޭޝް މީހާގެ އުމުރެއް ނެތެވެ. އަދި އޭނާއަކީ މީގެ ކުރިން ޕޮޒިޓިވްވީ މީހަކާ ގުޅުން އޮތް މީހެއް ކަމަކަށް ވެސް ޑޭޝްބޯޑްގައިވާ މައުލޫމާތުން އެނގޭކަށް ނެތެވެ. އެކަމަކު އެ ދެ މީހުންގެ ހާލު ވެސް ސްޓޭބަލް ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މި ދެ މީހުން ވެސް ޕޮޒިޓިވްވި ތާރީހެއް ކަމަށް ބުނެފައިވަނީ އިއްޔެ އެވެ. ނަމަވެސް އެ ދެ މީހުންގެ މައުލޫމާތު ހިމަނައި އެޗްޕީއޭއިން އަދި ޓްވީޓެއް ނުކުރެ އެވެ.
އިއްޔެ ވަނީ ޖުމްލަ 12 މީހަކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ނުވަ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހުންނާއި ޕާކިސްތާނު މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 228 އަށް އަރާފަ އެވެ.