ބޭރު ކުޅިވަރު

ނޫސްވެރިޔާ ކުރީ ތާކުންތާކު ނުޖެހޭ ސުވާލެއް: މޮރީނިއޯ

Sep 16, 2015

ތިން ވަނަ ސީޒަނެއްގައި އޭނާގެ ޕާފޯމަންސާ ބެހޭ ގޮތުން ސުވާލުކުރުމުން އެއީ ނޫސްވެރިޔާ ކުރި ތާކުންތާކު ނުޖެހޭ ސުވާލެއް ކަމަށް ބުނެ، ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ގާތަށް ރުޅިއަތުވެއްޖެ އެވެ.

މޮރީނިއޯ ބުނީ އެފަދަ ސުވާލުތަކަށް ޖަވާބު ލިބޭނީ ގޫގަލްއިން ކަމަށާއި އެކަން ކުރަން ނޫސްވެރިޔާ ދިއުމަށެވެ. ޕޯޗުގަލްގެ ކޯޗު ގާތަށް ރުޅިއައީ އިނގިރޭސި ލީގުގައި ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، ލީގުގެ 17 ވަނަ އަށް ވެއްޓިފައި އޮއްވައި ނޫސްވެރިން އޭނާގެ ގާބިލްކަމާމެދު ސުވާލުއުފެއްދުމުންނެވެ.

އޭނާގެ ކިބާގައި އަދިވެސް މޮޅު ކޯޗެއްގެ ފެންވަރު ހުރިތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ "ތިޔަ ސުވާލަކީ ތާކުންތާކު ނުޖެހޭ ސުވާލެއް،" ކަމަށާއި އޭނާއަށް މައާފްކުރުމަށެވެ.

އޭނާ އަށް ކޮންމެ ޓީމަކާއެކު ވެސް ތިން ވަނަ ސީޒަނުގައި ކާމިޔާބު ނުލިބޭ ކަމަށާއި ތިން ވަނަ ސީޒަނެއްގައި ޓީމަށް ކާމިޔާބު ހޯދައިދޭނެ ހިޔާލު ނުހުންނަނީތޯ ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލުކުރުމުން މޮރީނިއޯ ވަނީ ރައްދުވެސް ދީފަ އެވެ.

"ބަލާ އަހަރެންގެ ތިން ވަނަ ސީޒަން. ޕޯޓޯގައި އަހަރެން ތިން ސީޒަނެއް ހޭދައެއް ނުކުރަން. އަހަރެން ތިން ވަނަ ސީޒަން އިންޓަމިލާނުގައި. އަހަރެން އިންޓަމިލާނުގައި ނުހުންނަން ތިން ވަނަ ސީޒަނެއްގައި. އަހަރެންގެ ތިން ވަނަ ސީޒަން ޗެލްސީގައި ކޯޗުކަމާ ހަވާލުވި ފުރަތަމަ ފަހަރު. (އެފަހަރު) އަހަރެން ހޯދިން އެފްއޭކަޕާއި ކާލިންކަޕް. ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނިން. އަހަރެންގެ ތިން ވަނަ ސީޒަން ރެއާލް މެޑްރިޑުގައި. އަހަރެން ހޯދިން ސުޕަ ކަޕް. އަހަރެން ބަލިވީ ކޮޕާޑެލްރޭ ކަޕް ފައިނަލްގައި. އަދި އަހަރެންދިޔައިން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް. މިއީ އަހަރެންގެ ތިން ވަނަ ސީޒަނަކީ،" މޮރީނިއޯ ޖަވާބުދިނެވެ.

މިވަރުން ވެސް މި ޒުވާބު ނުނިމި ދިގުލައިދިޔައީ ނޫސްވެރިޔާ އިތުރަށް ސުވާލުކުރުމުންނެވެ.

ނޫސްވެރިޔާ: (ތިކަން) ޔަގީން. އެކަމަކު ކަލެއަށް އެނގޭތަ އަހަންނަށް އެގިފައިހުރިގޮތް.....

މޮރީނިއޯ: އެހެންވީމަ ތާކުންތާކު ނުޖެހޭ ސުވާލުކުރުމުގެ ބަދަލުގައި ކަލޭ ވަދޭ ގޫގަލް އަށް. ގޫގަލް އަށް ވަދެ ހޯދާ.

މި ހިސާބުން ނޫސްވެރިޔާ ވަނީ މޮރީނިއޯ އަށް އޭނާ ކުރި ސުވާލުގެ މައިގަނޑު ނޭނގޭ ކަމަށް ބުނެ އިތުރަށް ސުވާލުކޮށްފަ އެވެ. ރައްދުގައި މޮރީނިއޯ ބުނީ އޭނާ އަށް ސުވާލުގެ މައިގަނޑު އެނގޭ ކަމަށާއި މައިގަނޑަކީ އެއީ ތާކުންތާކުނުޖެހޭ ސުވާލެއް ކަމަށެވެ. އަދި ތިން ވަނަ ސީޒަނަކީ އޭނާ ކިޔައިދިން ގޮތް (އެކަނި) ކަމަށެވެ. އަދި އެސުވާލުކުރާނަމަ އިތުރަށް ވާހަކަ ނުދައްކަން އޭނާ ނިންމި އެވެ.

ޗެމްޕިއަންސް ލީގުގައި މާދަމާރޭ ޓެލްއަވިވްއާ ދެކޮޅަށް ކުޅުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި އެހެން ސުވާލުތަކަށް ޖަވާބުދެމުން މޮރީނިއޯ ބުނީ އޭނާ އަކީ އިނގިރޭސި ލީގުގެ ޗެމްޕިއަން ކޯޗު ކަމަށާއި އޭނާ ހާސްވާންޖެހޭ ކަމެއް ނެތް ކަމަށެވެ. ނަމަވެސް މެޗުތަކުން އަބަދުބަލިވުމަކީ އޭނާ އެދޭގޮތެއް ނޫން ކަމަށެވެ. އެކަމަކު ބައެއް ފަހަރު އެގޮތް މެދުވެރިވުމުން އެކަން ގަބޫލުކުރަންޖެހޭ ކަމަށާއި އެފަދަ ކަންކަމަށް މީހާ ފަރިތަވާންވެސް ޖެހޭ ކަމަށެވެ. އަދި ބަލިވުމަކީ ދެރަ އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ. މިހެންވެ ޓީމު ބަލިވާނަމަ  އޭނާ އަބަދު ހެވިފައި ނުހުންނާނެކަން ނޫސްވެރިން ގަބޫލު ކުރަންޖެހޭނެ ކަމަށާއި ޓީމު ބަލިވަމުންދާނަމަ ޕްރެސްކޮންފަރެންސްތަކުގައި ޖޯކުޖަހައި މަޖާވާހަކަ ދައްކަން އޭނާ ބޭނުންނުވާނެ ކަމަށެވެ.

އޭނާ މިހެން ބުނީ އެހެން ނޫސްވެރިއަކު އޭނާގެ ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުރުމަކީ ޓީމު ބަލިވަމުންދާތީވެ އެހިތާމައިގައި ކުރި ކަމެއްތޯ ވެސް ސުވާލުކުރުމުންނެވެ.