ބޮލީވުޑް

ސެކަންޑް އިނިންގްޒް: ކްރީތީ އާއި ރާޖްކުމާރުގެ އާ ފިލްމް

"ބަރޭލީ ކީ ބަރްފީ" ގައި ރާޖްކުމާރު ރާއޯ އާއި ކްރީތީ ސެނޯން އަދާކުރި ލޯބި ޖޯޑެއްގެ ރޯލަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އެ މީހުންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔައިރު ކޮމިކް ޓައިމިން އަށް ވެސް ކްރިޓިކްސް އާއި ބެލުންތެރިން ވަރަށް ތައުރީފު ކުރި އެވެ. މިހާރު އަނެއްކާވެސް މި ދެ ތަރިން އެކުގައި ފިލްމެއް ކުޅެން ދަނީ ތައްޔާރު ވަމުންނެވެ.

އަބީޝެކް ޖެއިން ޑައިރެކްޓްކުރާ މި ފިލްމުވެސް ކޮރޯނާވައިރަހުގެ ސަބަބުން ފެށުން ލަސްވެފައި ވިޔަސް ލޮކްޑައުން ނިމި އިންޑިޔާގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމުން ފިލްމުގެ މަސައްކަތް ފަށަން ދަނީ ރާވަމުންނެވެ.

ޕަރޭޝް ރާވަލް އާއި ޑިމްޕަލް ކަޕާޑިއާ ވެސް ވަރަށް މުހިއްމު ރޯލުތަކެއް ކުޅޭ މި ފިލްމަށް މިހާރު ވަނީ ނަމެއް ވެސް ކަނޑައަޅާފަ އެވެ. ފިލްމުގެ ނަމަކީ "ސެކަންޑް އިނިންގްޒް" ކަން ޑައިރެކްޓަރު ވަނީ ޔަގީންކޮށްދީފަ އެވެ.

އޭނާ ބުނި ގޮތުގައި މި ނަމަކީ ފިލްމުގެ ވާހަކައަށް ވަރަށް ފިޓްވާ ނަމެކެވެ. ސަބަބަކީ މި ފިލްމު ބިނާ ކޮށްފައި ވަނީ މައިންބަފައިންގެ އުމުރުން ދުވަސްވުމުން އެމީހުންގެ ހަޔާތަށް އަންނަ ހުސްކަން ފިލުވާލައި ދިނުމަށް ޒުވާން ޖޯޑެއް ކުރާ މަސައްކަތަށެވެ. އެގޮތުން މައިންބަފައިން އެޑޮޕްޓް ކުރަން މި ޖޯޑު ނިންމަ އެވެ.

މި ކޮމެޑީ ފިލްމުގައި މި ނޫންވެސް ބައެއް އިޖްތިމާއީ މައްސަލަތަކަށް ވެސް އަލިއަޅުވާލާނެ އެވެ. މި ފިލްމުގެ ޝޫޓިން ފަށަން ރާވާފައި އޮތީ މާޗް މަހު ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ މުޅިން ބަންދުކޮށްފައިވާތީ ޝޫޓިން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.