ކަންގަނާ

ވާރޭގެ ސަބަބުން ކަންގަނާގެ "ތަލައިވީ" ސެޓް ހަލާކުވަނީ

ކޮރޯނާވައިރަހުގެ ވަބާގެ ނުރައްކަލުގެ ސަބަބުން އިންޑިޔާ ލޮކްޑައުންއަކަށް ގޮސް ފިލްމު އުފެއްދުމުގެ މަސައްކަތް މާޗް މަހުން ފެށިގެން މުޅިން ހުއްޓިފައިވާއިރު ވަރަށް ގިނަ ޕްރޮޑަކްޝަން ހައުސްތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެކި ތަންތަން ކުއްޔަށް ނަގައިގެން ބޮޑެތި ސެޓުގައި ބިނާ ކޮށްފައިވާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ އިތުރުން މިހާރު ތައްޔާރުކޮށްފައިވާ ސެޓުތަކަށް ވެސް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

އެގޮތުން ކަންގަނާ ރަނާވަތު ކުޅެމުންދާ ޖަޔަލަލީތާގެ ބައޮޕިކް "ތަލައިވީ"ގެ ޝޫޓިން ލޮކްޑައުންގެ ސަބަބުން ހުއްޓާލަން ޖެހުމުން މިހާރުވެސް ފަސް ކްރޯޑުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމުގެ 45 ދުވަހުގެ ޝެޑިއުލްތައް މާޗް 10 ގައި ފެށުމަށް އޮތީ ހަމަޖެހިފަ އެވެ. އަދި މި ޝޫޓިންގަށް ހައިދަރްއާބާދުގެ ރާމަކްރިޝްނާ ސިނެ ސްޓޫޑިއޯޒްގައި ޕާލަމެންޓް ހައުސްއެއް ގޮތަށް ވަރަށް ބޮޑު ސެޓެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ޗެންނައިގައި ވެސް ހަމަ އެހާ ބޮޑު ސެޓެއް ތައްޔާރުކޮށްފައި ހުއްޓެވެ. އެމީހުން ރާވާފައިއޮތީ ވިއްސާރަ މޫސުން ފެށުމުގެ ކުރިން ދެ ޝެޑިއުލް ނިންމާލާށެވެ.

ސަބަބަކީ ސެޓު ތައްޔާރުކޮށްފައި ހުރި ގޮތުން ވާރޭ ވެހިއްޖެނަމަ ހަލާކުވާނެތީ އެވެ. ނަމަވެސް ކަން ދިމާވިގޮތުން ފިލްމުގެ ޝޫޓިންގް ނުފެށި ގިނަ ދުވަސްތަކެއް ދިޔައީ އެވެ. އަދި ވިއްސާރަ މޫސުން ބޯމަތިވީ އެވެ. ވާރޭ ވެހެން ފެށުމާއެކު ދެ ސެޓު ބޭނުން ނުކުރެވޭވަރަށް ހަލާކުވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝައިލޭޝް ސިންގް ބުންޏެވެ. އަދި އަލުން ސެޓު ތއްޔާރުކުރާނަމަ އެކަމަށް ވަރަށް ބޮޑު ޚަރަދެއް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރޮޑިއުސަރު ބުނީ އަދިވެސް ފިލްމުގެ 40 ޕަސެންޓް މަސައްކަތް ނުނިމި އޮތް ކަމަށާއި ކަންތައް މިވީ ގޮތުން ފިލްމުގެ ބަޖެޓު ވަރަށް ބޮޑުތަން އިތުރުވެގެން ދާނެ ކަމަށެވެ.