ބޭރު ކުޅިވަރު

މެންޗެސްޓާގެ ދެ ޓީމަށް ވެސް ނާކާމިޔާބު

Sep 16, 2015

ޗެމްޕިއަންސް ލީގުގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ދެ ޓީމު ވެސް ބަލިވެއްޖެ އެވެ.

މަޝްހޫރު ޔުނައިޓެޑް ބަލިވީ ޕީއެސްވީ އަތުން 2-1 އިންނެވެ. ހަމަ މި ނަތީޖާއިން ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިވީ އިޓަލީގެ ޔުވެންޓަސް އަތުންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ އެ ޓީމުންނެވެ. އެކަމަކު އެއީ ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީ އަތުން ބައިކޮޅަށް ވަންލަނޑެކެވެ. މި ލަނޑަށް ފަހު ޔުވެންޓަސް މޮޅުކޮށްދިނީ 70 ވަނަ މިނިޓްގައި މާރިއޯ މަންޒުކިޗާއި 81 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑުންނެވެ.

މެޗުން މޮޅުވުމުން ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ އެންމެ ބޮޑަށް ފާހަގަކުރީ އޭނާގެ ކެޕްޓަން އަދި ކީޕަރު ޖިއާން ލުއިޖީ ބުފޮންގެ ކުޅުމެވެ.

"ބުފޮން ވަރަށް މޮޅު ގިނަ ސޭވް ކުރި. ހާއްސަކޮށް އަހަރުމެން 1-0 އިން ބަލިވެފައި އޮއްވާ. އަހަރެން އުއްމީދުކުރަން އޭނާ ދިގު މުއްދަތެއްގައި އަދިވެސް ކުޅޭނެ ކަމަށް. ބުފޮން އަކީ އާދަޔާހިލާފު މޮޅު ކީޕަރެއް. އެއީ ދުނިޔޭގެ ފުޓްބޯޅަ ދުށް އެންމެ މޮޅު ކީޕަރު. އޭނާ އެއްވެސްއިރަކު ފެއިލްނުވޭ،" އުމުރުން 37 އަހަރުގެ ކީޕަރާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.

ޔުނައިޓެޑް ބަލިވިއިރު ފުރަތަމަ ގޯލު ޖެހީ އެ ޓީމުންނެވެ. މެމްފިސް ޑެޕޭ 41 ވަނަ މިނިޓްގައި ގޯލު ޖެހި ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން މޮރޭނޯ އަދި 57 ވަނަ މިނިޓްގައި ނާސިންގް ޖެހި ލަނޑު ޖަހައި ޕީއެސްވީ މޮޅުކޮށްދިނެވެ.

ޕީއެސްވީގެ ކުޅުންތެރިއަކު ކުރި ނުރައްކާތެރި ޓެކުލަކުން ޔުނައިޓެޑުގެ ލޫކްޝޯގެ ފައިގެ ދެ ކަށިގަނޑެއް ބިންދައިގެންދިޔަ މި މެޗާ ބެހޭ ގޮތުން ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ މިއީ އިނގިރޭސި ލީގުގައި ސްވަންސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު ފަދަ މެޗެއް ކަމަށެވެ.

"އަހަރުމެން މެޗު ޑޮމިނޭޓްކުރީ. އަހަރުމެން ޗާންސް ހޯދަނީވެސް އެކަމަކު ނިންމާނުލެވޭ. އެމީހުންނަށް ފުރަތަމަ ފުރުސަތު ލިބުނީ ކޯނަރަރުން. އެބޯޅަ ޖޯލަށް ޖެހީ. ދެ ވަނަ ގޯލަކީ އަހަރުމެން އެޓޭކް ކުރަނިކޮށް ގެއްލުނު ބޯޅައަކުން އެމީހުން ޖެހި ގޯލެއް. ޕީއެސްވީ އަށް މިއީ ފައްކާ މޮޅެއް. އެކަމަކު އަހަރުމެންނަށް ގޯސް ނަތީޖާއެއް،" އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އަލުން ޗެމްޕިއަންސް ލީގުގައި ކުޅުނު ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.