ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިލަންދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ނަރުދޫ، އަމާޒު ބޯޓުގައި ދަތުރުކުރި އެ އަތޮޅު މިލަންދޫ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ.

މިލަންދޫ ކައުންސިލްގެ މެންބަރު އަބްދުﷲ ފާއިޒު އަވަސްއަށް މިއަދު ވިދާޅުވި ގޮތުގައި އަމާޒު ބޯޓުން އެ ރަށަށް ފަސް މީހަކު އައެވެ. އެމީހުންގެ ސާމްޕަލްތައް ނަގާފައިވާއިރު މިއަދު ވަނީ ދެ މީހެއްގެ ސާމްޕަލްގެ ނަތީޖާ މީގެ ކުޑަ އިރުކޮޅެއް ކުރިން ލިބިފަ އެވެ.

އޭގެ ތެރެއިން އެކެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު އަނެއް މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ފާއިޒު ވިދާޅުވި އެވެ. އަދި ނަތީޖާ ނުލިބޭ ތިން ސާމްޕަލެއް އެބަ އޮތެވެ.

އަމާޒު ބޯޓުގެ ކައްޕި، ނަރުދޫގައި ހުއްޓާވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އަމާޒު ބޯޓުން ދަތުރުކުރި މިލިންދޫ މީހުންގެ ގެތައް ހުރީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ. ޕޮޒިޓިވްވި މީހާ ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ މާލެއިން ބޭރުން ކޮވިޑަށް ޕޮޒިޓިވް މީހުން ފެނުނު ހަތަރުވަނަ ރަށެވެ. މީގެކުރިން ހއ. އުލިގަމް، ނަރުދޫ އަދި ތުލުސްދޫއިން ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އަމާޒު ބޯޓުގައި 100 އެއްހާ މީހުން ދަތުރުކޮށްފައިވާއިރު ނ. ށ. އަދި ހއ. ހިމެނޭ ގޮތަށް 13 ރަށެއްގައި އެ ބޯޓުގައި މަޑުކުރި އެވެ. ބޯޓުގައި ދަތުރުކުރި އެންމެންގެ ސާމްޕަލް ނެގުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ 13 ރަށުގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ވެސް އަމާޒު ބޯޓުން ދަތުރުކުރި ތިން މީހަކު އެބަ ތިއްބެވެ.

ގިނަ ނަތީޖާތައް އަދި ނުލިބޭއިރު ނަރުދޫއިން ސާމްޕަލް ނެގި ހަ މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ކައްޕިގެ އާއިލާ މީހުން ހިމެނެ އެވެ.