ބޭރު ކުޅިވަރު

ލޫކް ޝޯގެ ފައިގެ ދެ ތަނުން ބިންދައިގެން ހިނގައްޖެ

Sep 16, 2015

މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯގެ ފައިގެ ދެ ކަޑިގަނޑެއް ބިންދައިގެން ހިނގައްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ އަތުން ޔުނައިޓެޑް 2-1 އިން ބަލިވި މެޗުގައި އޭނާގެ ފައި ބިންދައިގެންދިޔައީ މެކްސިކޯގެ ހެކްޓަ މޮރޭނޯ ކުރި ނުރައްކާތެރި ޓެކުލަކުންނެވެ.

ދަނޑުމަތީގައި 10 މިނިޓްވަންދެން ފަރުވާދިނުމަށްފަހު ޝޯ އަށިގަނޑުގައި ދަނޑުން ބޭލީ އޮކްސިޖަން މާސްކް ވެސް އަޅުވައިގެންނެވެ. އޭނާ އަކީ ޔުނައިޓެޑުގައި މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ. އަދި ކޯޗު ލުއިސް ވެންހާލްގެ ޓީމުން ގަވާއިދުން ފުރަތަމަ 11 ގައި ކުޅެމުން އައި ކުޅުންތެރިޔާވެސްމެ އެވެ.

އޭނާ އަށް އަނިޔާވުމުން ވެންހާލް ހުރީ ވަރަށް ބޮޑަށް ދެރަވެފަ އެވެ.

"އެއީ ވަރަށް ގޯސް ޓެކުލެއް. ޗޭންޖިން ރޫމުގައި އޮކްސިޖަން މާސްކް އަޅާފައި އޭނާ ބާއްވާފައި އޮތްއިރު އޭނާ ގެންދިޔައީ ރޮމުން،" ވެންހާލް ބުންޏެވެ.

ނަމަވެސް މި ފައުލަށް ރެފްރީ އެއްވެސް އަދަބެއް ނުދެ އެވެ. އެކަމާ ވެސް ވެންހާލް ފާޑުކިޔާފައިވެ އެވެ.

"އަހަރެން އެއީ ރަތްކާޑެއް އަދި ޕެނަލްޓީއެކޭ ބުނެފިއްޔާ ކަލޭމެން ބުނާނެ އަހަންނަކީ ގޯސްމީހެކޭ. އަހަރެން ބުނާ ކޮންމެ އެއްޗެއް ނަގަނީ ގޯސްކޮށް. އެކަމަކު އެއީ 18 ޔާޑުގެ ބޮކްސް ދެ ފަޔަށް އަމާޒުވާގޮތަށް ކުރި ނުރައްކާތެރި ފައުލެއް. މިއީ އުމުރުން އެންމެ 18 އަހަރުގައި [މިދިޔަ ސީޒަނުގައި] މެންޗެސްޓާ އަށް އައި ކުއްޖަކަށް ވަރަށް އުނދަގޫ މަރުހަލާއެއް. އަހަންނަކީ ޑޮކްޓަރެއްނޫން. އެކަމަކު މިގޮތަށް ދެތަނުން ބިންދައިގެންގޮސްފިނަމަ އާއްމުކޮށް ހަމަ މަސް ހޭދަވާނެ. އޭނާ އަށް ދެން [ޗެމްޕިއަންސް ލީގުގެ] ގްރޫޕް ސްޓޭޖުގައި ނުކުޅެވޭނެ. އެކަމަކު އަހަރެން އުއްމީދު ކުރަން އޭނާ އަށް މި ސީޒަނުގައި ކުޅެވޭނެ ކަމަށް" ކޯޗު ބުންޏެވެ.

މި ސީޒަން ފެށުމުގެ ކުރިން އުމުރުން 20 އަހަރުގެ ކުޅުންތެރިޔާއާ ބެހޭ ގޮތުން ވެންހާލް ބުނީ މިއީ ޝޯގެ ސީޒަނަކަށްވާނެ ކަމަށެވެ. ނަމަވެސް މިހާރު އެހުރިހާ އުއްމީދެއް ގެއްލިފައިވާއިރު އިނގިރޭސި މީޑިޔާތަކުގެ އެނަލިސްޓުން ވެސް ދަނީ ލޫކް ޝޯ އަށް ކުރި ފައުލަކީ ނުރައްކާތެރި ފައުލެއް ކަމަށް އެއްބަސްވެފަ އެވެ.

އޭނާ އަށް މެންޗެސްޓާ އާއި އިނގިރޭސި އެހާރާއި މިހާރުގެ ކުޅުންތެރިން އަވަސް ޝިފާ އަކަށް އެދި ހެޔޮއެދުމުގެ މެސެޖްތައް ފޮނުވާއިރު އާސެނަލްގެ އާރޮން ރަމްސޭ ވެސް ވަނީ އެފަދަ މެސެޖެއް ފޮނުވާފަ އެވެ. ރަމްސޭއަކީ މީގެ ކުރިން މިފަދަ އަނިޔާއަކާ ކުރިމަތިވި ކުޅުންތެރިއެކެވެ.

ލޫކް ޝޯ ނެތުމަކީ އިނގިރޭސި ގައުމީ ޓީމަށް ވެސް ބޮޑު ގެއްލުމަކަށްވާނެ އެވެ.