ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ނަޝީދުގެ ބޭބޭ!

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ބައިވެރިވަމުން ދާތީ އެ ބައްދަލުވުންތަކުގައި ބައިވެރިވާން ކައުންސިލްގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރުން ގެންދަނީ ސްކައިޕް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވަމުންނެވެ. އެއީ ކޮވިޑް ޓާސްކް ފޯހުގެ ބައްދަލުވުންތަކާއި، ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކެވެ.

ކޮވިޑް ޓާސްކް ފޯހުގެ ބައްދަލުވުމުގައި މީގެ ކުރިން ވެސް ނާޝިދު ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް މިއަދު ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ވެސް ނާޝިދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެ ކައުންސިލްގެ ތިން މެންބަރަކު ފިޔަވާ އެހެން ހުރިހާ ކައުންސިލަރުން ވަނީ ބައްދަލުވުމުގައި ބައިވެރިވާން ދެކޮޅު ހަދައި ގުރޫޕް ދޫކޮށް ނުކުންނަވާފަ އެވެ. މެންބަރުން އެ ގުރޫޕް ދޫކޮށް ނުކުންނެވީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ނާޝިދުގެ މަޝްވަރާ ހޯއްދަވާ، އެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ނާޝިދަށް ފުރުސަތު ވެސް ދެއްވުމުންނެވެ.

ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ނާޝިދުގެ އިތުރުން އެެހެން ބޭފުޅަކު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ބައެއް ކައުންސިލަރުން ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވީ މަޝްވަރާ ދެއްވާ ބޭފުޅުންގެ ހައިސިއްޔަތުން ކަމަށް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ކަމަށް ވެސް އެ ކައުންސިލަރުން ވިދާޅުވެ އެވެ.

"އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯ މަޝްވަރާ ދެއްވާ ބޭފުޅުން ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ބައިވެރި، އެޖެންޑާގައި ހުރި ކަންކަމާމެދު ކައުންސިލަރުން ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކަވަންވީ. އެހެންނަމަ މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުންގެ އިތުުރުން އެހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ނޫންތޯއޭ... ނަމަވެސް އެެއިން އެއްވެސް ކަމަކަށް ނުބަލާ މޭޔަރު ގެންދެވީ ނާޝިދަށް ފުރުސަތުދީ ނާޝިދުގެ މަޝްވަރާގެ މަތިން ކަންކަން ނިންމަމުން." ކައުންސިލަރަކު ވިދާޅުވިއެވެ.

ކައުންސިލަރުން ވިދާޅުވީ ނާޝިދު ބައިވެރި ކޮށްގެން ތިން ކައުންސިލަރުން ހިމެނޭ ގޮތުން މިއަދުގެ ޖަލްސާ މޭޔަރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ކައުންސިލް ބައްދަލުވުމުގެ ކޯރަމަކީ ހަތް މެންބަރުންނެވެ.

"ހަގީގަތުގައި ވަކި އުސޫލެެއްގެ ތެރެއިން ވަރަށް ރަނގަޅަށް މިކަންކަން ހިނގަމުން މިދަނީ ކޮވިޑްގެ ދުވަސްވަރު. ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކަށް މެންބަރުން މި ތިބީ ވަރަށް ބޮޑަށް ތައްޔާރަށް. ނަމަވެސް ނިޒާމް މުޅިން ގަޑުބަޑުކަމެއްގެ ތެރެއަށް މިދަނީ."

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.